އިއްޔެ ބޭއްވި އެމެރިކާގެ އެންއެފްއެލް ސުޕަ ބޯލްގެ ހާފްޓައިމް ޝޯގައި ރިއާނާ ހުށަހަަޅައިދިން ލަވަޔާ އެކު އޭނާ ދެވަނަ ދަރިއަކަށް ބަލިވެއިންކަން ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު ރިއާނާގެ "ބޭބީ ބަމްޕް" ވެސް ފެނުނު މި ހުށަހެޅުމުގައި ރިއާނާއަށް ވުރެ ހާއްސަވީ ސައިން ލޭންގުއެޖް (އޭއެސްއެލް) ތަރުޖަމާނު، ޖަސްޓީނާ މައިލްސް އެވެ.
ސުޕަ ބޯލް 2023 ގައި އޮތް "އެޕަލް މިއުޒިކް ސުޕަ ބޯލް ހާފްޓައިމް ޝޯ" ގައި ރިއާނާ ލަވަ ކިޔަމުން ދިޔަ ވަގުތު، ފޯރިގަދަކޮށް ނަށަމުން، އޭއެސްއެލް ތަރުޖަމާކޮށްދިން ޖަސްޓީނާގެ ވީޑިއޯ ވަނީ މުޅި ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.
ޖަސްޓީނާ ވަނީ އިއްޔެގެ ޝޯގައި ދެ ޕާފޯމެންސް އެއް އޭއެސްއެލް އަށް ތަރުޖަމާކޮށްދީފަ އެވެ. އެއީ ރިއާނާގެ ޕާފޯމެންސްގެ އިތުރުން ސުޕަބޯލް ޕްރީޝޯގައި ޝެރީލް ލީ ރަލްފް ހުށަހަޅައިދިން އެމެރިކާގެ "ބްލެކް" ނެޝަނަލް އެންތެމް، "ލިފްޓް އެވްރީ ވޮއިސް އެންޑް ސިންގް" އެވެ.
އެ ޕާފޯމެންސްތަކާ އެކު، އުމުރުން 20 އަހަރުގެ "ޑެފް" ނުވަތަ ބީރު ޖަސްޓީނާ ވެގެންދިޔައީ ސުޕަބޯލްގެ ތާރީހުގައި ވެސް، ހާފްޓައިމް ޝޯއެއް އެންމެ ފުރަތަމަ އޭއެސްއެލް އިންޓަޕްރިޓް ކޮށްދިން މީހާ އަށެވެ.
އެ ޝޯގައި، ރިއާނާ އަދި ބެކަޕް ޑާންސަރުން މާބޮޑު ކޮރިއޯގްރަފީއެއް ހުށަނޭޅިއަސް، ޖަސްޓީނާ ދިއައީ ގައިގާ ހުރި ހިތްވަރެއްލައި ނަށަމުން އިޝާރާތުން ކިޔައިދެމުންނެވެ. އޭނާ ދިއައީ "އަމްބްރެލާ" ފަދަ ރިއާނާގެ ހިޓު ލަވަތައް ހުށަހަޅައިދެމުން ދިޔަ ވަގުތު އަމިއްލަ ޑާންސް މޫވްތަކާ އެކު އަޑުދަށުން ލަވަ ކިޔަމުންނެވެ.
އެ ވީޑިއޯ ފެނި، ޓްވިޓާ އާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ގިނަ ބަޔަކު އަންނަނީ ޖަސްޓީނާ އަށް ތައުރީފްކުރަމުންނެވެ.
ސީއެންބީސީން ރިޕޯޓުކުރި ގޮތުގައި، ޖަސްޓީނާ އަކީ އެމެރިކާގެ އެޗްބީސީޔޫ ބައުވީ ސްޓޭޓް ޔުނިވާސިޓީގައި ނާސިން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އިއްޔެގެ ޝޯގައި ލިބުނު ފުރުސަތުގެ ވާހަކަ ދައްކަމުން ޖަސްޓީނާ ވަނީ ސުޕަ ބޯލްގެ ފުރިހަމަ ތަޖުރިބާ ގެއްލިގެން ދިޔަ ނުދީ، އިވުން މަހުރޫމުވެފައިވާ އެންމެންނަށް އެ ލަވަތަކުގެ އުފާ ލިބޭނެ ގޮތް ހެދުމުގެ ފުރުސަތު ދީފައި ވާތީ ޝުކުރު އަދާކޮށްފަ އެވެ.