ދިރާގުން ކޮންމެ އަހަރަކު ބާއްވާ މުވަޒަފުންގެ "ފެމެލީ ޑޭ" މި އަހަރު ރަސްރަނި ބަގީޗާގެ ވިންޓަ ޕާކުގައި އިއްޔެ ހަވީރު ބާއްވައިފި އެވެ.
ދިރާގު "ފެމެލީ ޑޭ" އަކީ، އެ ކުންފުނީގެ މުވަޒަފުންގެ އާއިލާތަކާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ކޮންމެ އަހަރަކު ބާއްވާ ހަރަކާތެކެވެ. ކޮންމެ ފަހަރަކު ވެސް މި ހަރަކާތް ބާއްވަނީ ތަފާތު ތަނެއްގަ އެވެ.
"ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. މުވައްޒަފުންގެ މަންފާ އާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ. މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
"ދިރާގު ފެމެލީ ޑޭ" އަކީ އެ ކުންފުނިން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ.
ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނީގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދެ އެވެ.
"މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލު އެންމެ ފުރިހަމަ އެއް ކުންފުންޏެވެ،" އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ މުވައްޒަފުންގެ ޖަމިއްޔާ، "އީ ކްލަބް" ން ބުނީ އެފަދަ ހަރަކާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން އޮފީހުގެ މާހައުލާ ދުރުން މަޖާކޮށް އަދި އުފާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދީ، މުވައްޒަފުންގެ ހިތްހަމަޖެހުން އިތުރު ކުރުން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
އީ ކްލަބުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަނަލް ސެންޓަރުތަކުގައި ވެސް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ހުރިހާ ރީޖަނަލް އޮފަރޭޝަނަލް ސެންޓަރުތަކުން ދަތުރު ދިއުމާއި ސްޓާފް ނައިޓް ފަދަ އިވެންޓްތައް ބާއްވަމުން އަންނަ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.