މެޑްރިޑް (އޮކްޓޫބަރު 19) - އެތުލެޓިކޯ މެޑްރިޑް މޮޅުވާން ދަނިކޮށް ފަހު ވަގުތު ރަޑަމާލް ފަލްކާއޯ ކާމިޔާބުކުރި ގޯލާ އެކު، ރަޔޯ ވަޔެކާނޯއާ 1-1 އިން އެއްވަރު ވެއްޖެ އެވެ.
އެންޓޮއިން ގްރީޒްމަން ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާޅައިގެން އެތުލެޓިކޯ މެޑްރިޑަށް މެޗުގެ 20 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ އަލްވާރޯ މޮރާޓާ އެވެ. ނަމަވެސް އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގައި ފަލްކާއޯ ކާމިޔާބު ކުރި ޕެނަލްޓީ އިން އެތުލެޓިކޯ އަށް ފުއްދާލަން ޖެހުނީ ޕޮއިންޓާކުންނެވެ.
ވަޔެކާނޯ އަށް ޕެނަލްޓީ ލިބުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން އެތުލެޓިކޯގެ ހޯޒޭ ޖިމިނޭޒް އަތުގައި ބޯޅަ ޖެހުމުންނެވެ. ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރު ރިވިއުއަށް ފަހު އެވެ.
ފަލްކާއޯ އެންމެ ފުރަތަމަ ސްޕެއިންގައި ކުޅުނީ އެތުލެޓިކޯ މެޑްރިޑަށެވެ. އޭނާ ވަނީ އެތުލެޓިކޯ އަށް ދެ ސީޒަން ކުޅެދީ، ކޮޕަ ޑެލް ރޭ އާއި، ޔޫއެފާ ޔޫރޮޕާ ލީގާއި، ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
މި މެޗުގައި ގްރީޒްމަން އެތުލެޓިކޯ އަށް ލީޑު ފުޅާ ކޮށްދޭން ދެވަނަ ހާފު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ލަނޑެއް ޖެހި ނަމަވެސް، އޭނާ އަށް ބޯޅަ ލިބުނު ވަގުތު ހުރީ އޮފްސައިޑުގަ އެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ފްރާންސް ވިންގާ ތޯމަސް ލެމާ އަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފައި ވެ އެވެ.
މި ނަތީޖާއާ އެކު ވަޔެކާނޯ އޮތީ 12 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 10 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް ބާސެލޯނާ ވަނީ 22 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އޮތް ޗެމްޕިއަން ރެއާލް މެޑްރިޑެވެ.
އެތުލެޓިކޯގެ ފަހަތުގައި، ހަތަރު ވަނަ އަދި ފަސް ވަނައިގައި އޮތް ރެއާލް ބެޓިސް އާއި ރެއާލް ސޮސިއެޑާޑަށް ވެސް ވަނީ ނުވަ މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ބެޓިސް މިރޭ ކާޑީޒް އާ ބައްދަލު ކުރާއިރު، ސޮސިއެޑާޑް ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.
ރެއާލް މެޑްރިޑް މިރޭ އެލްޗޭ އާ ދެކޮޅަށް ނުކުންނަން ހަމަޖެހިފައި ވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.
ލަ ލީގާ ގައި ރޭ އިތުރަށް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. ގެޓާފޭ އިން އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް 2-2 އިން އެއްވަރު ކުރި އިރު، ސެވިއްޔާ އާއި ވެލެންސިއާ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވީ 1-1 އިންނެވެ.
އިނާކީ ވިލިއަމްސް މެޗުގެ ދެވަނަ މިނިޓުގައި ބިލްބާއޯ އަށް ލީޑު ނަގައިދީފައި ވަނިކޮށް ގެޓާފޭ އަށް އެއްވަރު ކޮށްދިނީ 27 ވަނަ މިނިޓުގައި ޗާލްސް އަލީނާ އެވެ. އަދި ދެ ވަނަ ހާފުގައި ރައުލް ގާސިއާ ބިލްބާއޯ އަށް ދެ ވަނަ ފަހަރަށް ލީޑު ހޯދައިދިނުމުން ގެޓާފޭ އަށް އެއްވަރު ކޮށްދިނީ މުނީރު އެލް ހައްދާދީ އެވެ.
އެތުލެޓިކް ބިލްބާއޯ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެކަމަކު ވެސް 18 ޕޮއިންޓާ އެކު އެޓީމު އޮތީ ލީގުގެ ހަވަނައިގަ އެވެ. ގެޓާފޭ އޮތީ ނުވަ ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.
ރަށުން ބޭރުގައި މެޗުގެ ހަވަނަ މިނިޓުގައި އެޑިންސަން ކަވާނީ ބޮލުން ކާމިޔާބު ކޮށްދިން ގޯލުން ވެލެންސިއާ ކުރީގައި އޮވެގެން މެޗު ނިންމަން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ސެވިއްޔާ އަށް އެއްވަރު ކޮށްދިނީ އެރިކް ލަމޭލާ އެވެ.
މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާ އިން އުފެއްދި ހަމަލާއެއްގައި ސެވިއްޔާގެ ޕާޕޫ ގޯމޭޒް ފައުލް ކުރި ކަމަށް ބަލައި ރެފްރީ އޭނާއަށް ރަތް ކާޑެއް ވެސް ދެއްކި އެވެ. ނަމަވެސް ފަހުން ވީއޭއާރު ބަލައި، ރެފްރީ ވަނީ ނިންމުން ބަދަލު ކޮށް ރީނދޫ ކާޑަކަށް ބަދަލު ކޮށްފަ އެވެ. އަދި ރަތް ކާޑު ދެއްކީ އެވަގުތު އޭރިއާ ތެރެއިން ވެލެންސިއާގެ ކުޅުންތެރިއެއް ކޮއްޕާލި ސެވިއްޔާގެ ކީކޭ ސަލާސް އަށެވެ.
ކީކޭ ސަލާސް އަށް ރަތް ކާޑު ދައްކައި ވެލެންސިއާ އަށް ޕެނަލްޓީ އެއް ދިން ނަމަވެސް ޖޯޒޭ ގާޔާ ފޮނުވާލި ޕެނަލްޓީ، ސެވިއްޔާގެ ކީޕަރު ޔަސީން ބޯނޯ ދިފާއު ކުރި އެވެ.
މިއާ އެކު ސެވިއްޔާ އޮތީ 10 މެޗުން ހޯދި 10 ޕޮއިންޓާ އެކު ޓޭބަލްގެ 11 ވަނައިގަ އެވެ. ވެލެންސިއާ އޮތީ 15 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ އަށް ވަނައިގަ އެވެ.