އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ރާއްޖެ އޮންލައިން (އާރުއޯއެލް) ގެ ހިދުމަތް ދޭން މިއަދު އެއްބަސްވެއްޖެ އެވެ.
އެ އެއްބަސްވުމާއެކު، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ހުރިހާ ކުންފުނިތަކުގެ ހިދުމަތް ހުޅުމާލޭގެ ދެވަނަ ފިޔަހީގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ވަނީ މި ނެޓްވޯކްގެ ދަށުން އުރީދު އާއި ދިރާގާއި މީޑިއާ ނެޓްގެ ހިދުމަތް ވެސް މިހާރު ދޭން ފަށައިފަ އެވެ.
އޯޕަން އެކްސެސް ނެޓްވޯކަކީ އިންޓަނެޓް އަދި ޓީވީ ފަދަ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތައް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭ ގޮތަށް އެޗްޑީސީން ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.
އެޗްޑީސީން ބުނިގޮތުގައި، އެ ވިއުގައިގެ ދަށުން ހުރިހާ ފަރާތްތަކަށް ވެސް އަވަސްކަމާއެކު ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. މީގެ ސަބަބުން ހިދުމަތްތައް ދޭން ކޭބަލް އެޅުމަށް މަގު ކޮނުން ފަދަ އާއްމުންނަށް ދަތިވާ ފަދަ ކަންކަން ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.