ނަފްރަތު އުފެެއްދުމާއި ވަކި ގޮތަކަށް މީހުން ލޭބަލްކޮށް ވާހަކަ ދެއްކުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މީހުންގެ ދީނީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނިކޮށް، އޮންލައިން ޕެޓިޝަނުގައި ސޮއިކުރުމަށް، މިދިޔަ މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު އެދިވަޑައިގަތެވެ.
"ހަސަން ކުރުސީ" ނަމަކަށް ކިޔާ މީހަކު ފެށި ޕެޓިޝަނުގައި ބުނީ، އެ ޕެޓިޝަނުގެ ބޭނުމަކީ މީހުންނަށް ލާދީނީ އަދި ކާފަރަށް ގޮވުން ހުއްޓުވުން ކަމަށެވެ. އެ ގޮތަށް މީހުން ލޭބަލްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި ލޭއޮހޮރުވުން ހިނގައި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ ވެެސް ހަރުކަށި ވިސްނުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމުގެ މިސާލެއް ކަމަށް ޕެޓިޝަނުގައި ވެ އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއްވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.
އެހެންވެ، އެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލައި 101 ދީނީ އިލްމުވެރިޔަކު ސޮއިކޮށް ރައީސް އިިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޕެޓިޝަނެއް ފޮނުވާފައި ވެ އެވެ.
އިލްމުވެރިންގެ ގުޅުމުން އިސްވެ ތައްޔާރުކޮށް، މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ޕެޓިޝަނުގައި ބުނީ އެ ބިލުގެ ސަބަބުން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ގޯސް ކަންތައްތައް ކަމާއި އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެ ނޫން އާއްމު ރައްޔިތުންނަށް އެއްކޮށް ހުރަސްއެޅި ބަންދުވެގެން ދާނެކަމަށެވެ.