ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ ޖުމުލަ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް ރުފިޔާ އަށް މާރުކުރަން ލާޒިމްކުރާ ގޮތަށް، ގާނޫނަށް ގެންނަ ބަދަލު ރިސޯޓު ގަބޫލުނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
ޔާމީންގެ ޕީއެންއެފުން ފުވައްމުލަކުގައި ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ 40 ޕަސެންޓް ޑޮލަރު މާރުކުރަން ލާޒިމުކުރުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށާއި ބުނަންވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްްރީ (މަޓީ) އިން އެކަނި ނޫން ކަމަށެވެ. އެ ބަދަލުގެ ސަަބަބުން އެންމެ ފުރަތަމަ ދަތިވާނީ ޓޫރިޒަމް އިންޑަސްޓްރީ އަށް ކަމަށާއި އެގޮތް ގަބޫލުނުކުރާ ކަމަށް ހުރިހާ ރިސޯޓަކުން ބުނަން ކެރެން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަޓީއެއް ނޫން، ހަމަ ވަކިވަކި ރިސޯޓްތަކުން، ހަމަ ހުރިހާ ރިސޯޓްތަކުން ކެރެންވީ ބުނަން މިއީ ތިމަންނަމެން ގަބޫލުކުރާ އެއްޗެއް ނޫނޭ، އަދި އަމްދުން ތިމަންނަމެންނަކަށް މި ތަކުލީފެއް ނުއުފުލޭނޭ،" ޔާމީން ވިދާޅުވި އެވެ.
ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައަކީ ގާނޫނަކުން ހައްލުކުރެވޭނެ ކަމެއް ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެ ގޮތަށް އެ ކަން ކުރުމަކީ "ހުދުމުހުތާާރު" ސިފައެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހޭނެ އެވެ.
ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށެވެ.
މުނައްވަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެމްއެމްއޭ އަށް މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 ޕަސެންޓު ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށެވެ.
ގާނޫނަށް މި ބަދަލު ގެންނަން ފާސްކުރީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.
ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ތަހުގީގަކަށް ފަހު ތުހުމަތު ކޮށްފައި ވިޔަސް، މަޓީން ބުނީ އެފަދަ ކަމެއްގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބިފައި ނުވާ ކަމަށެވެ. އެ ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެ ޖަމިއްޔާ އިން އިލްތިމާސްކުރާ ކަމަށް މަޓީން ބުންޏެވެ.