ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނި ރީތި ބީޗް އަނެއްކާ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެ ރަށުން މި ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވޭ ދިވެއްސަކާއި ބިދޭސީއަކު ފެނިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެ ބިދޭސީމީހާ އަކީ އެ ރަށުގައި މަސައްކަތްކުރާ މީހެއް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެރަށުގައި މަސައްކަތްކުރާ ބިދޭސީއަކު ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓުކޮށްފައިވެއެވެ. އެހެންނަމަވެސް އެ މީހާގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.
އެ ރިސޯޓު މޮނިޓަރިން އަށް ގެނައުމާ އެކު މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމްލަ ތިން ތަނެކެވެ. އެއީ އެ ރިސޯޓުގެ އިތުރަށް އައިލެންޑް ސަފާރީއާއި އީކުއޭޓާ އެވެ. މީގެ އިތުރަށް އަނަންތާރާ ދިގު ރިސޯޓުގެ ރިސަލްޓް ނެގެޓިވްވުމާއެކު، އެ ރިސޯޓު އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސިނަމަން ހަކުރާ ހުރާގައި ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެހެންނަމަވެސް ސިނަމަން ހަކުރާހުރާ ހުޅުވާލުމުގެ މަސައްކަތް ލަސްވެފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، މިކަން ލަސްވެފައިވަނީ އެ ރިސޯޓުން އިތުރު މީހަކު ޓެސްޓު ކުރުމަށް ޓެކް ޓީމުން އެދުމުން ކަމަށެވެ. އަދި އެމީހާގެ ޓެސްޓުކޮށް މިހާރު ނެގެޓިވް ވެފައިވާ ކަމަށާއި ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.