ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ސަހަރެއް ކަމަށްވާ ބެލްގޮރޯޑް އަށް، ރަޝިޔާގެ ހަނގުރާމަވެރިންގެ ބަޔަކު ވަރުގަދަ ހަމަލާތަކެއް އިއްޔެ ދީފި އެވެ.
ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތަކުން މި ހަމަލާތައް ދިނީ ޔޫކްރޭންގެ ސިފައިންނާ ގުޅިގެން ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ. ދެ ގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް، ރަޝިޔާގެ ތެރެއަށް ވަދެފައިވާ ހަނގުރާމަވެރިން އެ ސަރަހައްދުން ފައްސައިލުމަށް ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ހަނގުރާމަވެރިންގެ ބަޔަކު ބެލްގޮރޯޑް އަށް ހަމަލާދިނުމުގައި ޑްރޯންތަކެއް ވެސް ބޭނުންކުރި އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯންތައް ވައްޓައިލި ކަމަށާއި، އެ ސަރަހައްދުން ޓެރަރިސްޓުން ހުސްކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެ އެވެ.
އިއްޔެގެ މި ހަމަލާތަކާ ގުޅިގެން، ބެލްގޮރޯޑްގެ ބައެއް އަވަށްތަކުން މީހުން ވަނީ ފައިބައިގެން އެހެން ސަރަހައްދުތަކަށް ގޮސްފަ އެވެ. އަދި އެ އަވަށްތަކުގައި ހަނގުރާމަވެރިންގެ ބަޔަކު އަދިވެސް ފިލައިގެން އުޅޭތީ، ގެދޮރު ދޫކޮށް ދިޔަ މީހުން އެނބުރި އައުމަކީ މިވަގުތަށް ރައްކާތެރި ކަމެއް ނޫން ކަމަށް، އެ ސަރަހައްދުގެ ގަވަރުނަރު ވިދާޅުވެ އެވެ.
މީގެ މީގެ 15 މަސްދުވަސް ކުރިން ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ސަރަހައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ތެރެއަށް ދިން މި ބާވަތުގެ އެންމެ ވަރުގަދަ ހަމަލާ އެވެ. އިއްޔެގެ ހަމަލާތަކުގައި ބެލްގޮރޯޑް ސަހަރުން އަންހެނަކާއި އިތުރު ދެ ފިރިހެނުން މަރުވެ، ބައެއް މީހުން ޒަޚަމްވި އެވެ.
ޔޫކްރޭންގެ ނޫސްތަކުން ބުނާ ގޮތުގައި ބެލްގޮރޯޑްގެ ތެރެއަށް ހަމަލާ ދިނީ ރަޝިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ ދެ ޖަމާއަތެއް ކަމަށްވާ، ލިބަޓީ އޮފް ރަޝިޔާ ލެޖަން އާއި ރަޝިޔަން ވޮލަންޓަރީ ކޯޕްސް ކިޔާ ދެ ގުރޫޕެވެ. މި ދެ ގުރޫޕުގެ މީހުންނާ ޔޫކްރޭންގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން މުޅިން ސާފު ނުވިޔަސް، ތުހުމަތުކުރެވޭ ގޮތުގައި ރަޝިޔާގެ ރައީސް ޕުޓިންއާ ދެކޮޅު އެ ދެ ޖަމާއަތަށް ވާގިވެރިވަނީ ޔޫކްރޭންގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓީތަކުންނެވެ.
މި ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޔޫކްރޭނުން ބުނި ނަމަވެސް، އެ ހަމަލާގައި ބައިވެރިވި މީހުން ސަރަހައްދީ ރޮނގު ހުރަސްކޮށް ބެލްގޮރޯޑް އަށް ވަނީ ޔޫކްރޭންގެ ތެރެއިން ކަމަށް ރަޝިޔާ ސަރުކާރުން ތުހުމަތުކުރެ އެވެ. ހަނގުރާމަވެރިން ބެލްގޮރޯޑް އަށް ވަނުމަށް ފަހު، އެންމެ ފުރަތަމަ ހަމަލާ ދިނީ ރަޝިޔާ އާއި ޔޫކްރޭންގެ ސަރަހައްދީ ރޮނގު ބަލަހައްޓަން ތިބި ސިފައިންނަށެވެ.
އެއަށް ފަހު، ބައެއް ހަނގުރާމަވެރިން އަވަށްތަކަށް ދަތުރުކޮށް ރަޝިޔާ ސިފައިންނާ ކުރިމަތިލާން މަސައްކަތް ކުރި ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އާންމުންގެ ތެރެއިން ތިން މީހަކު މަރުވީ، އަވަށު ތެރޭގައި ހިނގި ކުރިމަތިލުމެއްގަ އެވެ. އޭގެ އިތުރުން ރަޝިޔާގެ އަސްކަރީ އުޅަނދުތަކެއް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.