މިޔަންމާގައި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުންނާއި، މިދިޔަ ފެބްރުއަރީ މަހު އެގައުމަށް ގެނައި އަސްކަރީ އިންގިލާބާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، މިޔަންމާގެ ރެޑް ކްރޮސް އިން ފަށައިފި އެވެ.
މިޔަންމާގެ ރެޑް ކްރޮސް އިން ބުނާ ގޮތުގައި، ކޮވިޑާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން، އެކި ގޮތްގޮތުން ކުއްލި އެހީތެރިކަމަށް ބޭނުންވެފައިވާ، 236000 އަށް ވުރެ ގިނަ މީހުން އެ ގައުމުގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ކުއްލި އެހީތެރިކަމާއި، ފައިސާގެ އެހީތެރިކަން ބޭނުންވާ މީހުންނާއި، ކައުންސެލިންގެ ހިދުމަތް ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު ވެސް އެބަ ތިއްބެވެ.
"މިދިޔަ އަހަރު ފެތުރެން ފެށި ކޮވިޑް-19ގެ ސަބަބުން، މުޅި މިޔަންމާގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި. އެހެން އޮއްވައި، (އަސްކަރީ އިންގިލާބާ ގުޅިގެން) މިހާރު ކުރިމަތިވެފައިވާ މައްސަލައިގެ ސަބަބުން، އިތުރު އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތައް ފެންމަތިވެއްޖެ. ވަރަށް ގިނަ ބަޔަކު ތިބީ އާމްދަނީ ހޯދާނެ ގޮތަކަށް ބޭނުންވެފައި. އަދި ސިއްހީ ހިދުމަތް ފަދަ، އަސާސީ ހިދުމަތްތައް މިހާރު ހުރީ ވަރަށް ބޮޑަށް ހަނިކުރެވިފައި،" މިޔަންމާގެ ރެޑް ކްރޮސް ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހީތިން ޒާވް ސޯ ވިދާޅުވި އެވެ.
ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް މިޔަންމާ ވެއްޓުނީ، މިދިޔަ ފެބްރުއަރީ މަހު، އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާ މިން އައުންގް އިސްވެ ހުންނަވައިގެން ގެނައި އަސްކަރީ އިންގިލާބުގައި، އަންގް ސަންގް ސޫކީގެ ސަރުކާރުގެ އިސް ވެރިންތައް ހައްޔަރުކުރުމާ ގުޅިގެންނެވެ. އަންގް ސަންގް ސޫކީގެ ސަރުކާރު ވައްޓައިލުމާ ގުޅިގެން އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، އެތައް ދުވަހެއް ވަންދެން މުޒާހަރާ ކުރުމުގެ ސަބަބުން، އާންމު ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން، 850 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. ނަމަވެސް، ބައެއް ހޮސްޕިޓަލުތަކުގެ މުހިންމު ހިދުމަތްތައް މެދުކެނޑިފައި ހުރުމުގެ ސަބަބުން، ޒަހަމްވި ބައެއް މީހުންނަށް ފަރުވާ ދިނުން ވެސް ވަރަށް ބޮޑަށް ލަސްވި އެވެ.
ރެޑް ކްރޮސް އިން ބުނި ގޮތުގައި ކޮވިޑްގެ ސަބަބުން އިނދަޖެހިފައި އޮތް އިގްތިސާދު، އެއަށް ވުރެ ބޮޑަށް ގޯސްވީ، ސިފައިން ގެނައި އިންގިލާބާ ގުޅިގެންނެވެ. އަދި އިންގިލާބާ ގުޅިގެން ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުންނާއި ކޮވިޑްގެ ސަބަބުން ފިހާރަތަކާއި ރެސްޓޮރަންޓްތަކާއި ކާރުހާނާތައް ބަންދުކުރަން ޖެހުމުން، އެތައް ހާސް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ވަކިން ހާއްސަކޮށް ބޮޑެތި ސިޓީތަކުގައި ޖިފުޓިތަކުގައި ދިރިއުޅޭ އާބާދީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.