އާރުޑީސީ މެދުވެރިކޮށް ރަށްރަށުގައި ހިންގާ ތަފާތު މަޝްރޫއުތައް ފަށަން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ވަނީ، ހަ ރަށެއްގެ ސައިޓަށް ބޭނުންވާ 150 ވަޒީފާއަށް އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަން މުއްދަތު ދީފަ އެވެ. 

މުވައްޒަފުން ހޯދަން އިއުލާންކުރީ:

- ހއ. އުލިގަން

- އއ. ރަސްދޫ

- ޅ. ނައިފަރު

- ކ. ކާށިދޫ

- ޅ. ހިންނަވަރު

- ތ. މަޑިފުށި

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، 150 މުވައްޒަފުން ހޯދަނީ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ކަމަށެވެ. 

"ބިދޭސީން އަޅުގަނޑުމެން ނަގަނީ ވީހާ ވެސް ބޮޑަކަށް ދިވެހިން ލިބޭތޯ ބަލާފައި. ބޭނުންވާ އަދަދަށް ދިވެހިން ނުލިބިއްޖިއްޔާ ބިދޭސީންނާ ދިމާލަށް އަޅުގަނޑުމެން ދަނީ،" ނަޒީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެކި ރަށްރަށުގެ މަގުތައް ހެދުމުގެ އިތުރުން ވެސް އެކިއެކި މަޝްރޫއުތައް ނިންމަން އާރުޑީސީއާ ސަރުކާރުން ހަވާލު ކޮށްފައި ވެ އެވެ. 

"ބައެއް ރަށްރަށުގައި ފަސް ޕްރޮޖެކްޓު ވެސް އުޅޭނެ. އެއްފަހަރާ 150 މީހުން ހޯދަން އިއުލާން ކުރީމާ ބޮޑުކޮށް ފެނުނަސް އެއީ ހަމަ މަޝްރޫއުތަކަށް ބޭނުންވާ އަދަދު،" ނަޒީމް ވިދާޅުވި އެވެ. 

ވަކިވަކިން ކުރި އިއުލާންތައް ދައްކާގޮތުން، އެންމެ ގިނަ މުވައްޒަފުން ހޯދަން އިއުލާންކުރީ އުލިގަމާއި ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

ދެން އެންމެ ގިނަ މުވައްޒަފުން ބޭނުންވާ ކާށިދޫން 24 މުވައްޒަފުން ބޭނުންވާ ކަމަށް އާރުޑީސީން ބުންޏެވެ. 

އޭގެ އިތުރުން މަޑިފުށިން 13 މުވައްޒަފުންނާއި ނައިފަރުން 12 މުވައްޒަފުން އަދި ހިންނަވަރުން އެއް ފުރުސަތަށް ވަނީ ހުޅުވާލައިފަ އެވެ.