ބޮޑު މަރާމާތަކަށް ފަހު، ޖުމްހޫރީ މައިދާން ވަގުތީ ގޮތުން އާންމުންނަށް އަލުން ހުޅުވާލައިފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޯޕަރޭޝަނާ ހަވާލުކުރި މަސައްކަތުގެ މައިގަނޑު ކަންކަން ނިމުމާ ގުޅިގެން، އެ ސަރަހައްދު މިހާރު ވަގުތީ ގޮތުން އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އާރުޑީސީން ވަނީ ޖުމްހޫރީ މައިދާނުގައި ގިނަ އަދަދެއްގެ ގަސް އިންދައި، އިށީނދެ ތިބެން ހަދައިފައި ހުންނަ ބުރުތައް ވެސް މަރާމާތުކޮށްފަ އެވެ.
ޖުމްހޫރީ މައިދާން މަރާމާތުކުރުމަށް އެތަން ފުރަތަމަ ބަންދުކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކަށް މިދިޔަ އަހަރުގެ ޖުލައި 26 ގައި ޖުމްހޫރީ މައިދާން ހުޅުވި ނަމަވެސް، އޭރު މަސައްކަތް އެއްކޮށް ނުނިމޭތީ އަލުން ބަންދުކުރި އެވެ.
ސަރުކާރުން އަންނަނީ މާލޭގެ އުތުރު ފަރާތުން ބޭރު މަގު، ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތާރު އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެމްޓީސީސީން މިހާރު ވަނީ ރަސްމީ ފާލަމާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ މަގުގައި ތާރު އަޅައި، އާންމުންނަށް ހުޅުވާލައިފަ އެވެ.
އެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އަންނަ މަހު ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.