މީޑިއާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 65 އަށް ވުރެ ގިނަ މީހުން އެ މީހުންގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް، މި އަހަރުގެ ތެރޭގައި މަރާލާފައިވާ ކަމަށް، ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނެފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކަވަރު ކުރުމުގެ ތެރޭގައި އުޅެނިކޮށް ޕްރޮފެޝަނަލް 50 ނޫސްވެރިއަކު މަރާލާފައިވެ އެވެ. އަދި ހަމަނުޖެހުންތައް ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ ހަތް ނޫސްވެރިއަކާއި މީޑިއާގެ އެހެން މަސައްކަތްތަކުގައި އުޅޭ އަށް މީހަކު މަރާލާފައިވެ އެވެ.

އެ ޖަމާއަތުން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ ނުރައްކާތެރި ފަސް ގައުމަކީ، ސީރިޔާ، މެކްސިކޯ، އަފްޣާނިސްތާން، އިރާގު އަދި ފިލިޕީންސް އެވެ.

މަރުވި ނޫސްވެރިންގެ ތެރެއިން 35 މީހުން މަރުވެފައިވަނީ ހަމަނުޖެހުންތަކާއި ހަތިޔާރުގެ ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުގެ ތެރޭގައި އުޅެނިކޮށެވެ. އަދި 30 މީހަކު މަރުވެފައިވަނީ އެފަދަ ސަރަހައްދުތަކުގެ ބޭރުންނެވެ.

މަރައިލި މީހުންގެ ތެރެއިން 39 މީހުން މަރާލާފައިވަނީ އެމީހުން ކުރާ ނޫސްވެރިކަމުގެ ޒާތަށް އަމާޒުކޮށް ދިން ހަމަލާތަކުގަ އެވެ. އޭގެ ތެރޭގައި ސިޔާސީ ކޮރަޕްޝަންގެ ވާހަކަތަކާއި ރާވައިގެން ހިންގާ ޖަރީމާތަކުގެ ވާހަކަތައް ރިޕޯޓްކުރާ ނޫސްވެރިން ހިމެނެ އެވެ. އޭގެ އިތުރުން 26 ނޫސްވެރިއަކު މަރާލާފައިވަނީ ބަރު ހަތިޔާރުގެ ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގަ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ބޯޑް މެމްބަރެއް ކަމަށްވާ ކަޓްޖާ ގްލޮގާ ބުނި ގޮތުގައި ހަނގުރާމައިގެ ސަރަހައްދުތަކުގެ ބޭރުން ގިނަ އަދަދެއްގެ ނޫސްވެރިން މަރާލާފައިވާ ކަން ފާހަގަ ކުރެވެ އެވެ.

ހަނގުރާމަތަކާއި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި މަރުވާ ނުވަތަ މަރައިލާ ނޫސްވެރިންގެ އިތުރުން، ގިނަ އަދަދެއްގެ ނޫސްވެރިން ދުނިޔޭގެ އެކި ތަންތާނގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ވެސް އެބަ ތިއްބެވެ. އެކި ގައުމުތަކުގެ މީޑިއާ އިދާރާތަކުގައި މަސައްކަތް ކުރާ 300 އަށް ވުރެ ގިނަ މީހުން ޖަލުތަކުގައި ބަންދުކޮށްފައި އެބަ ތިއްބެވެ.

އޭގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ބަންދުކޮށްފައި ތިބި ފަސް ގައުމަކީ، ތުރުކީ ވިލާތް، ޗައިނާ، ސީރިޔާ، އީރާން އަދި ވިއެޓްނާމެވެ. މިއީ އާންމު ގޮތެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އޭގެ ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދީފައި ނުވާ ބައެއް ގައުމުތަކެވެ.