ރެއިންބޯ ގްރޫޕުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.
ރެއިންބޯއިން އިއްޔެ 9:30 އިން 4އަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި 80 މީހުން ލޭ ހަދިޔާ ކުރުމަށް ނަން ނޯޓުކޮށް 60 މީހުން ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ. ރެއިންބޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ރެކްރިއޭޝަން ކަލްބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. އަދި މި ކޭމްޕުގައި ގިނަ އަދަދަކަށް މުވައްޒަފުން ބައިވެރިވެ، ކޭމްޕަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަ ކުރި އެވެ.
ރެއިންބޯއިން ބުނި ގޮތުގައި މި ހަރަކާތަކީ އާއްމުންގެ މެދުގައި ލޭ ހަދިޔާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. އަދި ލޭ ލިބުމުގައި ރާއްޖޭގައި އަބަދުވެސް ދަތިކަން ދިމާވަމުން ދިއުމާއި ގުޅިގެން މި ފަދަ ކޭމްޕަކުން އެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ހޯދާދިނުމަކީ މި ކޭމްޕުގެ އެއް މަގުސަދުކަމަށް ފާހަގަކުރި އެވެ.
ރެއިންބޯއިން މީގެ ކުރިން ވެސް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ވަނީ ބާއްވާފަ އެވެ.
ރެއިންބޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ރެކްރިއޭޝަން ކްލަބުގެ ފަރާތުން އިޖުތިމާއީ ޒިންމާގެ މިފަދަ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކުންފުނިން މުޖުތަމައަށް ފައިދާކުރަނިވި ކަންތައްތައް ކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރި އެވެ.