ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަ ކުރައްވަވާ ގޮތުގައި ރޯދަ މަހަކީ ވަރަށް ބަރަކާތްތެރި ވަރަށް މަތިވެރި މަހެކެވެ. އެހެންކަމުން މި މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން ވަރަށް މުހިންމެވެ. މިކަން ހާސިލު ކުރުމަށްޓަކައި ފުރިހަމަ ރޭވުމެއް އޮވެއްޖެ ނަމަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އިސްލާމީ ޢިލްމުވެރިން މިކަމާ ގުޅޭގޮތުން ދެއްކަވާ އިރުޝާދުތަކުގެ އަލީގައި، އަންނަނިވި ކަންކަމަށް ސަމާލުކަން ދީގެން މިދެންނެވި ފަދަ ރޭވުމެއް އެކަށައަޅާލެވިދާނެ އެވެ.

މި މާތް މައްސަރުގައި ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ކަނޑައެޅުން

މި މަގުސަދުތައް ބިނާވެފައި އޮންނަން ޖެހޭނީ ރޯދައިގެ މައިގަނޑު މަގުސަދުގެ ގޮތުގައި ކީރިތި ގުރުއާނުގައި ބަޔާންވެފައިވާ ތަޤުވާވެރިވުމުގެ މައްޗަށެވެ. އެހެންކަމުން މަގުސަދުތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ސަމާލުވާން ޖެހޭނެ އެވެ. • ހެޔޮ ނިޔަތަކާ އެކު ވަރުގަދަ އަޒުމެއް އޮވެގެން މި މަހުގެ އަޅުކަމަށް ކުރިމަތިލުން • ތައުބާވެ މުޅިން އާ ސަފުހާއަކުން ފެށުމަށް ތައްޔާރުވުން • މާތްﷲ ގެ ހަޒުރަތުން ސަވާބު ލިބުމަށް ހިސާބުކުރާ ހާލު އީމާންތެރިކަމާއި އިޚުލާސްތެރިކަމާ އެކު ރޯދަ ހިފުމަށް ނިޔަތްގަތުން • ތަޤުވާވެރިކަން ފުރިހަމަކުރުމަށް މި މަހުގެ ތެރޭ ހާސިލުކުރެވިދާނެ ކަންތައްތަކެއް ކަނޑައެޅުން

މިގޮތުން އަމިއްލަ ނަފުސާއި އާއިލާ އާއި ތިމާގެ މީހުންނާއި އަވައްޓެރިންނާއި ރައްޓެހިންނާއި ހުރިހާ މުސްލިމުންނާއި އަދި އާންމުކޮށް އެންމެންނާ ގުޅޭ ކަންކަން ވަކިވަކިން ވެސް ކަނޑައެޅިދާނެ އެވެ.

ރަމަޟާން މަހުގެ އެކިއެކި ޕްރޮގުރާމުތައް ވަކިވަކިން ރާވާލުން

މިގޮތުން ކީރިތި ޤުރްއާން ކިޔެވުމުގެ ޕްރޮގުރާމާއި، ދުޢާކުރުމުގެ ޕްރޮގްރާމާއި، ޢިލްމީ ސަގާފަތު އިތުރުކުރުމުގެ ޕްރޮގުރާމާއި، ޒިޔާރަތްކުރުމާއި ދައުވަތުތަކުގެ ޕްރޮގުރާމާއި، ސަދަގާތްކުރުމުގެ ޕްރޮގުރާމު ފަދަ ޕްރޮގުރާމުތައް ރާވާލެވިދާނެ އެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ޕްރޮގުރާމް ރާވާއިރު މަދުވެގެން އެއް ފަހަރު ނުވަތަ އެ އަށް ވުރެ ގިނަ ފަހަރު އެ މަހުގައި ޤުރްއާން ހަތިމުކުރަން ރޭވިދާނެ އެވެ. ދުޢާކުރުމުގެ ޕްރޮގުރާމު ރޭވުމުގެ ގޮތުން އެންމެ ފުރަތަމަ ތިމާ އެދޭ ކަންކަން ކަނޑައަޅައި އެ ކަންކަމާ ގުޅުންހުރި ދުޢާތައް ފާހަގަކުރުމަށް ފަހު ކަނޑައަޅާ ވަކި ގަވައިދަކުން އެ ދުޢާތައް ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގައި ކުރާ ގޮތަށް ހަމަޖެއްސިދާނެ އެވެ.

ރޯދަ އާއި އެނޫން ވެސް އަޅުކަންތަކުގެ ހުކުމްތައް ދަސްކުރުމަށް ރޭވުން

މި ގޮތުން ރަމަޟާން މަސް ފެށުމުގެ ކުރިން ރޯދައިގެ ފިޤުހު ދިރާސާ ކުރެވިދާނެ އެވެ. މިކަމުގައި އިތުބާރު ހުރި އިލްމުވެރިންގެ ފިޤުހު ފޮތްތަކާއި ދީނީ މަޒުމޫނުތަކުން މައުލޫމާތު ހޯދިދާނެ އެވެ. އިންޓަނެޓުން މިފަދަ މައުލޫމާތެއް ހޯދާ ނަމަ އެމައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން ވަރަށް މުހިންމެވެ.

މަތީ ދަރަޖައިގެ ރޯދަ ހިފުމަށް އަޒުމް ކަނޑައެޅުން

އިލްމުވެރިން ވިދާޅުވާ ގޮތުގައި ތިން ދަރަޖައެއްގައި ރޯދަ ހިފިދާނެ އެވެ. އޭގެ ތެރެއިން ތިން ވަނަ ދަރަޖައަކީ އާންމު ރޯދަ އެވެ. އެއީ، ކެއިންބުއިމާއި ޖިންސީ އެދުންތަކުން ދުރުހެލިވެ ހިފާ އެންމެ އާދައިގެ ރޯދަ އެވެ. ދެ ވަނަ ދަރަޖައަކީ ޚާއްސަ ރޯދަ އެވެ. އެއީ އާންމު ރޯދައިގެ އިތުރުން، އިވުމާއި ފެނުމާއި ބަސްބުނުމާއި އަތްފައިގެ ހަރަކާތްތަކުގެ ތެރެއިން ކުށެއް ނުވަތަ ފާފައެއްގެ ގޮތުގައި ބެލެވިދާނެ އެންމެހާ ކަންކަމުން ދުރުހެލިވެ ހިފާ ރޯދަ އެވެ. އެއް ވަނަ ދަރަޖައަކީ އެންމެ ޚާއްސަ ރޯދަ އެވެ. އެއީ ޚާއްސަ ރޯދައިގެ އިތުރުން، ފިކުރާއި އިހުސާސްތަކުގެ ތެރެއިން ކިރިޔާ ވެސް ނުރަނގަޅު ވިސްނުމެއް ނުވަތަ އިހުސާސެއް ވެސް އޮތުމަކާ ނުލައި ހިފާ ރޯދަ އެވެ. މި ދަރަޖައިގެ ރޯދަ ހިފުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެންކަމުން އެންމެ ދަށްވެގެން ދެވަނަ ދަރަޖައިގެ ރޯދަ ހިފޭތޯ މަސައްކަތްކުރަންވާނެ އެވެ.

އުޅޭ ގެއާއި ގޯތިތެރެ ރީތިކޮށް ޒީނަތްތެރި ކުރުމާއި، ނަފްސު ތާހިރުކުރުން

އުޅޭތަން ޒީނަތްތެރި ކުރުމުގެ ބޭނުމަކީ ރޯދައިގެ އަޅުކަން އަދާކުރާއިރު ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ތުއްތު ކުދިންނަށް ވެސް ރޯދަމަހުގެ ޚާއްސަކަން އިހުސާސް ކޮށްދިނުމެވެ. މި ގޮތުން ބަދިގެތަކާއި އާންމުކޮށް ގޭތެރެ ސާފުކޮށް، ފަރުނީޗަރުތައް މަރާމާތުކޮށް ނުވަތަ ކޮންމެހެން އައުކުރަންޖެހޭ އެއްޗެއް ނަމަ އާކޮށް ހެދިދާނެ އެވެ. އިސްރާފުކުރުމާއި ކަންދެއްކުން މި ކަމުގައި އޮވެގެން ނުވާނެ އެވެ. ހަގީގަތުގައި މި މާއްދީ ޒީނަތްތެރިކަމަށް ވުރެ މުހިންމީ ހިތްތައް ޒީނަތްތެރި ކުރުމެވެ. އެބަހީ ތައުބާވެ ނަފްސު ތާހިރުކުރުމުގެ ގޮތުން އިސްލާހުކުރަން ހުރި ބައެއް ސުލޫކު އިސްލާހުކުރަން ފަށައިގަންނަ ވަގުތެއްގެ ގޮތުގައި ރޯދަމަހުގެ ބޭނުން ހިފުމެވެ. މިގޮތުން މިސާލަކަށް ސިނގިރޭޓު ބުއިން ހުއްޓާލުން ނުވަތަ ބުރުގާ އަޅަން ފެށުން ފަދަ ކަންކަމެވެ.

ވަގުތުތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރާނެ ގޮތްތައް ރޭވުން

މި ގޮތުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލީ ތާވަލެއް ހެދިދާނެ އެވެ. ނަމާދު ވަގުތުތަކާއި މަސައްކަތުގެ ވަގުތުތަކުގެ އިތުރަށް ޤުރްއާން ކިޔަވާނެ ވަގުތުތަކާއި ނިދާނެ ވަގުތުތަކާއި ކުދިންގެ ކިޔެވުމާއި ފިލާވަޅު ދަސްކުރުމުގެ ވަގުތުތަކާއި އިލްމީ ސަގާފަތް އިތުރުކުރުމުގެ ވަގުތުތަކާއި އާއިލާއާ އެކު ހޭދަކުރާނެ ވަގުތުތަކާއި ޒިޔާރަތްކުރާނެ ވަގުތުތައް މި ތާވަލުގައި ހިމަނަން ވާނެ އެވެ. މިކަމުގައި ރަމަޟާން މަހުގެ ވީހާ ވެސް ގިނަ ވަގުތު އަޅުކަމަށް ހުސްކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.

އަޅުކަންތަކުގެ ރޭވުން ޚާއްސަ ޕްލޭނެއްގެ ގޮތުގައި ހެދުން

މި ޕްލޭން ރާވާއިރު، ކަދުރަކުން ނުވަތަ ފޮނި ބުއިމަކުން އެކަނި ރޯދަ ވީއްލުމަށް ފަހު މަޣުރިބު ނަމާދުކޮށްގެން ލުއި ކެއުމަކާއި ބުއިމަކުން ފުއްދާލުމަށާއި، މައިގަނޑު ކެއުން ތަރާވީހު ނަމާދަށް ފަހު ބޭއްވުމަށާއި، ނިދުން އެހާ ލަސް ނުކުރުމަށާއި، ހާރުދަމުގެ ވަގުތު ދަމުނަމާދާއި އެނޫންވެސް އަޅުކަމުގައި ހޭދަކުރުމަށާއި، ހާރުކެއުން ވީހާވެސް ފަސް ކުރުމަށާއި، ފަތިސް ނަމާދަށް ފަހު އިރު އަރަންދެން ޒިކުރުކުރުމުގައި (ޤުރްއާން ކިޔެވުމަކީ ވެސް ޒިކުރެއް) ހޭދަކުރުމަށާއި، ކޮންމެ ދުވަހަކު ވެސް ޟުހާ ނަމާދުކުރެވޭތޯ ބެލުމަށް މި ޕްލޭންގައި ސަމާލުކަން ދެވިދާނެ އެވެ.

ޒިޔާރަތްކުރުމާއި ދައުވަތު ލިބިގަތުމާއި ދައުވަތު ދިނުމުގެ ކަންކަން ރޭވުން

މިގޮތުން ގެއަކަށް ޒިޔާރަތްކުރާ ނަމަ އެކަމުގައި ހޭދަކުރާ ވަގުތު ވީހާ ވެސް ކުރުކުރުމަށާއި، ދައުވަތުތައް ވީ ވަރަކުން މަހުގެ ފަހު ދިހައިގެ ތެރޭ ނުހިމެނޭތޯ ބެލުމަށާއި، ރޯދަ ވީއްލުމަށް ލިބޭ ދައުވަތުގައި ވެސް ޢިޝާ ނަމާދުގެ ފުރަތަމަ ޖަމާއަތް ނުގެއްލޭނެ ގޮތަކަށް ރޭވުމަށް ސަމާލުކަން ދިނުން މުހިންމެވެ. ތިމާގެ ގެ އަށް ބަޔަކަށް ދައުވަތު ދޭ ހާލަތުގައި ވެސް އެ ކަމަށް އެންމެ ފަސޭހަ ދުވަސްތައް އިޚުތިޔާރު ކުރުމާއި، ރޯދަވީއްލުން ނުވަތަ ތަރާވީޙު ނަމާދު ފަހުގައި ބާއްވާ ކެއުމެއް ކަމަށް ވިއަސް އެ ކަމުގައި އިސްރާފު ނުކުރުމާއި ކަންދެއްކުމެއް ނުބޭއްވުމާއި، ދައުވަތު ދިނުމުގައި ފަގީރުންނާއި މިސްކީނުންނަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.

ރަމަޟާން މަހުގެ ފަހު ދިހަ އަށް ވަރަށް ޚާއްސަ ޕްލޭނެއް ހެދުން

މި ގޮތުން އެންމެ މޮޅު ގޮތަކީ މި ދުވަސްތައް އިޢުތިކާފަކަށް ޚާއްސަކޮށްލައި ލައިލަތުލް ޤަދުރި ލިބިގަތުމަށް މަސައްކަތް ކުރުމެވެ. ނުވަތަ އެންމެ ކުޑަމިނުން އަޅުކަމަށް ވަގުތު އިތުރު ކުރެވޭތޯ ބެލުމެވެ.

ރޯދަމަހަށް ޚާއްސަ ބަޖެޓެއް ތައްޔާރުކުރުން

ގޭތެރޭގެ އާންމު ހަރަދުތަކުގެ އިތުރަށް ރޯދަ ވީއްލުމަށް ދައުވަތު ދިނުމަށާއި، ފިޠުރު ޒަކާތަށާއި، ފަގީރުންނާއި މިސްކީނުންނަށް ސަދަގާތް ކުރުމަށާއި، އީދު ހަދިޔާއަށާއި، ކުދިން ލައްވާ ހެޔޮ ކަންކަމަށް ހޭދަކުރަން ދަސްކުރުމަށްޓަކައި އެ ކުދިންނަށް ދޭނެ ފައިސާގެ އަދަދު އިތުރުކުރުމަށާއި، އީދު ހެދުން ގަތުމަށާއި، ހާލުގައި ޖެހިފައިވާ މުސްލިމުންގެ އެކިއެކި ފަންޑުތަކަށް ހަދިޔާކުރުން ފަދަ ކަންކަމުގެ ތެރެއިން އެ މީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން އިހުތިޔާރުކުރާ ކަންކަމަށް ބަޖެޓެއް ތައްޔާރުކުރުމަކީ ރޯދައިގެ ބަރަކާތާއި ސަވާބު ހެޔޮ ގޮތުގައި ހޯދުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.

މަތީގައި މި ފާހަގަ ކުރި ކަންކަން ފިޔަވައި އިތުރު އެހެން ބައެއް ކަންކަންވެސް، ރޯދަމަހުގެ ޕްލޭންގައި ހިމަނާލެވިދާނެ އެވެ. ކޮންމެއަކަސް މިފަދަ ރޭވުމެއް ތައްޔާރުކޮށް އެ ތަންފީޒުކުރުމުގެ ވަރުގަދަ އަޒުމެއް ކަނޑައެޅުމަކީ ރޯދަމަސް އެންމެ ހެޔޮ ގޮތުގައި އިންވެސްޓް ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެއަށްފަހު، އެ މީހެއްގެ ހާލަތު ނިޔާކުރާ ގޮތުން އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން ޕްލޭން ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރާނީ އެވެ. ސައްތަ އިން ސައްތަ ކާމިޔާބު ނުވިއަސް ދެރަވާނެ ކަމެއް ނެތެވެ. އެންމެ މުހިންމީ މިފަދަ ބަރަކާތްތެރި މައްސަރެއްގެ ފައިދާތައް ގެއްލުވާލާ ބަޔަކަށް ވިޔަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.