ރަޝިޔާ އިން 2014 ވަނަ އަހަރު ހިފައި އެ ގައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ޔޫކްރޭންގެ ދެކުނު ޖަޒީރާއެއް ކަމަށްވާ ކްރީމިއާގައި ހުރި ރަޝިޔާގެ އަސްކަރީ މައި މަރުކަޒަށް ޔޫކްރޭނުން ވަރުގަދަ ހަމަލާތަކެއް އިއްޔެ ދީފި އެވެ.

ރަޝިޔާގެ ފަރާތުން ކްރީމިއާ އަށް ކަނޑައަޅާފައި ހުންނަ ގަވަރުނަރު މިޚައީލް ރަޒްވޮޒަޔޭވް ވިދާޅުވި ގޮތުގައި ޔޫކްރޭންގެ އަސްކަރީ ޑްރޯނަކުން އިއްޔެ ހަމަލާ ދިނީ، ކްރީމިއާގެ ސެވަސްޓޮޕޯލް ސަހަރުގެ އައްސޭރީގައި ގާއިމުކޮށްފައިވާ ކަނޑުގެ ސިފައިންގެ މަރުކަޒަކަށެވެ. ރައްދުގައި ރަޝިޔާ ސިފައިން ދިން ހަމަލާތަކެއްގައި، އެ ޑްރޯން ވައްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަޅުކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ގާއިމުކޮށްފައި ހުންނަނީ، ސެވަސްޓޮޕޯލް ސަހަރުގެ އައްސޭރީގަ އެވެ. ކްރީމިއާގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒުތަކަށާއި، ރަޝިޔާ ސިފައިންގެ މަގާމުތަކަށް ޔޫކްރޭނުން ދޭ ހަމަލާތައް، މި މަސް ފެށުމާ އެކު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

ކްރީމިއާގެ ގަވަރުނަރު ވިދާޅުވި ގޮތުގައި ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދިން ނަމަވެސް، އެ އަސްކަރީ މަރުކަޒަށް މާ ބޮޑު ގެއްލުންތަކެއް ނުލިބެ އެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް، މިއަދު މެންދުރު ފަހުން ދިން ވަރުގަދަ ހަމަލާއަށް ފަހު، އެ މަރުކަޒުން ވަރަށް ގިނަ އިރު ވަންދެން، ވަރަށް އޮލަކޮށް ދުން އަރަމުން ދިޔަ މަންޒަރު ފެނިފައިވެ އެވެ.

ޔޫކްރޭން ސިފައިން ކްރީމިއާ ސަރަހައްދުގައި ދެމުންދާ ހަމަލާތަކުގައި މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ، ޑްރޯން މަތިންދާބޯޓުތަކެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް ސެވަސްޓޮޕޯލް ސަހަރުގައި ހުންނަ ރަޝިޔާގެ ވައިގެ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާތަކެއް ދިނެވެ. އަދި އެ ސަހަރުގެ ކަނޑުގެ ބަނދަރުގައި ތިބި ރަޝިޔާ ސިފައިންގެ މަގާމުތަކަށް އަމާޒުކޮށް، މިދިޔަ ހުކު ދުވަހު ވެސް ޑްރޯން ހަމަލާތަކެއް ދިނެވެ.

އޭގެ އިތުރުން ކްރީމިއާގެ ހުޅަނގު އައްސޭރި ސަރަހައްދުގައި ގާއިމުކޮށްފައިވާ ރަޝިޔާ ސިފައިންގެ ވައިގެ މަރުކަޒަކަށް، މި މަހުގެ ކުރީކޮޅު ޔޫކްރޭން ސިފައިން ދިން ޑްރޯން ހަމަލާތަކެއްގައި، ރަޝިޔާގެ ހަނގުރާމަމަތީ ނުވަ މަތިންދާބޯޓު ހަލާކުކޮށްލި އެވެ.

ނަމަވެސް މި ހަމަލާތަކާ ގުޅޭ ގޮތުން ޔޫކްރޭން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.