ރަސްރަނި ބަގީޗާގައި ހަދަމުން އަންނަ ވިންޓަ ތީމް ޕާކް އަންނަ ފިތުރު އީދު ދުވަހު ހުޅުވަން ތައްޔާރު ވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިންޓަ ތީމް ޕާކް ހުޅުވުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ފިނި މޫސުމުގެ އިހުސާސްތައް ކުރެވޭ ގޮތަށް ހަދާ ޕާކް ސަރަހައްދުގައި ކެފޭއެއް ހިންގަން ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ ޕާކް ހިންގަން ޖެހޭނީ ރަސްރަނި ބަގީޗާގައި ކެފޭ ހިންގާ ފަރާތަކުންނެވެ.

މިނިސްޓްރީން ކުރިން ބުނި ގޮތުގައި ތީމް ޕާކަށް ވަންނަން ފީއެއް ނަގާނެ އެވެ. އަދި އެ ތަނުގެ ތެރޭގައި ސްލައިޑް ކުރާނެ ވަސީލަތްތަކާއި އައިސް ސްކޭޓް ކުރެވޭނެ ރިންގެއް ހުންނާނެ ކަމަށް ބުންޏެވެ.

ވިންޓަ ތީމް ޕާކު ހަދާފައިވަނީ، ބޮޑު ގެއެއް ސިފަވާ ގޮތަށް ޓިނުންނެވެ.

ސަލްޓަން ޕާކްގެ ނަން ބަދަލުކޮށް، ރަސްރަނި ބަގީޗާގެ ނަމުގައި އެ ޕާކް މިދިޔަ އަހަރު ހުޅުވާފައި ވަނީ ވަރަށް ބޮޑެތި ބަދަލުތަކަކާ އެކު އެވެ.