ރަޝިޔާގެ އަސްކަރިއްޔާގައި ޚިދުމަތް ކުރަން ފެށުމަށް މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮންނަ އެންމެ މަތީ އުމުރުފުރާ އުވާލުމުގެ ބިލެއް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށް، 40 އަހަރުން މަތީގެ މީހުންނަށް ވެސް އަސްކަރީ ޚިދުމަތަށް ކުރިމަތިލުމުގެ މަގު ތަނަވަސްކޮށްދީފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރެއްގައި، ގާނޫނަށް މިފަދަ ބަދަލެއް މިގެނައީ، އަސްކަރިއްޔާ އަށް އިތުރު ސިފައިން ވެއްދުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ރަޝިޔާގެ އަސްކަރީ ޚިދުމަތާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ، ރަޝިޔާގެ ކޮންމެ ރައްޔިތަކަށް ވެސް އަސްކަރީ ޚިދުމަތަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވެސް 18 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް، އަސްކަރީ ޚިދުމަތަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކުރި ބިލުގައި، އަސްކަރީ ޚިދުމަތަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރުފުރާތައް މިހާރު ވަނީ އުވާލައިފަ އެވެ. އެހެންކަމުން، ރައީސް ލަޑިމިއާ ޕުޓިން އެ ބިލް ތަސްދީގު ކުރެއްވުމުން، އުމުރުން 40 އަހަރުން މަތީގެ، ރަޝިޔާ ރައްޔިތުންނަށާއި، އުމުރުން 30 އަހަރުން މަތީގެ، ބިދޭސީންނަށް ވެސް، ރަޝިޔާގެ އަސްކަރިއްޔާގައި ހިދުމަތް ކުރުމަށް ކުރިމަތިލެވޭނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އާއި މަތިގެ އިން ވެސް ބޮޑު ތާއީދަކާ އެކު ފާސްކުރި އެ ބިލް މިހާރު ވަނީ، ތަސްދީގު ކުރުމަށްޓަކައި ރައީސް ލަޑިމިއާ ޕުޓިންގެ އަރިހަށް ފޮނުވައިފަ އެވެ.

މި ބިލާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ވިއަޗެސްލާވް ވޮލޮޑިން އިއްޔެ ވިދާޅުވީ އެ މަޖިލީހުން ބޭނުންވަނީ ރަޝިޔާގެ އަސްކަރިއްޔާ ވަރުގަދަކުރުމަށާއި ދިފާއީ ވުޒާރާ އަށް އެހީތެރިވުމަށެވެ. އަދި އަސްކަރިއްޔާ އަށް ކާމިޔާބު ހޯދައިދިނުމަށާއި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް، ސިފައިންގެ އެންމެ މަތީ ވެރިޔާ (ރައީސް ޕުޓިން) ވެސް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވި، ގާނޫނު ހަދާ މަޖިލީހުގެ ދިފާއީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރު އަންދްރޭ ކަރްޓަޕޮލޯވް ވިދާޅުވި ގޮތުގައި މި ބިލްގެ ބޭނުމަކީ، އެންމެ ޒަމާނީ ހަތިޔާރު ބޭނުންކުރުމުގެ ގާބިލްކަން ލިބިގެންވާ "ޕްރޮފެޝަނަލް ސްޕެޝަލިސްޓް" މީހުން އަސްކަރީ ޚިދުމަތަށް ޝައުގުވެރި ކުރުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަޖުރިބާ އަށް ބަލާއިރު، އެފަދަ ކަންކަމުގެ އެންމެ ފުރިހަމަ ތަޖުރިބާ އާއި ފަންނީ ގާބިލްކަން ލިބެނީ އުމުރުން 40 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުގަ އެވެ. އަދި ގާނޫނަށް މި ގެނައި ބަދަލުގެ ސަބަބުން، އަސްކަރިއްޔާ އަށް ބޭނުންވާ އެހެން ދާއިރާތަކުން – ސިއްހީ ދާއިރާ، ބެލެހެއްޓުމާއި މަރާމާތުގެ ދާއިރާ، މުވާސަލާތީ ދާއިރާ – ހާއްސަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން އަސްކަރިއްޔާ އަށް ވެއްދުން ވެސް ފަސޭހަ ވެގެން ދާނެ އެވެ.

ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުން މި ބިލް މި ފާސްކުރީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް ވަކި ތާރީޚެއް ކަނޑައެޅިފައި ނެތް ކަމަށް، ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. އޭނާ ވިދާޅުވީ ރަޝިޔާ އިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްވަންދެން، ރަޝިޔާ ސިފައިން ފަށާފައިވާ އަސްކަރީ ޚާއްސަ ހަރަކާތްތައް ޔޫކްރޭންގައި ކުރިއަށް ދާނެ އެވެ.