ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ހަނގުރާމަ ފެށިއިރު، އެކަމަށް ނެރުނު ލަޝްކަރު މިހާރު އެއަށް ވުރެ މާ ބޮޑު ކަމަށް އެމެރިކާގެ ޖެނެރަލުން އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގެ ކޮމާންޑަރު، ޖެނެރަލް ކްރިސްޓޮފާ ކެވޯލީ ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވިޔަސް، ރަޝިޔާގައި އެއަށް ވުރެ މާ ގިނަ ހަތިޔާރު އެބަހުރި ކަމަށެވެ. މިހާރު ކުރަމުން ދާ ހަނގުރާމައިގައި ރަޝިޔާގެ އެއްގަމު ލަޝްކަރު ކޮންމެވެސް ވަރަކަށް ބަލިކަށިވެގެން ދިޔަ ކަމަށާއި، ނަމަވެސް ހަނގުރާމަ ފެށި އިރު އޮތް ވަރަށް ވުރެ އެ ލަޝްކަރު މިހާރު މާ ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަޝިޔާގެ ވައިގެ ލަޝްކަރަށް ލިބުނު ގެއްލުން ވަރަށް ކުޑަ. މިހާތަނަށް އެމީހުންގެ ލަޝްކަރުން ހަލާކުވީ އެންމެ 80 ބޯޓު. އެކަމަކު އެމީހުންގެ އަތުގައި އިތުރު 1000 ފައިޓަރު ބޯޓާއި ބޮންއަޅާ ބޯޓު އެބަހުރި. ކަނޑުގެ ލަޝްކަރުން ހަލާކުވެގެން ދިޔައީ އެންމެ މަނަވަރެއް،" ގާނޫނު ހަދާ މަޖިލީހުގެ، ހަތިޔާރު އެޅި ލަޝްކަރުގެ ކަންކަމާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖެނެރަލް ކްރިސްޓޮފާ ކެވޯލީ ވިދާޅުވި އެވެ.
ދާދި ފަހުން ލީކްވެފައިވާ އެމެރިކާގެ އަސްކަރީ ޖާސޫސީ މައުލޫމާތުތަކެއްގައި ބުނެފައިވާ ގޮތުގައި ރަޝިޔާގެ އެއްގަމު ލަޝްކަރުގައި އޮންނަ 544 ފައުޖުގެ ތެރެއިން 527 ފައުޖު އޮތީ ޔޫކްރޭން ހަނގުރާމަޔަށް ތައްޔާރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން 474 ފައުޖު އަދިވެސް އޮތީ ރަޝިޔާގެ ތެރޭގަ އެވެ.
ލީކްވެފައިވާ އެހެން ލިޔުމެއްގައިވާ ގޮތުން ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ތެރެއިން 35000 އާއި 34000 އާ ދެމެދުގެ އަދަދެއްގެ ސިފައިން މިހާތަނަށް މަރުވެއްޖެ އެވެ. އަދި މަރުވި މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ދިޔައީ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ބަޚްމުތު ކިޔާ ސަހަރު ހިފުމަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގަ އެވެ.
ޔޫކްރޭންގެ އިރުމަތީ ލަޝްކަރުގެ ތަރުޖަމާނު މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި ޔޫކްރޭންގައި ތިބި ރަޝިޔާ ސިފައިން މިހާރު ގެންދަނީ ބަޚްމުތު ސަރަހައްދަށް ޖަމާކުރަމުންނެވެ. އަދި ޔޫކްރޭންގެ އެހެން އެއްވެސް ސަރަހައްދަކުން ރަޝިޔާ ސިފައިންގެ މާ ބޮޑު ހަރަކާތެއް މިހާރު ނުފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ ސިފައިންގެ އެންމެ އިސް ޖެނެރަލް މާކް މިލޭ، މިދިޔަ މާޗް މަހު ވިދާޅުވި ގޮތުގައި ބަޚްމުތު ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އަދި ބަޚްމުތު ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭތާ 21 ދުވަސް ވެއްޖެ ކަމަށް ވެސް އޭރު އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައިގައި މަރުވި ރަޝިޔާ ސިފައިންގެ އަދަދު އިތުރު ކަމަށް ދެއްކި ނަމަވެސް، ރަޝިޔާ ސިފައިންގެ ލަޝްކަރުގެ ޖުމްލަ އަދަދަށް ބަލާއިރު އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށް އެމެރިކާގެ ޖެނެރަލް ވިދާޅުވި އެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ މުޅި އަސްކަރިއްޔާ އަށް ލިބިފައިވަނީ އެހާ ބޮޑު ގެއްލުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.