ގައުމީ ޓީމުން ފުރުސަތެއް ނުލިބި ދެ އަހަރު ހޭދަވުމަކީ އޭނާގެ ކުޅުމުގެ ދުވަސްތަކަށް ކުރިމަތިވި "ބްރޭކެއް" ނޫން ކަމަށް، ރިލްވާން ވަހީދު (ރިލޭ) ބުނެފި އެވެ.
ކުރިން ގައުމީ ޓީމުގައި އާންމުކޮށް ހިމެނެމުން އައި ކުޅުންތެރިޔާ ޖޫން 2015 ގެ ފަހުން ގައުމީ ސްކޮޑަށް ނަގާފައެއް ނުވެ އެވެ. އެކަމަކު ރިލޭ އަށް ލިބުނު އެ ހުސްކަން، މާދަމާ އޮމާންގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ޓީމުން، ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
"ވަރަށް އުފާވެރި ހަބަރެއް އަސްލު ލިބުނީ. ގައުމީ ޓީމުން ޗާންސް ލިބުނީމަ. އަސްލު ނުދެކެން އެ ބްރޭކެއްގެ ގޮތުގައެއް. އެއީ ކުރިއެރުމަށް މަސައްކަތް ކުރަން ލިބުނު ވަގުތު ކޮޅެއް ކަމަށް އަޅުގަނޑު ދެކެނީ،" މޯލްޑިވްސްސޮކާ އަށް ދިން އިންޓަވިއުއެއްގައި ރިލޭ ބުންޏެވެ.
ރިލޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ ވެލިޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން ޖޫން 2015 ގައި ހޮންގް ކޮންގްއާ ދެކޮޅަށެވެ. ވޯލްޑް ކަޕް ކޮލިފައިން ދެ ވަނަ ބުރުގައި އޭގެ ފަހުން ވަގުތީ ގޮތުން އިސްމާއިލް މަހްފޫޒް (އިންމަ) ގައުމީ ޓީމާ ހަވާލުވެ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗާއި، ގައުމީ ކޯޗުކަމާ ޑަރެން ސްޓެވާޓް ހަވާލުވެ ކުޅުނު އެއްވެސް މެޗަކަށް ނެގި ސްކޮޑުން ރިލޭ އަށް ފުރުސަތު ލިބިފައެއް ނުވެ އެވެ.
ޑިފެންސްގެ ކޮންމެ މަގާމަކަށް ކުޅެން ވެސް ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ވަނީ 2012 ގައި ސްރީ ލަންކާގައި އޮތް މަހިންދަ ރާޖަޕަކްސްތަ މުބާރާތުގައި ކުޅުނު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފަށައި އޭގެ ފަހުން ގިނަ ކްލަބްތަކަށް ކުޅުނު ރިލޭ މިދިޔަ އަހަރު މެދުތެރެއިން ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ. މި އަހަރު އެސްޓީއޯ މާލޭ ލީގުގައި އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުން ވިކްޓަރީގައި މޮޅު ކުޅުމެއް ދެއްކި ރިލޭ ނިއު އަށް ބަދަލުވީ އުރީދޫ ދިވެހި ޕްރިމިއާ ލީގުން ވިކްޓަރީއަށް ޖާގަ ނުލިބުމުންނެވެ.
މާލޭ ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީން ދެއްކި މޮޅު ކުޅުމުގެ ފަހަތުގައި ރިލޭގެ ދައުރު ބޮޑެވެ.
އޮމާން މެޗަށް ގަތަރުގެ ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ސްޓެވާޓް ބުނީ ސްކޮޑަށް ކުޅުންތެރިން ނަގާއިރު އެ ވަގުތަކު އެ ކުޅުންތެރިއަކު ދައްކަމުން އަންނަ ކުޅުން ނޫން އެއްވެސް ކަމަކަށް ނުބަލާނެ ކަމަށެވެ.
"އަހަންނެއް ނުބަލަން ކުޅުންތެރިން ކުރިން ކުޅެފައި ހުރި ކުޅުމަަކަށް. އެ ކުޅުންތެރިއަކު ހޯދާފައިވާ މަޝްހޫރު ކަމަކަށް. އަހަރެން ހަމައެކަނި ބަލަނީ އެ ވަގުތަކު އެ ކުޅުންތެރިއެއްގެ ފިޓްނަސް ލެވެލް ހުރިވަރާއި އެ ކުޅުންތެރިއަކު ދައްކަމުން އަންނަ ކުޅުމަށް އެކަނި،" ސްޓެވާޓް ބުންޏެވެ.
އޮމާން މެޗަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގެ އަލް ޑުހެއިލް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރިލޭ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 1-0 އިންނެވެ.
އޭޝިއަަން ކަޕް ކޮލިފައިންގައި އޮމާންގެ މަސްކަޓްގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާލެ ގަޑިން 20:15 ގަ އެވެ.