މުސާރަ އާއި އިނާޔަތްތަކާއި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިން މިންވަރު އިތުރުވެ، ދިވެހި ދައުލަތް ހިންގުމުގެ މުޅި ހޭދަ އެތައް ބިލިއަން ރުފިޔާ އިން މައްޗަށް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި، މި އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތަކަށް 9 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ މިދިއަ އަހަރު އެ ބަޔަށް ހޭދަވި 8.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 600 މިލިއަން ރުފިޔާ މަތީ އަދަދެކެވެ.
މި ސަރުކާރުން އެކި ފަރާތްތަކަށް ދެމުން އަންނަ ބޮޑެތި ބަދަލުތަކާ އެކު، އެ ދާއިރާ އިން ދައުލަތުގެ މުޅި ހޭދަ ވަނީ 900 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން މިދިއަ އަހަރު ބަދަލުގެ ގޮތުގައި 115 މިލިއަން ރުފިޔާ ދިން އިރު މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެ މިންވަރު ވަނީ 1.1 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އެހާ ބޮޑެތި ބަދަލުތައް ދޭން ޖެހުނީ ކުރީ ސަރުކާރުން އުވާލި އެގްރިމެންޓްތަކާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކުރި ކަންކަމުން ބައެއް މީހުންނަށް ލިބުނު މާލީ ގެއްލުންތައް ވެސް ބޮޑުވުމުންނެވެ.
މި އަހަރު އެންމެ ބޮޑު ބަދަލެއް ސަަރުކާރުން ދީފައި ވަނީ ނޫމަޑި އަށެވެ. އެކި ރަށްރަށުގައި ހައުސިން ޔުނިޓް އަޅާ ގޮތަށް، ޓޫރިޒަމްގެ ވިޔަފާރިއަށް ބައެއް ރަށްރަށް ދޭން، އެމްޑީޕީ ސަަރުކާރުން އެ ކުންފުންޏާ އެކު ވީ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން، ނެދަލެންޑްސްގެ ހޭގުގައި ހުންނަ އާބިޓްރޭޝަން ސެންޓަރަށް ހުށައެޅި އެވެ.
އެކަމަކު ސަރުކާރުން ވަނީ އާބިޓްރޭޝަން ނިމުމުގެ ކުރިން ކޯޓުން ބޭރުގައި 55 މިލިއަން ޑޮލަރު (849،750،000ރ.) ދީފަ އެވެ.
އެ ނިންމުން ދިފާއުކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ އާބިޓްރޭޝަން ނިމެންދެން މަޑުކުރި ނަމަ ދައްކަން ޖެހޭ އަދަދު 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިިޔާ) އަށް އެރީސް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ސިފަކުރެއްވި ގޮތުގައި 55 މިލިއަން ޑޮލަރުގެ ބަދަލަކީ "ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށްދިިނުމެ"ވެ.
ސަރުކާރުގެ ރިކަރަންޓް ހަރަދު ވަނީ މިދިއަ އަހަރާ އަޅާބަލާ އިރު 2.2 ބިލިއަން ރުފިޔާ އިތުރުވެ، 18.3 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އިދާރީ ހިންގުމުގެ ބަޔަށް ވެސް ބިލިއަނެއްހާ ރުފިޔާ އިތުރުވި އެވެ.
ބައެއް ހަރަދުތައް
މުސާރަ
2018: 8.4 ބިލިއަން. 2019: 9 ބިލިއަން
ބަދަލުގެ ގޮތުގައި
2018: 115 މިލިއަން. 2019: 1.1 ބިލިއަން
އިދާރީ ހިންގުން
2018: 7.5 ބިލިއަން. 2019: 8.3 ބިލިއަން
އާ ސަރުކާރުން ނޮވެމްބަރުގެ ނިޔަލަށް ހިންގި މަޝްރޫއުތަކަށް ކުރި ހޭދަ މިދިއަ އަހަރަށް ވުރެ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ މަދެވެ.
ކުރީ ސަރުކާރުގެ ފަހު އަހަރު އެކި ޕްރޮޖެކްޓްތަކަށް 7 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އެކަމަކު މި ސަރުކާރުގެ ފުރަތަމަ އަހަރު އެ ދާއިރާއިން ހޭދަކުރި ވަރު އުޅެނީ 6.6 ބިލިއަން ރުފިޔާގަ އެވެ.
ސަރުކާރުން ބުނާ ގޮތުން، ރިޔާސީ ދައުރެއް ނިމޭ އަހަރާއި ދައުރެއް ފެށޭ އަހަރު ކުރަން ޖެހޭ ހަރަދު ވަރަށް ތަފާތު ވާނެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ އަހަރު ހިންގާފައިވާ މަޝްރޫއުތައް، ޔާމީން ސަރުކާރުގެ ފުރަތަމަ އަހަރު، 2014 އަށް، ވުރެ ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާ ލަފާކުރި ވަރަށް ވުރެ މަތި
ދަރަނި އަނބުރާ ދައްކަން 2.9 ބިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް ސަރުކާރުން މިހާތަނަށް ދެއްކީ އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް ލޯނު އަނބުރާ ދެއްކުމުގެ މަގުސަދުގައި ކުރީ ސަރުކާރުން ގާއިމްކުރި ސޮވެރިން ފަންޑަށް، ލަފާކުރި ވަރަށް ވުރެ އިތުރަށް މި އަހަރު ޖަމާކުރި އެވެ. އޭގެ ސަބަބަކީ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ގިނަވުމެވެ.
ރާއްޖެ އަންނަ ބޭރު މީހުންގެ އަތުން، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ގެ ގޮތުގައި ބޮލަކަށް ނަގާ 25 ޑޮލަރު ދަނީ ސީދާ ސޮވެރިން ފަންޑަށެވެ. މި އަހަރު އެ ފަންޑަށް ލިބޭނެ ކަމަށް ލަފާކުރީ 705 މިލިއަން ރުފިޔާ އެވެ. އެކަމަކު ނޮވެމްބަރުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަހަރެއްގެ ތެރޭގައި އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަންއަށް، ނޮވެމްބަރު މަހު އެރި އެވެ.