ކަސްޓަމްސްގެ މުވައްޒަފުން ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް، ސާވިސް އެލަވަންސްގެ ގޮތުގައި، 200ރ. ދޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ނާކާމިބާ ކުރިމަތިވި ރިޔާސީ އިންތިހާބުގެ ފަހުން، ގެޒެޓްކޮށްފައިވާ ކަސްޓަމްސްގެ މުވައްޒަފުންގެ ގަވައިދަށް ގެނައި ތިން ވަނަ އިސްލާހު އޮތް ގޮތުން، ސަލާމް ނުބުނެ ބަރާބަރަށް އޮފީހަށް ނުކުންނަ ކޮންމެ މުވައްޒަފަކަށް ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 5،200 ރުފިޔާ ލިބޭނެ އެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް މީގެ ކުރިން ސާވިސް އެލަވަންސްގެ ގޮތުގައި ދެމުން އައީ މަހަކު 3،500 ރުފިޔާ އެވެ. އާ ބަދަލާ އެކު ކޮންމެ މުވައްޒަފަކަށް މަހަކު އިތުރަށް 1،700ރ. ލިބޭނެ އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ބޮޑުކުރަން ނިންމާފައި.
ރައީސް ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ބޮޑުކުރަން ނިންމާފައި.

މިދިޔަ އަންގާރަ ދުވަހު އަމަލުކުރަން ފެށި ގަވައިދުގައިވާ ގޮތުން ސާވިސް އެލަވަންސް ދެނީ އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކާއި ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ދުވަސްތައް ނުހިމަނަ އެވެ.

މީގެ އިތުރުން ޓެކްނިކަލް ކޯ އެލަވަންސެއް ވެސް ދޭން ވަނީ ނިންމާފަ އެވެ. އެ އެލަވަންސް ދެނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވާ ނަމަ މަހަކު 500ރ.، ލެވެލް 6 ގެ ސަނަދެއް އޮވެއްޖެ ނަމަ މަހަކު 750 ރުފިޔާ، ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލު ކޮށްފައިވާ ނަމަ މަހަކު 1000ރ. ގެ މަގުންނެވެ. އަދި ގައުމީ ސަނަދުގެ ލެވެލް 9 އަށް ވުރެ މަތީ ސަނަދެއް އޮންނަ މުވައްޒަފުންނަށް މަހަކު 1500ރ. ލިބޭނެ އެވެ.

ރައީސް ޔާމީންގެ ވެރިކަން އަންނަ ނޮވެމްބަރު 17 ގައި ނިމޭއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުން ދަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަމުންނެވެ. އެކަމަކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށް ފަހު، އޭސީސީ އަށް މައްސަލަ ހުށަހެޅުމުން އެކަން ވަނީ މަޑުޖައްސާލާފަ އެވެ. އޭގެ އިތުރުން ކޫއްޑޫ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލަން ވެސް އޭސީސީން އަންގާފައިވެ އެވެ.