އޭޓީއެމުން ހިންގަނީ ސީދާ ފައިސާގެ މުއާމަލާތް ކަމަށް ވިޔަސް، ވިއެޓްނާމްގައި މި ދުވަސްވަކޮޅު އެންމެ ބާރު ބޮޑީ ހަނޑޫ "އޭޓީއެމް" ތަކަށެވެ. ކޮރޯނާވައިރަސް ފެތުރޭތީ އާންމުންނަށް ކުރިމަތިވެފައިވާ ދަތިކަމުގައި، އެންމެ ބޮޑަށް އެހީ ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ވިއެޓްނާމުގެ އެކި ސިޓީތަކުގައި ވަނީ ހިލޭ ހަނޑޫ ލިބޭ "އޭޓީއެމްތަކެއް" ބަހައްޓައިފަ އެވެ.
މި އެއްޗެހީގެ ކައިރީގައި މިހާރު ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކިއޫގައި ތިބެ އެވެ. އެކަމަކު ކިއޫގައި ތިބޭ އިރު ސޯޝަލް ޑިސްޓޭންސިންގެ ދަށުން ކޮންމެ ދެ މީހެއްގެ ތެރޭގައި ހަ ފޫޓަށް ވުރެ ދުރު މިނެއް ބަހައްޓަން އެވެ. މެޝިންތަކުން ކޮންމެ ދުވަހަކު ވެސް ހަނޑޫ ދޫކުރަނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.
މި މެޝިންތައް ވިއެޓްނާމްގެ އެކި ސަރަހައްދުތަކުގައި ބެހެއްޓީ ވިޔަފާވެރިންނާއި ހެޔޮއެދޭ މީހުންގެ ފަރާތުން ލިބެމުންދާ އެހީތަކާ އެކުގަ އެވެ. މެޝިންތަކުން ކޮންމެ ދުވަހަކު ވެސް މީހަކަށް ދޫކުރަނީ ދެ ކިލޯގެ ހަނޑުލެވެ.
މި އިންތިޒާމު ހަމަޖައްސައިދިން ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިޓީގައި ހަނޑޫ "އޭޓީއެމް" އިތުރުކުރާނެ އެވެ. އަދި ބޭނުމަކީ މި ދަތި ދަނޑިވަޅުގައި ވެސް ވީހާ ވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
ވިއެޓްނާމުން މިހާތަނަށް ފެނިފައި ވަނީ ކޮރޯނާވައިރަހުގެ އެންމެ 265 ކޭހެވެ. އަދި ވައިރަހުން ޖައްސާ ކޮވިޑް-19 ގައި މިހާތަނަށް އެ ގައުމުން އެއްވެސް މީހަކު މަރުވެފައިވާ ނުވާ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު 146 އަށް އަރަ އެވެ.