މޮސްކޯ (ޖުލައި 3) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ކޮލަމްބިއާ ކުޅޭ މެޗުގައި އިނގިރޭސި މީޑިއާގެ ލޯ އެންމެ ބޮޑަށް އަމާޒުވާނެ ދެ ކުޅުންތެރިންނަކީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ކޮލަމްބިއާގެ ރަޑަމެލް ފަލްކާއޯ އާއި ހުއާން ކުއަޑްރާޑޯ އެވެ. މި ދެ ކުޅުންތެރިންނަކީ އިންގްލެންޑްގައި "ފެއިލް" ވެފައިވާ ދެ ކުޅުންތެރިން ކަމަށް އިނގިރޭސި މީޑިއާ އިން ބުނާއިރު، މިރޭގެ މެޗުގައި މި ދެ ކުޅުންތެރިން ސާބިތުކޮށްދޭން އެއްޗެއް ނެތް ކަމަށް ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ވަނީ ބުނެފަ އެވެ.

ފަލްކާއޯ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގައި ދެ ސީޒަން ހޭދަކޮށްފަ އެވެ. އޭނާގެ ފެންވަރަށް ބަލާއިރު އެ ދެ ޓީމުގައި ވެސް އެންމެ އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކުނެވެ. އިނގިރޭސި މީޑިއާ އިން ލޭބަލްކުރާ ގޮތުގައި ފަލްކާއޯ އިންގްލެންޑުގައި ފެއިލްވީ އެވެ. ދެ އަހަރަށް ފަހު އިންގްލެންޑު ދޫކޮށް ފްރާންސްގެ މޮނާކޯ އަށް ބަދަލުވެ، އުމުރުން 32 އަހަރުގެ ފަލްކާއޯ އަންނަނީ ކުރީގެ މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ.

ފިއޮރެންޓީނާގައި ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަަބަބުން 2015 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޗެލްސީން ވަނީ ކުއަޑްރާޑޯގެ ސޮއި ހޯދައިފަ އެވެ. އެކަމަކު އެ ޓީމުގައި ހޭދަކުރި ފަސް މަސް ދުވަހު ކުއަޑްރާޑޯ އަށް އެންމެ އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އިނގިރޭސި މީޑިއާ އިން ވަނީ ކުއަޑްރާޑޯ އަކީ އެ ގައުމުގައި ކުޅޭ ފިޒިކަލް ގޭމަށް ފިޓް ނޫން ކުޅުންތެރިއެއްގެ ގޮތުގައި ލޭބަލް ކޮށްފަ އެވެ.

އެ ސީޒަނަށް ފަހު ކުއަޑްރާޑޯ ދެން ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އެވެ. އެ ޓީމަށް އޭނާގެ ކުޅުން ކަމުދިއުމުން މިދިޔަ އަހަރު ދާއިމީ ކޮންޓްރެކްޓެއްގައި އޭނާގެ ސޮއި ހޯދި އެވެ. ކުއަޑްރާޑޯ އަކީ މިހާރު ޔުވެންޓަސްގެ މުހިއްމު ކުޅުންތެރިއެކެވެ.

މަޝްހޫރު މީޑިއާއެއް ކަމަށްވާ ގާޑިއަންގެ ފުޓްބޯޅަ ކޮރެސްޕޮންޑެންޓް އޭނާގެ ކޮލަމްގައި ދާދި ފަހުން ލިޔުނު ލިއުމެއްގައިވަނީ މި މެޗުގައި ފަލްކާއޯ އާއި ކުއަޑްރާޑޯ އެ ދެ ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދޭން ބޭނުންވާނެ ކަަމަށް ބުނެފަ އެވެ. އަދި މިއީ އިންގްލެންޑަށް ކުރިތިވާނެ އިތުރު ޕްރެޝަރެއް ކަމަށެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ކޮލަމްބިއާގެ ކޯޗު ޕެކަމަން އަށް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކޮށްފަ އެވެ. އެ ހުރިހާ ސުވާލުތަކަށް އޭނާ ދިނީ އެއް ޖަވާބެވެ.

"މިއީ ކްލަބް ފުޓްބޯޅައެއް ނޫން. މިއީ ގައުމީ ރޫހުގައި ކުޅޭ މެޗުތައް. އަހަރެން ނުދެކެން މި މެޗުގައި އަހަރެމެންގެ ކެޕްޓަން ފަލްކާއޯ ނޫނީ ކުއަޑްރާޑޯ ސާބިތުކޮށްދޭން ޖެހޭ ވަކިކަމެއް އޮތް ކަމަށް. އެ ދެ ކުޅުންތެރިންގެ ފެންވަރު އެންމެނަށް ވެސް އެނގޭނެ،" ޕެކަމަން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ކުއަޑްރާޑޯ ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކުރީގެ މޮޅު ކުޅުން ތަކުރާރު ކޮށްފަ އެވެ. އަދި އަނިޔާގެ ސަބަބުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕު ގެއްލުމުގެ މާޔޫސްކަމުން އަރައިގަންނަން ފަލްކާއޯ ވެސް އަންނަނީ ޓީމު މޮޅުކޮށްދޭން އާދަޔާހިލާފު ހިތްވަރެއް ދައްކަމުންނެވެ.

ކޮލަމްބިއާ މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމުގެ ތަރި ހަމޭސް ރޮޑްރިގޭޒް ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެނެގާލާ ދެކޮޅަށް ކުޅުނުއިރު، އަނިޔާވުމުގެ ސަބަބުން ބަދަލުކޮށްފަ އެވެ. މިރޭގެ މެޗުގައި ހަމޭސަށް ކުޅުމުގެ ފުރުސަތު ދޭނީ މެޗާ ގާތްކޮށްފައި ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު އެވެ. ހަމޭސް ހުރީ ރިސްކު ނަގައިގެން ވެސް މެޗުގައި ކުޅޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮލަމްބިއާއާ ދެކޮޅަށް އެންމެ ފަހުން އިންގްލެންޑުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުން 2005 ވަނަ އަަހަރު އިންގްލެންޑް މޮޅުވީ މައިކަލް އޮވެންގެ ހެޓްރިކާ އެކު 3-2 އިންނެވެ. ވޯލްޑް ކަޕްގައި މި ދެ ޓީމުން ވަނީ 1998 ވަނަ އަހަރު ކުޅެފަ އެވެ. އެ ފަހަރު އިންގްލެންޑް މޮޅުވީ 2-0 އިންނެވެ.

ކޮލަމްބިއާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމު ކޯޗުކަމާ ޕެކަމަން ހަވާލުވި ފަހުން ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު އަށް މެޗުން ވެސް ބަލިވެފައި ނުވުމެވެ.

ވޯލްޑް ކަޕުގެ ނޮކައުޓު ބުރުގައި އެންމެ ފަހުން އިންގްލެންޑް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އިންގްލެންޑް އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މޮޅުވީ 2006 ވަނަ އަހަރު އެވެ. އެ ފަަހަރު އެ ޓީމު މޮޅުވީ އެކުއެޑޯއާ ވާދަކޮށް 1-0 އިންނެވެ.

މިރޭގެ މެޗަށް އިންގްލެންޑުގެ ފޯވާޑް ޑެލެ އަލީ ވަނީ ފިޓްވެފަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.