ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރާއި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް، މިފަހުން މުމްބާއީ އެއާޕޯޓުން ޕަޕަރާޒީނާ ދިމާވިއިރު، އެންމެންގެ ސަމާލުކަން ހުއްޓުނީ ރަންބީރުގެ ފޯނުގެ ލޮކް ސްކްރީނަށެވެ.

މީގެ ކުރިން އާލިއާގެ ފޯނުގައި ރަންބީރާ އެކު ނަގާފައިވާ ފޮޓޯއެއް ލޮކް ސްކްރީނަށް ލާފައިވަނިކޮށް ފެނުނަސް ރަންބީރުގެ ފޯނުގައި މިހާރު އިނީ އާލިއާއެއް ނޫނެވެ. އޭނާގެ މަރުވެފައިވާ ބައްޕަގެ ހަނދާނެވެ.

ޕަޕަރާޒީއަކު ރަންބީރުގެ ފޯނު ލޮކް ސްކްރީންގެ ކްލޯޒް އަޕެއް ނަގައި އާންމުކުރި ފޮޓޯގެ ކެޕްޝަނުގައި ވަނީ ހަނދާންތައް އަބަދު ވެސް އާއިލާއާ އެކުވާ ކަމަށެވެ. އެ ފޮޓޯއިން ފެންނަނީ ރިޝީ ކަޕޫރް ވަރަށް ހެވިފައި އިން މަންޒަރެވެ.

ރިޝީ މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް ހިސާބުގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ އަހަރު ރަންބީރު ދިން އިންޓަވިއުއެއްގައި ބުނީ 2020 ވަނަ އަހަރަކީ ބޮޑު އަހަރެއް ކަމަށާއި އަހަރު ފަށަން ޖެހުނީ ބައްޕަގެ މަރާ އެކު ކަމަށާއި އަދިވެސް އޭނާ އެ ހިތާމައާ ޑީލްކުރަމުން އަންނަ ކަމަށެވެ.

ފިލްމީ އާއިލާއަކަށް އުފަން، ރަންބީރުގެ ކުރިއަށް އޮތް ފިލްމު "ބްރަމަސްތްރާ" ގެ އިވެންޓެއްގައި މިދިޔަ އަހަރު ވާހަކަ ދައްކަމުން ވެސް ރަންބީރު ވަނީ ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް ބުނެފަ އެވެ.