ޖަޕާނުގެ ސަރުކާރުން އުފެއްދި 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ރޮކެޓެއް، ލޯންޗުކުރިތާ 15 މިނެޓް ވެސް ނުވަނީސް އަމިއްލަ އަށް ގޮއްވާލައިފި އެވެ.

އެ ގައުމުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝާން އޭޖެންސި (ޖާޒާ) އިން ބުނި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ލޯންޗުކުރި އެ ރޮކެޓު ގޮއްވާލީ އިގްނިޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން މަޖުބޫރުވެގެންނެވެ.

ޖާޒާގެ ލޯންޗުކުރުމާ ހަވާލުވެ ހުންނެވި ޑައިރެކްޓަރު ޔަސުހިރޯ ފޫނޯ ވިދާޅުވީ ރޮކެޓަށް ދިމާވި މައްސަލައިގެ ސަބަބުން، ޖައްވުގައި ދާން ޖެހޭ ހިސާބަށް ނުދެވޭނެކަން ޔަގީންވުމުން ގޮއްވާލީ ކަމަށެވެ.

ދިގުމިނުގައި 187 ފޫޓު ހުރި "އެޗް3" ރޮކެޓަކީ މިސައިލް މޮނިޓާކުރާ ސެޓަލައިޓެއް ޖައްވަށް ފޮނުވަން އުފެއްދި ރޮކެޓެކެވެ. އެ ރޮކެޓް ހަދަން އަށް އަހަރު ހޭދަވި އެވެ.

ރޮކެޓު ލޯންޗުކުރާ މަންޒަރު ބަލަން މީހުން އެއްވެފައި
ރޮކެޓު ލޯންޗުކުރާ މަންޒަރު ބަލަން މީހުން އެއްވެފައި

ޖަޕާނުގެ ސައިންސް މިނިސްޓަރު ކެއިކޯ ނަގައޯކާއާ ހަވާލާދީ ބީބީސީން ބުނި ގޮތުގައި، ރޮކެޓު ގޮއްވާލަން ޖެހުނު ހާދިސާއާ ގުޅިގެން ޖަޕާނު ސަރުކާރުން ހިތާމަކުރެ އެވެ. ޖަޕާނުގެ ރައްޔިތުން ވަރަށް ގިނަ އުންމީދުތަކެއް ކުރިކަމަށާއި، އެ އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށް ކެއިކޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރޮކެޓަށް އެ މައްސަލަ ދިމާވާން ޖެހުނު ސަބަބު، ކަމާ ބެހޭ ފަރާތްތަކުން ތަހުގީގުކުރާނެ އެވެ.

އެ ރޮކެޓް މީގެކުރިން ދެ ފަހަރެއްގެ މަތިން ލޯންޗުކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.

މި ރޮކެޓުގެ މިޝަން ކާމިޔާބު ނުކުރެވުނަސް، ރަނގަޅު "އެޗް3" ރޮކެޓެއް އުފެއްދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ޖާޒާ އިން ބުންޏެވެ. އެ އޭޖެންސީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ، މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ހޯދައި، ޖާޒާގެ ރޮކެޓުތަކަށް އޮތް އިތުބާރު އަލުން ހޯދުން ކަމަށް ވެސް ބުންޏެވެ.