ލަންޑަން (އޮކްޓޯބަރު 24) - ހުސްވެފައިވާ ލެސްޓާ ސިޓީ އާއި އެވަޓަންގެ ކޯޗުކަމުގެ ވަޒީފާ އަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ތަރި ރަޔާން ގިގްސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ލެސްޓާ އިން އެ ޓީމުގެ ކޯޗުކަމުން ކްރެއިގް ޝޭކްސްޕެއާ ވަކިކުރީ މިދިޔަ ހަފްތާގަ އެވެ. އެވަޓަން އިން ރޮނާލްޑް ކޫމަން ވަކިކުރީ އިއްޔެ އެވެ. މި ދެ ކްލަބުން ވެސް އަންނަނީ އާ ކޯޗެއް ހޯދުމުގެ މަަސައްކަތް ކުރަމުންނެވެ.
"މި ކްލަބްތަކަށް (ލެސްޓާ އާއި އެވަޓަން) އަހަރެންގެ ޝައުގުވެރިކަން އެބަހުރި. މި ދެ ޓީމަށް ބަލާއިރު ލެސްްޓާ އަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނެއް ދެ ސީޒަން ކުރިން. އެވަޓަން އަކީ ވަރުގަދަ ޓީމެއް ކާމިޔާބު ތާރީހެއް އޮތް. ވަރަށް ބައިވަރު ކޯޗުން މި ދެ ޓީމަށް ޝައުގުވެރިވާނެ،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގިގްސް ބުންޏެވެ.
ގިގްސް ވަނީ 2014 ވަނަ އަހަރުގެ ސީޒަނުގެ ފަހުކޮޅު ޔުުނައިޓެޑުގެ ކޯޗުކަމުން ޑޭވިޑް މޮއިސް ވަކިކުރުމުން ވަގުތީ ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. އަދި އޭގެ ފަހުން ލުއީ ވެން ހާލްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ހުރި އެވެ.
އުމުރުން 43 އަހަރުގެ ގިގްސް ވަނީ މިދިޔަ ސީޒަނުގައި ސްވަންސީ ސިޓީއާ ހަވާލުވާން ވެގެން އެ ޓީމާ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް ގިގްސްގެ ބައެއް ހުށަހެޅުންތަކާ ސްވަންސީ އިން ދެކޮޅު ހެދުމުން އޭނާ އެ ޓީމާ ހަވާލުނުވި އެވެ.
ގިގްސްގެ ވިސްނުން ހުރީ ދިގު މުސްތަގުބަލަކަށް ކްލަބަކާ ހަވާލުވެ ޓީމެއް ބިނާ ކުރުމަށެވެ. އެހެން ނަމަވެސް ފުޓްބޯޅައިގައި މިހާރު ކަންތައް ހިނގާގޮތުން ކާމިޔާބު ނުލިބި ޓީމެއް ބިނާކުރަން ވަގުތު ދޭނެ ކްލަބްތައް ވަރަށް މަދުކަމަށް އޭނާ ވަނީ ބުނެފަ އެވެ.