ނޭޕާލުގައި މިހާރު ކުރިއަށްދާ ޕްރައިމް މިނިސްޓާ އިންޓަނޭޝަނަލް ތުރީ ނޭޝަންސް ކަޕުގައި އިއްޔެ ބޫޓާނާއި ލާއޯސް ބައްދަލުކުރި މެޗު ކުޅެމުން ދިޔަ ވަގުތު، މެޗަށް އިންސާފު ކުރި ރާއްޖޭގެ ރެފްރީން ރޯދަ ވީއްލުމުގެ ފުރުސަތު ދީފި އެވެ.
މި މުބާރާތް އިންސާފު ކުރުމުގައި ރާއްޖޭގެ ހަތަރު ރެފްރީއެއް ބައިވެރިވެ އެވެ. އެއީ އޭއެފްސީ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް އާއި އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން އާއި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އަދި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ އަހުމަދު އަފްސަހު އެވެ.
ނޭޕާލް ގައި މަގުރިބް ނަމާދު ވަގުތު ގާތްވެފައި ވަނިކޮށް ފަށައިގެން ކުޅުނު މި މެޗު މެދުކަނޑާލީ ވިއްސަކަށް މިނިޓުގެ ކުޅުމަށް ފަހު ބޯޅަ ބޭރުވުމުންނެވެ. ރެފްރީން ރޯދަ ވީއްލުމަށް ވަގުތުކޮޅެއް ނެގީ މެޗު ފެށުމުގެ ކުރިން މެޗު ކޮމިޝަނަރާ މަޝްވަރާ ކުރުމަށް ފަހު ހުއްދަ ހޯދައިގެންނެވެ.
ބޫޓާނާއި ލާއޯސް ބައްދަލުކުރި މި މެޗުގެ ފުރަތަމަ ރެފްރީއެއްގެ ގޮތުގައި ޖާވިޒް ހުރިއިރު ލައިންސްމަނުންގެ ގޮތުގައި ތިބީ ޖައުފަރާއި އަފްސަހު އެވެ. އަދި ހަތަރުވަނަ އޮފިޝަލަކީ ސިނާން އެވެ. މި މެޗު 2-1 އިން ކާމިޔާބު ކުރީ ލާއޯސް އެވެ.
ރޯދަމަހާ ގުޅުވައިގެން މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމުގެ ފުރުސަތު ދޭން ދުނިޔޭގެ މަޝްހޫރު ގިނަ ލީގުތަކަކުން ނިންމާފައިވެ އެވެ. އެކަމަކު ރެފްރީން ރޯދަ ވީއްލަން މިގޮތަށް ބައިނަލްއަގުވާމީ މެޗެއް މެދުކަނޑާލައި ވަގުތުކޮޅެއް ދިނުން މިއީ އާއްމު ކަމެއް ނޫނެވެ.
ރެފްރީން ރޯދަ ވީއްލަން ފުރުސަތު ދިނުމާ ގުޅިގެން އެކި ފަރާތްތަކުން ވަނީ މި ނިންމުމަށް ތައުރީފު ކޮށްފަ އެވެ. އަދި މިއިން އަންގައިދެނީ ރެފްރީންނަކީ ވެސް ފުޓުބޯޅަ މެޗުގެ މުހިއްމު ބައެއް ކަމަށް ނޭޕާލްގެ ނޫސްވެރިއަކު ބުނެފައިވެ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުން ވަނީ ލާއޯސް ބަލިކޮށްފަ އެވެ. އެ މެޗުގައި ރެފްރީކަން ކުރީ ސިނާން އެވެ. ލީގު ބުރުގެ ފަހު މެޗާއި ފައިނަލް މެޗު ވެސް އޮންނާނީ ރޯދަ ވީއްލާ ގަޑިއާ ދިމާވާ ގޮތަށެވެ.
މި އަހަރު ފީފާގެ ލިސްޓުގައި ރާއްޖޭގެ އަށް ރެފްރީއެއް ހިމެނެ އެވެ. އެއީ އެލީޓް ރެފްރީންގެ ބެޖް ހާސިލް ކުރި ޖާވިޒް އާއި ސިނާން އަދި އާދަމް ފަޒީލްގެ އިތުރުން އެސިސްޓަންޓް ރެފްރީންގެ ބެޖް ހާސިލް ކުރި ޖައުފަރު، އަފްސަހު، އަހުމަދު އަބްދުﷲ އަދި ނިއުޝާދު މުހައްމަދާއި އަހުމަދު ހަސަނެވެ.