މެންޗެސްޓާ (ޑިސެމްބަރު 9) – ވޭލްސްގެ ކޯޗުކަމާ ހަވާލުވާން ޝައުގެރިވާކަމަށް އެ ގައުމަށް އުފަން މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ރިޔާން ގިގްސް ބުނެފި އެވެ.
ވޭލްސްގެ ކޯޗުކަމުން ކްރިސް ކޯލްމަން މިދިޔަ މަހު އިސްތިއުފާ ދިނުމާ އެކު އެ ޓީމުން އަންނަނީ އާ ކޯޗަކަށް ބަލަމުންނެވެ. މިދިޔަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދި ވޭލްސް އަށް އަންނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެ އެވެ. އެހެންވެ މިއީ ޓީމު އަލުން ހަމަޔަކަށް އަޅުވަން ވިސްނާ ވަގުތު ކަމަށް ބެލެވެ އެވެ.
"އަހަރެން ޝައުގުވެރިވޭ. އަހަރެން ވޭލްސް އަށް ކުޅުނިން. އަހަރެން ބުނެފައިވާނެ އަހަރެން އަލުން ކޯޗިންގެ ތެރެއަށް ދާން ބޭނުންވާ ވާހަކަ. އަހަރެން (މެންޗެސްޓާ) ޔުނައިޓެޑަށް ކުޅުނިން. އަހަރެން ވޭލްސް އަށް ކުޅުނިން. އެއީ އަހަރެން ބޭނުންވާ ދެ ވަޒީފާއަކީ. އަހަރެން އެއްވެސް މީހަކާ މި ވާހަކަ ނުދައްކަން. އެކަމަކު ޔަގީނުން ވެސް އަހަރެން ޝައުގުވެރިވޭ،" ގިގްސް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑަށް 1990 އިން 2014 އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ގިގްސް ވަނީ ޔުނައިޓެޑުގެ ވަގުތީ ކޯޗަކަށް ދުވަސްކޮޅަކު މަސައްކަތްކޮށްފަ އެވެ. އަދި ލުއިސް ވެން ހާލުގެ އެސިސްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ.