ރ. އަތޮޅުގައި ހިންގާ ރީތިފަރު ރިސޯޓުގެ ދެ ވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން އިމަޖެންސީގައި ފަރުވާ ދޭން ފަށައިފި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހެލްތު ސާވިސް މެނޭޖަރު އިބްރާހިމް ޒަޔާން ވަނީ އިންޑިއާގެ އެ ދެ ބޭފުޅުންނަށް ކޮވިޑް ޖެހިފައިވާ ކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ޒަޔާން ވިދާޅުވީ ރީތިފަރު ރިސޯޓުގެ އިސް ދެބޭފުޅުންގެ ހާލު ދެރަވެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 5:50 ގައި ކަމަށެވެ. އޭރު ވެސް އެއް ބޭފުޅަކަށް ފަރުވާ ދެމުން އައީ އޮކްސިޖަނުގެ އެހީގައި ކަމަށާއި ޓެސްޓު ކުރިއިރު ނަތީޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޒަޔާން ވިދާޅުވި އެވެ.

އެއީ ވަރަށް "ހައި ޕްރޮފައިލް" ދެ ވެރިން ކަމަށް ވުމުން މާދަމާ އިންޑިއާ އަށް ގެންދިއުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ދެ ބޭފުޅުން ގިނައިން އުޅުއްވަނީ ރިސޯޓުގައި ކަމަށް ވެސް ވެ އެވެ.

ރީތިފަރުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ރިސޯޓުގައި ކޮވިޑް-19ގެ ކޭސްތައް ވަރަށް މަދެވެ. ރިސޯޓުގެ އެއްވެސް މުވައްޒަފަކު މިހާތަނަށް ޕޮޒިިޓިވް ނުވާ ކަމަށާއި ވެރިންނަށް ކޮވިޑް-19 ޖެހުނީ އިންޑިއާ އަށް ކުރެއްވި ދަތުރެއްގައި ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ވަރަށް މުސްކުޅި ދެ މީހުން އެއީ. ގިނައިން ތިބެނީ ރިސޯޓުގެ ޕްރައިވެޓް އޭރިއާގައި. އެކަމަކު ދަތުރު ކުރާނެ ދޭތެރެއިން. ކޮވިޑް ޖެހުނީ އެހެން ކުރި ދަތުރެއްގައި ކަމަށް ވެސް ވެދާނެ،" ރިސޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.