އަސުންސިއޮން (އޭޕްރިލް 8) – ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭ އަށް އެތެރެވި މައްސަލައިގެ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގައި ތިބި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ގޭ ބަންދަށް ބަދަލުކުރުމަށް ޕެރެގުއޭގެ ފަނޑިޔާރަކު އަންގައިފި އެވެ.
ކޮރޯނާވައިރަހާ ގުޅިގެން ޕެރެގުއޭގެ ވެރިރަށް އަސުންސިއޮން މިވަގުތު ލޮކްޑައުންކޮށްފައި އޮތުމުން، ފަނޑިޔާރު އޭނާގެ ނިންމުން ދެބެންނާ ހިއްސާކުރީ ފޯންކޯލަކުންނެވެ. ދެބެން މިނިވަންކުރަން މިދިޔަ މަހު ކުރި މަސައްކަތް އޮތީ ނާކާމިޔާބުވެފަ އެވެ. އެކަމަކު މި ނިންމުމާ އެކު ޝަރީއަތް ނިމެންދެން ދެބެންނަށް ހޮޓަލުގައި ތިބެވޭނެ އެވެ.
ކުށެއްގެ ތުހުމަތުގައި ޖަލުގައި ހުރި ނަމަވެސް ރޮނާލްޑީނިއޯގެ މަގުބޫލުކަމާ ހެދި އޭނާ އަށް ޖަލުގައި ވެސް އެތައް ބަޔެއްގެ ލޯބި ލިބުނެވެ. އެގޮތުން ޖަލުގައި ބޭއްވި ފުޓްބޯޅަ މެޗުތަކުގައި ކުޅެ ފޯރި ނެގި އެވެ. އެކަމަކު އޭނާގެ ގާތް ފަރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ޖަލުގައި ބަންދުކުރުމުން ރޮނާލްޑީނިއޯގެ ހިނިތުންވުން ގެއްލި މާޔޫސްވެފައިވާ ކަމަށެވެ.
ފޭކް ޕާސްޕޯޓް މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފަ އެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީވެ އެވެ.
ރޮނާލްޑީނިއޯ އާއި އަސިސް ބުދަ ދުވަހު ބްރެޒިލުން، ޕެރެގުއޭ އަށް ގޮސް ޕާސްޕޯޓް ދެއްކުމުން ފުރަތަމަ އެއްވެސް މައްސަލައެއް ފާހަގަނުވި އެވެ. އެކަމަކު ޕާސްޕޯޓްތައް ފޭކުކަން އެނގުމުން ތަހުގީގީ މެމްބަރުން ވަނީ އެ މީހުން ތިބި ހޮޓާ ރެއިޑްކޮށް ދެބެންގެ އައިޑީ ކާޑުތަކާއި ޓްރެވަލް ޑޮކިއުމެންޓްސް އަތުލި އެވެ.
ރޮނާލްޑީނިއޯ ބުނީ އޭނާ އަށް ޕާސްޕޯޓް ދިނީ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޗެރިޓީތަކަކުން ސްޕޮންސާކޮށްފައިވާ ކޮންފަރެންސަކަށް އައުމަށް އޭނާ އަށް ދައުވަތު ދިން ފަރާތުން ކަމަށެވެ. ޕެރެގުއޭގެ ރައީސް މާރިއޯ އަބްޑޯ ވަނީ ރޮނާލްޑީނިއޯ އަށް ދައުވަތު ދިން ފައުންޑޭޝަނުގެ ގާނޫނީ ހައިސިއްޔަތު އަނބުރާ ގެންދަވައިފަ އެވެ. 'އެންޖެލިކް ފްރަޓާނިޓީ" ފައުންޑޭޝަނުގެ އެޑްމިނިސްޓްރޭޓަރުގެ ދިފާއީ ވަކީލުން ބުނީ ރޮނާލްޑީނިއޯގެ ދެބެންނަށް ޕެރެގުއޭގެ ރަސްމީ ޕާސްޕޯޓް ހޯދައިދޭން އޭނާ އެދުނު ކަމަށާއި އެކަމަކު ލިބުނީ ފޭކް ޕާސްޕޯޓްތަކެއް ކަމަށް ނޭގޭ ކަމަށެވެ.
ރޮނާލްޑީނިއޯ އަކީ 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިއްމު މެމްބަރެކެވެ. އޭނާ ވަނީ ފީފާ އިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2004 އާއި 2005 ވަނަ އަހަރު ހާސިލްކޮށްފަ އެވެ. ބްރެޒިލްގެ ގްރެމިއޯ އިން 1998 ގައި ކެރިއަރު ފެށި ރޮނާލްޑީނިއޯ ޔޫރަޕަށް ބަދަލުވީ 2001 ވަނަ އަހަރު ފްރާންސުގެ ޕީއެސްޖީން ލިބުނު ފުރުސަތާ އެކު އެވެ. އެކަމަކު އޭނާގެ ހަގީގީ ކެރިއަރު ފެށުނީ 2003 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ހޯދި އެވެ. އެ ޓީމަށް ކުޅުނު 207 މެޗުން 94 ލަނޑު ޖެހި އެވެ.
އެކަމަކު އަހުލާގީ މައްސަލަތަކާ އެ ނޫން ވެސް ސަބަބުތަކާ ހެދި ފޯމުން ކެޓި އެވެ. އެހިސާބުން ބާސެލޯނާ އިން އޭނާ 2008 ވަނަ އަހަރު އޭސީ މިލާނަށް ވިއްކާލި އެވެ. އެ ޓީމާ އެކު 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ.