ރަޝިޔާ ސިފައިންގެ ހިސޯރުގެ ދަށުގައި އޮންނަތާ ދެ މަސްދުވަސްވީ، ޔޫކްރޭންގެ ދެކުނު ސަރަހައްދުގެ ސަހަރެއް ކަމަށްވާ މަރިއުޕޯލްގެ ކާރުޚާނާއެއްގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިބި އާންމުންގެ ތެރެއިން އިތުރު 100 ވަރަކަށް މީހުން އެ ތަނުން ނެރެވިއްޖެ ކަމަށް ޔޫކްރޭނުން ބުނެފި އެވެ.
މަރިއުޕޯލްގެ މޭޔަރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ސަހަރުގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިބި އާންމުންގެ ތެރެއިން އިއްޔެ ނެރެނު މީހުން، ރޭގެ ވަގުތެއްގައި އެ ސަހަރުން ބަސްތަކުގައި ނުކުމެއްޖެ އެވެ. އަދި، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް ޒަޕަރޯޗިޔާ އަށް މިއަދުގެ ވަގުތެއްގައި އެ ބަސްތައް ދާނެކަމަށް ވެއެވެ.
ރަޝިޔާ ސިފައިން މަރިއުޕޯލް ހިފުމާ ގުޅިގެން، އެ ސަހަރުގައި ބާކީ ތިބި ޔޫކްރޭން ސިފައިން ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ވަނީ ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރެއަށެވެ. ސިފައިންނާ އެކުގައި އާންމުންގެ ބަޔަކު ވެސް އެ ކާރުޚާނާ އަށް ވަދެ ރައްކާތެރިކަން ހޯދި އެވެ.
އެ މީހުން ކާރުޚާނާގެ ތެރެއަށް ވަނުމާއެކު، ރަޝިޔާ ސިފައިން ވަނީ އެ ސަރަހައްދު އެކުގައި ހިސޯރުކޮށް، ކާރުޚާނާ އިން އެއްވެސް މީހަކަށް ބޭރަށް ނުދެވޭނެ ގޮތް ހަދައިފަ އެވެ. އެއަށް ފަހު، ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، ދެ ފަހަރެއްގެ މަތިން ރަޝިޔާ ސިފައިން ވަނީ މުހުލަތު ކަނޑައަޅައިފަ އެވެ.
ނަމަވެސް ޔޫކްރޭން ސިފައިން އެކަމަށް އިޖާބަ ނުދިނުމުން، ރަޝިޔާ ސިފައިން އެ ކާރުޚާނާ އަށް ހަތިޔާރާ އެކުގައި ވަދެގަންފާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، ދުނިޔޭގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ކާރުޚާނާގެ ތެރޭގައި ތިބި މީހުން ސަލާމަތުން ނުކުތުމުގެ ފުރުސަތު ދިނުމަށް ރަޝިޔާ އަށް ގޮވާލައިފަ އެވެ.
ރަޝިޔާ އާއި ޔޫކްރޭން ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު، ރަޝިޔާ ސިފައިން ވަނީ، ކާރުޚާނާގެ ތެރޭގައި ތިބި އާންމުން އެ ތަނުން ނުކުތުމަށް އަމާން މަގެއް ހަމަޖައްސައިދީފަ އެވެ. އިންޓަނޭޝަނަލް ރެޑްކްރޮސްގެ ބެލުމުގެ ދަށުން، އެ ކާރުޚާނާ އިން ނެރޭ އާންމުން، ގެންދިއުމަށް ހަމަޖެހިފައިވަނީ، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކަށެވެ.
ކާރުޚާނާގެ ތެރެއިން ފުރަތަމަ ނެރުނު މީހުން ބަސްތަކުގައި އެ ސަރަހައްދު ދޫކޮށް ދިއުމާއެކު، ރަޝިޔާ ސިފައިން ވަނީ ކާރުޚާނާ ހުންނަ ސަރަހައްދަށް އިއްޔެ ހަމަލާ ދޭން ފަށައިފަ އެވެ. ކާރުޚާނާގެ އިތުރުން، މަރިއުޕޯލްގެ އެހެން ސަރަހައްދުތަކުގައި ތިބި ބައެއް އާންމުން އެ ސަހަރުން ނެރުމުގެ މަސައްކަތް ވެސް އދ. އާއި ރެޑް ކްރޮސްގެ ބެލުމުގެ ދަށުން މިހާރު އަންނަނީ ކުރަމުންނެވެ.
ނަމަވެސް މިއަދު އެ ސަހަރުން ނެރުމަށް ހަމަޖެހިފައިވާ މީހުން ގޮވައިގެން ދަތުރުކުރުމަށް ހަމަޖެހިފައިވާ ބަސްތައް، އެއްބަސްވެފައިވާ ސަރަހައްދަށް އައުން ލަސްވުމާ ގުޅިގެން، އެ މީހުން ނެރުމުގެ މަސައްކަތް ވަނީ މަޑުޖެހިފައި ކަމަށް މަރިއުޕޯލްގެ ސިޓީ ކައުންސިލުން ބުނެ އެވެ.