ލަންޑަން (ޖެނުއަރީ 19) - ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީގައި ނިންމާ ނިންމުންތައް ދަނޑަށް ވަދެ ތިބޭ ސަޕޯޓަރުންނާއި ޓީވީން މެޗު ބަލާ ފަރާތްތަކަށް ވަގުތުން ތަފްސީލު ކޮށްދޭން އެއް އަހަރު ދުވަހުގެ ޓްރަޔަލް އެއް ފަށަން ފުޓުބޯޅައިގެ ގަވާއިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ނިންމައިފި އެވެ.
އައިއެފްއޭބީން މި ޓްރަޔަލް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފީފާގެ މުބާރާތްތަކުގަ އެވެ. އެންމެ ފުރަތަމަ ޓްރަޔަލް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހު މޮރޮކޯ ގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕުންނެވެ. އަދި އޮސްޓްރޭލިއާ އާއި ނިއުޒިލެންޑް ގައި މި އަހަރު ބާއްވާ އަންހެން ވޯލްޑް ކަޕް ގައި ވެސް މި ޓްރަޔަލް ކުރިއަށް ގެންދާނެ އެވެ.
"ކުރިއަށް އޮތް 12 މަސްދުވަހަށް، ފީފާ މުބާރާތްތަކުގައި ޓްރަޔަލް ކުރިއަށް ގެންދަން ވަނީ ނިންމާފައި. މި ޓްރަޔަލް ގައި ވީއޭއާރުގެ ނިންމުމަކަށް ފަހު، ދަނޑުގަ އާއި ޓީވީން މެޗުބަލާ ފަރާތްތަކަށް އެ ނިންމުން ތަފްސީލު ކޮށްދޭނީ ރެފްރީ،" އިއްޔެ ވެމްބްލީ ސްޓޭޑިއަމްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ބައްދަލުވުމަށް ފަހު އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް މާކް ބުލިންގަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭގޮތުގައި ދެފުށް ފެންނަގޮތަށް ކަން ކުރަން މިއީ މުހިއްމު ކަމެއް. އޭރުން ދަނޑުގައި ތިބޭ ސަޕޯޓަރުންނަށް ވެސް އެކަށީގެންވާ މައުލޫމާތު ލިބޭނެ."
ވީއޭއާރުގެ ނިންމުން ރެފްރީން މުޅި ދަނޑަށް އިއުލާން ކުރިއަސް، ރެފްރީ އާއި ވީއޭއާރު އޮފިޝަލުންނާ ދެމެދު ދެކެވޭ ވާހަކަތައް މިހާރެކޭ އެއްގޮތަށް ސިއްރު ވާނެ އެވެ.
ފީފާ އިން ވީއޭއާރު ތައާރަފް ކުރީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ވީއޭއާރުގެ ބައެއް ނިންމުންތަކާ މެދު ހިޔާލު ތަފާތުވުންތައް އުފެދެ އެވެ.
މި އަހަރުގެ ވޯލްޑް ކަޕް ގައި އެންމެ ހޫނުވި ނިންމުމަކީ ޖަޕާނުން ސްޕެއިން ބަލިކުރަން ޖެހި ގޯލު ބަލައިގަންނަން ވީއޭއާރުން ނިންމި ނިންމުމެވެ. ބޯޅަ ކުޅުމުން ބޭރު ވެފައި ވާކަމަށް ބަލައި ރެފްރީ އެ ގޯލު ބަލައި ނުގަތް ނަމަވެސް ދިގު ވީއޭއާރު ރިވިއު އަކަށް ފަހު އެ ގޯލު ބަލައިގަންނަން ނިންމީ އެވެ.
ކުޅުންތެރިއެއްގެ ބޮލަށް އަނިޔާ ވެގެން ކުޅުން ކުރިއަށް ނުގެންދެވޭ ހާލަތުގައި އިތުރު ބަދަލެއް ގެންނަން ހުއްދަ ދޭން އިއްޔެހެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ. އެކަމަކު އެކަމާ ބެހޭގޮތުން ވަކި ގޮތެއް ނުނިންމަ އެވެ. އައިއެފްއޭބީ އިން ހާމަކުރާ ގޮތުގައި އެ މައުލޫ އަދިވެސް އަންނަނީ ރިވިއު ކުރަމުންނެވެ.
މީގެ އިތުރުން އޮފްސައިޑް ހާލަތުގައި ގަސްތުގައި ކުޅުން ނުވަތަ 'ޑެލިބަރޭޓް ޕްލޭ' އާ ގުޅޭ ގައިޑްލައިން ވެސް ތަފްސީލު ކުރުމާ ބެހޭގޮތުން ވެސް އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.