ރަޝިޔާގެ އުދުވާނީ ހަމަލާތަކުގެ ތެރޭގައި އޮތް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް މިއަދު ވަޑައިގެންފި އެވެ.
ޒެލެންސްކީގެ މި ދަތުރަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އޭނާ ގައުމުން ބޭރަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. އަދި އިނގިރޭސި ވިލާތަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ޒެލެންސްކީ އިނގިރޭސި ވިލާތަށް ވަޑައިގަތީ، އިނގިރޭސި ވިލާތުގެ އަސްކަރިއްޔާގެ ޚާއްސަ މަތިންދާބޯޓެއްގަ އެވެ. ޒެލެންސްކީ ދަތުރު ކުރެއްވި އަސްކަރީ މަތިންދާބޯޓު ޖެއްސި ކަމަށްވަނީ ވެރިރަށް ލަންޑަންގެ އުތުރުގައި އޮންނަ ސްޓެންސްޓެޑް ވައިގެ ބަނދަރަށެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް އިން ބުނި ގޮތުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، ރަސްގެފާނު ޗާލްސް އާއި ރައީސް ޒެލެންސްކީގެ ރަސްމީ ބައްދަލުކުރެއްވުމެއް، އެ ގަނޑުވަރުގައި އޮންނާނެ އެވެ. އެއަށް ފަހު އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މިއަދުގެ ވަގުތެއްގައި އޭނާ ތަގުރީރު ކުރައްވާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެ އެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ރައީސް ޒެލެންސްކީ އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްއާ ދެމެދު ބާއްވާ ރަސްމީ ވާހަކަތައް ވެސް މި ދަތުރުގައި ކުރިއަށް ގެންދާނެ އެވެ. އަދި ހުޅަނގުގެ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ފުރިހަމަ ކުރުމަށް މިހާރު އިނގިރޭސި ވިލާތުގައި ތިބި ޔޫކްރޭންގެ ސިފައިންނާ ވެސް، ރައީސް ޒެލެންސްކީ ބައްދަލު ކުރައްވާނެ އެވެ.
ރައީސް ޒެލެންސްކީގެ މި ދަތުރާ ބެހޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ވިދާޅުވީ، މިއީ ޔޫކްރޭންގެ ހިތްވަރާއި މިނިވަންކަމުގެ ދިފާއުގައި ހަނގުރާމަކުރުމުގެ އަޒުމް ވަރުގަދަކަން ރަމްޒުކޮށްދޭ ދަތުރެއް ކަމަށެވެ. އަދި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ޔޫކްރޭންގެ އެންމެ މަތީ ވެރިޔާ އިނގިރޭސި ވިލާތަށް ވަޑައިގަތުމުން، ދެ ގައުމުގެ ގުޅުމުގެ ބަދަހިކަން ރަމްޒުކޮށްދޭ ކަމަށް ވެސް ރިޝީ ވިދާޅުވި އެވެ.
ޔޫކްރޭންގެ ރައީސް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އިރު، ނޭޓޯގެ މިންގަނޑަށް އުފައްދާފައި ހުންނަ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީންތަކެއް ހެދުމަށް ޔޫކްރޭންގެ ސިފައިންތަކެއް މިހާރު ތިބީ އިނގިރޭސި ވިލާތުގަ އެވެ. އެ މީހުންގެ ތަމްރީންތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަދަށެވެ. މިއީ ހުޅަނގުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދުއްވާނެ ގޮތާއި ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ޔޫކްރޭންގެ ސިފައިންނަށް ދޭ ފުރަތަމަ ފަހަރެވެ.
އެމެރިކާ އާއި ނޭޓޯގެ ހަނގުރާމަމަތީ މަތިންދާބޯޓު ހޯދުމަށް ޔޫކްރޭނުން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް، އެ ފަދަ އުޅަނދުތަކެއް ދޭނެ ކަމަކަށް ހުޅަނގުގެ އެއްވެސް ގައުމަކުން މިހާތަނަކަށް ނުބުނެ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ މަހުގެ ތެރޭގައި ވިދާޅުވެފައިވަނީ، ޔޫކްރޭނުން އެދިފައިވާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އެ ގައުމަށް ނުދޭނެ ކަމަށެވެ.