މާލޭގެ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށް ފަހު ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ވަގުތީ ގޮތުން އާންމުންނަށް މި ހަފުތާގައި ހުޅުވާލައިފި އެވެ.
އެތަން މަރާމާތަށް ބަންދުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާ އެކު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ ހާލަތު ވަޒަން ކުރެއްވުމަށްފަހު އެ މަނިކުފާނުގެ އެންގެވުމަށެވެ.
އޭގެ ފަހުން މަރާމާތުތަކާ އެކު، ރަސްފަންނު އަލުން ހުޅުވާލިއިރު، މެންދުރު ރައީސް ވަނީ އެތަން ބައްލަވައިލެއްވުމަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނުގެ އަރިހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ހަފްތާއިން ފެށިގެން އާންމުންނަށް އެތަން ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ތަނުގެ އިތުރު މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް ސަރުކާރުން ރަސްފަންނުގައި ކޮށްފައިވާ މަސައްކަތްތައް:
- ބީޗުގެ ގިރައިގެން ގޮސްފައިވާ ސަރަހައްދަށް ވެލިއަޅައި އެއްވަރުކުރުން
- މޫދަށް ފައިބާ ސަރަހައްދަށް ޖަމާވާ ޗަކަ ނެގުން
- ފެންވަރާ ތަންތަން މަރާމާތު ކުރުން
- ހަލާކުވެފައިވާ ހަޓުތައް މަރާމާތު ކުރުން
- ޖޯލިތައް މަރާމާތު ކުރުން
- ބާބަކިޔު ސްޓޭންޑުތައް މަރާމާތު ކުރުން