ހދ. އަތޮޅުގެ އެކި ރަށްރަށަށް ޖައްސަމުން ދެން މި ފޭބުނީ ހދ. ނޮޅިވަރަމަށެވެ. ރަށަށް ފައިބައި، މީހުން މަޑުކޮށްލައިގެން ތިބުމަށް ޖެޓީގައި ހަދާފައިވާ ތަނުގައި މަޑުކޮށްލައިގެން ތިބިއިރު ފެންނަނީ ރަށު ކައުންސިލުގެ ލޯގޯއާ އެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން "ހދ. ނޮޅިވަރަން" ޖަހާފައި ވަނިކޮށެވެ. 

އެ ތަނާ މާދުރަށް ހިނގާފައި ނުދެވުނީސް ދެން ވެސް ރަށުގެ ނަން ބޮޑު އަކުރުން ޖަހާފައި ވަނިކޮށް ފެނުނެވެ. މި ފަހަރު "ނޮޅިވަރަން" އިނގިރޭސި ބަހުންނެވެ. އެކަމަކު މައި މަގުން ރަށު ތެރެއަށް ހިނގާފައި ގޮސް ސަރުކާރުގެ އެކި އިދާރާތަކާ އަރާ ހަމަވިއިރު މި ރަށުގެ ނަން ބަދަލުވެއްޖެ އެވެ. މި ފަހަރު "ނޮޅިވަރަމް" އަށެވެ. 

"ނޮޅިވަރަމު ސްކޫލު" އާއި "ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު" އަދި "ނޮޅިވަރަމު ޕޮލިސް ސްޓޭޝަން" މިހެން ޖަހާފައި ހުއްޓެވެ. އެކި ތަންތަނުގައި އެކި ގޮތްގޮތަށް ނަން ލިޔެފައި ހުރުމުން ރަށުގެ ނަމަކީ ކޮބައިތޯ ހޯދުމަށް ޝައުގުވެރިވީ އެވެ. 

އެ ރަށު ސްކޫލުގައި ދިވެހި ޓީޗަރަކަށް އުޅޭ އަލީ މުނީޒް ވިދާޅުވީ ނޮޅިވަރަމަކީ އިންޑިއާ ނަމެއް ކަމަށާއި އެ ގައުމުގެ ކެރެލާ ސްޓޭޓަށް ބަލާއިރު އެ ތަނުގެ ނަންތަކާ ނޮޅިވަރަމްގެ ނަން އެތްގޮތް ކަމަށެވެ. 

ރަށުގެ ޖެޓީ ސަރަހައްދުގައި ވަނީ ހދ. ނޮޅިވަރަން ކަމަށް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރަށުގެ ޖެޓީ ސަރަހައްދުގައި ވަނީ ހދ. ނޮޅިވަރަން ކަމަށް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަލަޔާޅަމް ބަހުން ވާހަކަ ދައްކާ ކެރެލާގައި ވެސް ކްރިޝްނާޕޫރަމް އާއި ކޮއްލަމް އާއި ތިރުވަނަންތަޕޫރަމް ފަދަ ނަން ހިމެނޭއިރު ނޮޅިވަރަމްގެ ނަން އައީ އެފަދަ ގޮތަކަށް ކަމަށް މުނީޒް ވިދާޅުވި އެވެ. 

ނޮޅިވަރަމްގެ ރަށުގެ ތާރީހަށް އިޝާރާތް ކުރައްވަމުން މުނީޒް ވިދާޅުވީ އެއީ ވެސް ވަރަށް ކުރީ ޒަމާނުގައި މީހުން އުޅުނު ތަނެއް ކަމަށް ބެލެވޭ ނިޝާންތައް އެބަހުރި ކަމަށެވެ. އެހެންވެ، އެ ޒަމާނުގައި ދިން ނަމެއްގެ ގޮތުގައި ބުރަވެވޭ ގޮތަށް އޭނާ ވާހަކަ ދެއްކެވި އެވެ. 

އެހެންކަމަށްވާ ނަމަ "ނޮޅިވަރަން" އުފެދިގެން އައީ ކިހިނެއް ހެއްޔެވެ؟ 

މުނީޒު ވިދާޅުވީ ރަށުގެ ނަމަކީ ސަރުކާރުން ވަކި ގޮތެއް އެންގުމުން އެގޮތަކަށް ލިޔާ އެއްޗެއް ކަމަށެވެ. މިހާރު އެ ރަށަށް ކިޔަނީ "ނޮޅިވަރަން" ކަމަށާއި އެކަމަކު އޭނާ ގަބޫލުކުރައްވަނީ އެއީ އަދިވެސް "ނޮޅިވަރަމް" ކަމަށް މުނީޒް ވިދާޅުވި އެެވެ.

ރަށުގެ ބަނދަރުމަތީގައި ޖަހާފައިވާ ނަން ބޯޑުގައި ނޮޅިވަރަން ކަމަށް ލިޔެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރަށުގެ ބަނދަރުމަތީގައި ޖަހާފައިވާ ނަން ބޯޑުގައި ނޮޅިވަރަން ކަމަށް ލިޔެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރަށުގެ ނަމުގެ ފަހަތަށް ނޫނު ސުކުނެއް ލާފައި ވަނީ މީމަކީ ދިވެހި ބަހުގައި ސުކުން ކުރެވޭ އަކުރަކަށް ނުވާތީ ކަމަށް ބެލެވެ އެވެ.  

"ނޮޅިވަރަމް ގޮތަށް އުލިގަމަށް ވެސް މިގޮތަށް މިވަނީ. އަޅުގަނޑަށް ލަފާކުރެވެނީ ދިވެހި ނަމެއް ރަށްރަށަށް ކިޔަންވެގެން. ދިވެހި ނަމެއް ވީމަ މީމަކު ސުކުނެއް ނުކުރެވޭނެ. ނޫނުގައި ސުކުން މި ކުރެވެނީ. އެހެންވީމަ ދިވެހި ނަމަކަށް ބަދަލުކުރުމުގެ ތެރެއިން އައިސްގެން އުޅޭ ކަމެއްކަމަށް ބެލެވެނީ،" މުނީޒް ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކުން ވެސް ނޮޅިވަރަމްގެ ނަން ބޭނުންކޮށްފައި ހުރީ އެކި ގޮތަށެވެ. މިސާލަކަށް ރައީސް އޮފީހުގެ ލިޔުންތަކަށް ބަލާއިރު މިދިޔަ އަހަރުގެ ތެރޭގައި އެ ރަށާ ގުޅިގެން ލިޔެފައިވާ ދެ ލިޔުމުގައި ރަށުގެ ނަން ބޭނުންކޮށްފައި ވަނީ ދެ ގޮތަކަށެވެ. 

ރަށުގައި ދުވަސްވީ މީހުން ބުނާ ގޮތުގައި، އެންމެ އިހުގައި ރަށަށް ކިޔަމުން އައި ނަން ބަދަލުކުރުމަކީ އެ މީހުން ހިތްހަމަޖެހޭ ކަމެއް ނޫން ކަަމަށެވެ. އެހެންވެ، އެ މީހުން ލިޔުމާއި ވާހަކަ ދެއްކުމުގައި ވެސް ބޭނުންކުރަނީ އެންމެ އިހުގައި ބޭނުންކުރި ގޮތަށް ނޮޅިވަރަމް އެވެ. 

މީގެ ފަސް ވަރަކަށް އަހަރު ކުރިން ވެސް ނޮޅިވަރަމްގެ ނަމާ މެދު ސޯޝަލް މީޑިއާގައި ބަހުސެއް އުފެދުނެވެ. އެއީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަމުގައި އޭރު ހުންނެވި އަޝްރަފު އަލީ، އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އެ ރަށަށް ކިޔާނީ "ނޮޅިވަރަން" ކަމަށް ލިޔުއްވާފައިވާތީ އެވެ. 

"ނޮޅިވަރަމް"އެއް ނޫން. ނޮޅިވަރަން. "ނޮޅިވަރަމްފަރު" އެއް ނޫން. "ނޮޅިވަރަންފަރު" "ން" ޖައްސަވާ!،" ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފު އަލީ އޭރު ލިޔުއްވާފައި ވެ އެވެ.

ނޮޅިވަރަމުގެ ނަން ދިވެހި ބަހަށް ވަދެފައި އޮތީ މަލަޔާޅަމް ބަހުން ކަމަށް ބުނެ އެ ޕޯސްޓަށް މީހަކު ދިން ރައްދަކާ ގުޅިގެން އަޝްރަފު ވިދާޅުވީ "ފާލަން" ވެސް ދިވެހި ބަހަށް ވަދެފައި އޮތީ އެގޮތަށް ކަމަށެވެ. އެެހެންވެ، ނޮޅިވަރަމަށް ވެސް ވާނީ އެހެން ކަމަށް ވިދާޅުވި އެވެ. 

ރަށުގެ ކޯޓުގައި ވެސް ވަނީ ނޮޅިވަރަމް ލިޔެފައި. އެރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި ރަށުގެ ނަމަކީ އެއީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރަށުގެ ކޯޓުގައި ވެސް ވަނީ ނޮޅިވަރަމް ލިޔެފައި. އެރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި ރަށުގެ ނަމަކީ އެއީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ނޮޅިވަރަމަށް ވެސް ވާނީ މިހެން ކަމުގައި ބެލެވެނީ. ނޮޅިވަރަން - ނޮޅިވަރަމަށް އެ ވަނީ އަސްލު ލަފުޒު މީމަކަށް ނިމޭތީ. އެއީ ނޮޅިވަރަމް. އެހެނަސް ދިވެހި ގޮތް ބޮޑީ ން ޖެހުން ކަމަށް ވާތީ ކަމަށް ވިސްނެނީ ން އަށް ފަހުން ބަދަލު ކުރައްވައިފައި އެވަނީ،"" އަޝްރަފު ލިޔުއްވި އެވެ. 

އޭނާ ވަނީ ދިވެހި ބަހުގައި ބައެއް ލަފުޒުތައް ކިޔާ ގޮތްތައް ވެސް ހިމަނައިފަ އެވެ. އޭގެ ތެރޭގައި؛

  • ފާލަން- ފާލަމެއް
  • މަލަން- މަލަމެއް
  • ގަލަން- ގަލަމެއް
  • ކަން- ކަމެއް ( ކާމް)
  • ކަން- ކަނެއް( މޭޒުކަން)
  • ދަން- ދަމެއް

އެހެންވެ އަޝްރަފު ވިދާޅުވަނީ "ނޮޅިވަރަން" ލިޔުމުގައި އޮތުމަކީ ދިވެހި ރިވެތި ގޮތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެ ރަށުގެ ނަމާ ގުޅޭ ބަހުސްގައި ދިވެހި ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ވިދަޅުވީ އެ ރަށުގެ ނަން ލިޔެފައި އޮތް އެންމެ ކުރީގެ ލިޔުމަކަށް ފެންނަން އޮތީ އިސްދޫ ލޯމާފާނު ކަމަށެވެ. 

އޭގައި ވެސް ރަށުގެ ނަމަކީ ސީދާ، "ނޮޅިވަރަމް" ކަމެއް ނުވަތަ "ނޮޅިވަރަން" ކަމެއް ސާފުނުވާ ކަމަށް ނާޖިހު ވިދާޅުވި އެވެ. 

"ތިލަދުވުމަތުޔެ ނެޅިވަރަމި ތިބި..." އިސްދޫ ލޯމާފާނުގައި ލިޔެފައި ވަނީ މިގޮތަށެވެ. 

ނާޖިހު ވިދާޅުވި ގޮތުގައި އެ ލޯމާފާނު ތަރުޖަމާ ކުރެއްވި ކޮލި ހަސަން މަނިކާއި ސިލޯނުގެ ވިޖަޔާވަރުދަނާ އޭގެ އިނގިރޭސި ތަރުޖަމާގައި ލިޔުއްވާފައި އޮތީ ނޮޅިވަރަމް އެވެ. 

އެ ރަށު ސްކޫލުގެ ނަން ބޯޑުގައި ނޮޅިވަރަމް ލިޔެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ރަށު ސްކޫލުގެ ނަން ބޯޑުގައި ނޮޅިވަރަމް ލިޔެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނާޖިހު ވިދާޅުވީ ދިވެހި ތާރީހާއި ސަގާފަތަށް ހިދުމަތްކުރާ ގައުމީ މަޖިލީހުން "ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭ ރަށްރަށުގެ ނަންތަކުގެ ރަނގަޅު ގޮތް ކަމަށް ކަނޑައެޅި" ލިސްޓެއްގައި ވަނީ "ނޮޅިވަރަން" ކަމަށް ލޯމާފާނުގައި އޮއްވާ ފެނެ އެވެ. އަދި އެ އެ ރަށަށް ނިސްބަތްކޮށް ނޮޅިވަރަމު ކިޔައި އުޅެ އެވެ." މިގޮތަށް ކަމަށެވެ.

އެކަމަކު އެގޮތަށް އެ މަޖިލީހުން ބުންޏަސް އެއީ ކޮން ލޯމާފާނެއް ކަމެއް އެނގޭކަށް ނެތެވެ. 

އެހެންވީމާ މި ރަށުގެ ނަމާ މެދު ހަމަ އަސްލަށް ވެސް އޮޅުން އަރައިފި އެވެ. ދައުލަތުގެ އިދާރާތަކުންނާއި އެ ރަށުގެ މީހުންގެ މެދުގައި ވެސް ރަށުގެ ނަމާމެދު އޮޅުން އުފެދޭ ނަމަ އަދި ރަަަށަށް އަންނަ މެހެމާނުންގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ ދެން މި ރަށުގެ ނަން ބޭނުންކުރާނެ ގޮތެއް އަމިއްލައަށް ނިންމާށެެވެ.