އަންނަ މަހު އޮންނަ 95 ވަނަ އޮސްކާ އެވޯޑް ހަފްލާގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ޕާފޯމް ކުރަން ހަމަޖެހިފައިވާ ކަމަށް އެކަޑަމީ އެވޯޑުން އިއުލާނުކޮށްފި އެވެ.
ފިލްމް އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފްވެރި އެވޯޑު ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.
މިފަހަރުގެ އޮސްކާގައި ރިއާނާ ހުށަހަޅައި ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރު ނިކުތް، "ބްލެކް ޕެންތާ؛ ވަކާންޑާ ފޮއެވާ" ފިލްމުގެ އަލްބަމަށް އޭނާ ކިޔާފައިވާ "ލިފްޓް މީ އަޕް" ލަވަ އެވެ.
ފަސް ވަރަކަށް އަހަރު ފަހުން ރިއާނާގެ ލައިވް ޕަފޯމަންސެއް ފެނުނީ މިމަހުގެ 13 ވަނަަ ދުވަހު އޮތް އެންއެފްއެލް ސުޕަބޯލް ހާފްްޓައިމް ޝޯގަ އެވެ.
ދެ ވަނަ ދަރިއަކަށް ބަލިވެއިނދެ ހުށަހަޅައިދިން އެ ޕަފޯމެންސަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ރިއާނާގެ ކުރީގެ ހިޓުތައް ގެނެސްދިން އެ ޕަފޯމެންސްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.
މި އަހަރުގެ އޮސްކާ އެވޯޑުގައި ފާހަގަކޮށްލެވޭ ކުޅަދާނަ އެކްޓަރުންނާއި ރީތި ފިލްމުތައް ވާދަކުރާއިރު، މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ވަނީ އޮސްކާ ނޮމިނޭޝަންތައް އިއުލާނުކޮށްފަ އެވެ.