ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައި، އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމި ނިންމުމުގައި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ދާއިރާގެ މަސައްކަތްތެރީންގެ މައްޗަށް އަމަލުކުރެވޭ ގޮތަށް ފަށާފައިވާ ދައުލަތުގެ އާ ޕޭ ފްރޭމް ވޯކުގެ އިތުރުގަޑީގެ ފައިސާ ދޭ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިތުރުގަޑީގެ ފައިސާ ދިނުމެއް ނެތި ސިއްހީ މަސައްކަތްތެރީން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވަމުންދާ ކަމަށެވެ.

އަދި މުވައްޒަފުންގެ އަސާސީ މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރުވާ ގޮތަށް މަސައްކަތްތެރީން ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް އާ ޕޭ ފްރޭމްވޯކުގައި ސާފުކޮށް ލިޔެވިފައި އޮތް ނަމަވެސް، ސިއްހީ މަސައްކަތްތެރިން ލައްވާ އެއަށްވުރެ ގިނަ ވަގުތު މަސައްކަތްކުރުވަމުން ދާ ކަމަށް ބަޔާނުގައިވެ އެވެ. އެގޮތަށް އިތުރަށް ކުރުވާ މަސައްކަތަށް އެއްވެސް ފައިސާއެއް ނުދޭތީ، މިއީ ވަޒީފާއާ ބެހޭ ގާނޫނާއި އަދި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފު ކަމެއް ކަމަށް އެ ޔޫނިއަންގެ ބަޔާނުގައި ވެއެވެ.

"މައްސަލައަކީ މަސައްކަތު ގަޑިއަށްވުރެ އިތުރަށް މަސައްކަތްކުރަން މަޖުބޫރުކުރުން، އުޖޫރަ ނުދީ 14-16 ގަޑިއިރަށް މަސައްކަތްކޮށް އެކަށީގެންވާ ވަގުތު ރެސްޓްކުރަން ނުލިބުން. މިއީ މަސައްކަތްތެރިޔާ އަށް އަދި ހިދުމަތަށް އަސަރުކުރުވާ ކަންކަން،" މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ޒިމްނާ ވިދާޅުވި އެވެ.

ރަމަޟާން މަހުގެ ބަންދުވާ ފަހު ދިހައިގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިނާޔަތްތަކެއް ދޭން ރައީސް ނިންމަވާފައިވީ ނަމަވެސް، އެ އިނާޔަތްތަކުގެ ތެރޭގައި ފައިސާ ނުދީ އިތުރުގަޑީގައި ކުރުވާ މަސައްކަތްތަށް ހައްގުވާ ފައިސާ ދިނުމުގެ ވާހަކަ ނެތް ކަމަށާއި އެ މައްސަލައަށް އެއްވެސް ގޮތަކަށް ރިއާޔަތްކޮށްފައި ވެސް ނުވާ ކަމަށް ޒިމްނާ ވިދާޅުވި އެވެ.

ޒިމްނާ ވިދާޅުވީ ރަސްމީ ބަންދު ދުވަސްތަކުގައި ދޭ އިނާޔަތާއި ހާޒިރީ އެލަވަންސް އަކީ 2023 ގައި އާ ޕޭ ފްރޭމްވޯކް އެކުލަވާލި އިރު، އެ ޔޫނިއަންގެ ފަރާތުން ނެގޯޝިއޭޓްކޮށްގެން އޭގައި ހިމަނާފައި ހުރި ކަންކަން ކަމަށާއި އެއީ މޭ 1، 2023 އިން ފެށިގެން މިހާރު ވެސް ލިބެމުން އަންނަ އިނާޔަތްތަކެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް މި ރަމަޟާން މަހާ ދިމާކޮށް އަލަށް ދޭންފެށި އެލަވަންސްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން މިހާރު ވެސް ލިބޭ އެލަވަންސްތަކެއް އެއީ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އާ ޕޭ ފްރޭމްވޯކުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް 10 ޕަސެންޓަށް ވުރެ އިތުރަށް މަސައްކަތްކުރުވާތީ. އަދި މިގޮތަށް އިތުރަށް ކުރުވާ މަސައްކަތަށް އެއްވެސް ފައިސާއެއް ނުދޭތީ. ސަރުކާރުގެ ސާކިއުލާގައި ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެއްވެސް ހައްލެއް ގެނެސްދެއްވާފައި ނެތް." ޒިމްނާ ވިދާޅުވި އެވެ.

ޒިމްނާ ވިދާޅުވީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން އަބަދުވެސް ވަކާލާތުކުރަނީ މަސައްކަތްތެރީންނަށް ވޯކްލައިފް ބެލެންސް ހޯދައިދިނުމަށް ކަމަށާއި އެގޮތުން އަސާސީ މުސާރައިގެ 10 ޕަސެންޓަށް ވާވަރަށް އިތުރުގަޑީގައި މަސައްކަތް ކުރުމަށްފަހު އާއިލާތަކާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ސިއްހީ މަސައްކަތްތެރީންގެ އަދަދު މަދުވުމާ އެކު އަސާސީ މުސާރައިގެ 10 ޕަސެންޓަށް ވާވަރަށްވުރެ ގިނައިރު މަސައްކަތްކުރަން ސިއްހީ މަސައްކަތްތެރީންނަށް މަޖުބޫރުވާ ކަމަށާއި ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ މިގޮތަށް އިތުރަށް ކުރުވާ މަސައްކަތްތަށް ދޭންޖެހޭ އިތުރުގަޑީގެ ފައިސާ ނުދޭ މައްސަލަ ހައްލުކޮށްދިނުން ކަމަށެވެ.