މިހާރު ކުރިއަށްދާ ވޯލްޑް ކަޕުން ސަސްޕެންޑް ކުރި. ތަޖުރިބާކާރު ރެފްރީ ނެދަލެންޑްސްގެ ރޮބް ޑީޕަރިންކް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އޭނާ މަރުވިކަން ނެދަލަންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނު (ކޭއެންވީބީ) ން ހާމަކުރި އެވެ. އެކަމަކު އުމުރުން 38 އަހަރުގައި ޑީޕަރިންކް މަރުވި ސަބަބެއް އެ ފެޑެރޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ. 

މިދިޔަ ހޮނިހިރު ދުވަހު ވެސް ވެސް އޭނާ ވަނީ ނެދަލެންޑްސްގެ ގޯ އަހެޑް އީގަލްސް އާއި އެޕޮލޮން އެފްސީ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ.

ޑީޕަރިންކަކީ 2011 ވަނަ އަހަރުން ފެށިގެން ޕްރޮފެޝަނަލް މެޗުތަކުގައި މަސައްކަތްކޮށް ބޮޑު ތަޖުރިބާއެއް ހޯދާފައިވާ ރެފްރީއެކެވެ. އޭނާ ވަނީ ނެދަލަންޑްސްގެ ފުރަތަމަ ޑިވިޝަންގެ 84 މެޗާ އެކު، ޖުމުލަ 284 މެޗެއްގައި މައި ރެފްރީކަން ކޮށްފަ އެވެ.

މީގެ އިތުރުން އޭނާ އަކީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވީއޭއާރް ރެފްރީއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ތަޖުރިބާކާރެކެވެ. 

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، އެ އަހަރު ބޭއްވި އޮލިމްޕިކްސްގެ އިތުރުން އެ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލްގައި ވެސް ރެފްރީންގެ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފީފާއިން އެކުލަވާލި ރެފްރީންގެ ލިސްޓްގައި އޭނާގެ ނަން ކުރިން ހިމެނި އެވެ. ނަމަވެސް ފުރާވަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެއް އޭނާގެ މައްޗަށް މެއި މަހު ކުރެވުނެވެ. 

އެ ތުހުމަތާ ގުޅިގެން ފީފާ އިން ވަނީ ވޯލްޑް ކަޕަށް ނެގި ރެފްރީންގެ ލިސްޓުން އޭނާ އުނިކޮށްފަ އެވެ.

މި ނިންމުމާ މެދު މާޔޫސްވެ، އޭރު އޭނާ ބުނީ އޭނާ އަށް ކުރެވުނު ތުހުމަތުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އެއްވެސް ހެއްކެއް ނެތް ކަމަށް ތަހްގީގީ އިދާރާތަކުން ބުނެފައިވާކަން، ފީފާ އަށް ވެސް އަންގާފައި ވާނެކަމަށް ބުންޏެވެ.

"އަހަރެންގެ މައްޗަށް ނުހައްގުން ތުހުމަތެއް ކުރެވުމުން ވަރަށް ބޮޑަށް ދެރަވި. ފެށުނީއްސުރެ އަހަރެން ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދިނިން. ވޯލްޑް ކަޕަށް އަހަރެން ނުގެންދަން ފީފާ އިން ނިންމުމުން މާޔޫސްވި،" ނެދަލެންޑްސްގެ "ޑި ޓެލެގްރާފް" ނޫހަށް ދިން އިންޓަވިއުގައި އޭނާ ބުނެފައިވެ އެވެ. 

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ އިނގިރޭސިވިލާތުގައި ކުޅުނު މެޗަކަށް އޮފިޝަލްކަންކުރަން ގޮސް ހުރި މުއްދަތެއްގައި އެކަން ކުރި ކަމަށެވެ. އިނގިރޭސި ފުލުހުން ބުނީ އެކަށީގެންވާ ހެއްކެތް ފެންނާން ނެތް ކަމަށެވެ. އެހެންވެ އެއްވެސް ދައުވާއެއް ނުކޮށް އެ މައްސަލައިގެ ކޭސް ބޭއްވީ އެވެ.

މި އަހަރުގެ ވޯލްޑް ކަޕް ހިނގަމުންދާ ދަނޑިވަޅެއްގައި ޑީޕަރިންކަކީ ކުއްލި މަރެއްގައި ދުނިޔެއާ ވަކިވި ފުޓްބޯޅައިގެ ދެވަނަ ޝަހުސިއްޔަތެވެ.

ވޯލްޑް ކަޕްގައި ކުޅުނު ދެކުނު އެފްރިކާގެ މިޑްފީލްޑަރު ޖޭޑަން އެޑަމް ވެސް، މަރުވެފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ފެނިފަ އެވެ. އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ވެސް މަރުވި ސަބަބެއް ތަހްގީގީ އިދާރަކުން އަދި ހާމައެއް ނުކުރެ އެވެ.

ނެދަލަންޑްސް ފެޑެރޭޝަނުން ބުނީ ޑީޕަރިންކްގެ ކއްލި ވަކިވުމަކީ ބައިނަލްއަގުވާމީ ތަޖުރިބާހުރި ރެފްރީއެއް ގެއްލިގެން ދިއުން ކަމަށެވެ. އަދި އެ މަރަކީ ކޭއެންވީބީއާ ގާތްކަން ބޭއްވި އެކުވެރިއެއްގެ ވަކިވުން ކަމަށް ވެސް ސިފަ ކުރި އެވެ.