އަނެއްކާވެސް ބިރުވެރި، އަނިޔާވެރިކަމެއްގެ ތެރެއަށް އިޔާދަވާން ބޭނުން ނުވާ ނަމަ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުން ނޫން އިތުރު ޗޮއިސެއް ދިވެހިންނަށް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. މާކުރަތުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް ބިރުވެރިކަމުގެ ތެރެއަށް އެނބުރި ދާން އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށެވެ. ވޯޓު ދޭއިރު، އެކަމާ މެދު ވަރަށް ރަނގަޅަށް ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.

މި އިންތިހާބުގައި އެމަނިކުފާނު ނޫން ގޮތެއް ނެތް ކަމަށް ރައީސް މި ވިދާޅުވީ އެމަނިކުފާނު ބަލިކޮށްލަން ނުކުމެވަޑައިގެން ތިއްބެވި އަނެއް ހަތް ކެންޑިޑޭޓުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރ. މާކުރަތުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރ. މާކުރަތުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދީގެން ހޮވައިފި ނަމަ، އަނެއްކާ ވެސް އެނބުރި ދާން ޖެހޭނީ 2013-2018 އާ ދެމެދުގައި އޮތް ބިރުވެރިކަމުގެ ތެރެއަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަގީގަތުގައި ރާއްޖޭގައި މިހާރު ތިބީ ދެ ޕާޓީއަކަށް ތާއިދުކުރާ މީހުން އެކަނި ކަމަށެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުން ކަމަށެވެ. ދެން އޮތް ޕާޓީތަކަށް މާ ބޮޑު ތާއީދެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. މާކުރަތަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. މާކުރަތަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެންމެ ތާއީދު ބޮޑު ދެ ޕާޓީގެ ތެރެއިން ވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަކީ ގައުމާއި ރައްޔިތުންނަށް އޮތް ރަނގަޅު ޗޮއިސެއް ނޫން ކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.

"ރާއްޖެ ދުށް ބިރުވެރި، ނާމާން، އުނދަގޫ ދުވަސްވަރު އަޅުގަނޑުމެން ހަނދާންކޮށް ތަކުރާރުކޮށް އެކަމާ މެދު ވިސްނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"ޑރ. މުއިއްޒު، ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީގެން، ކާމިޔާބުވެއްޖެ ކަމަށް ވަންޏާ، އަނެއްކާވެސް އަޅުގަނޑުމެންނަށް އަނބުރާ މި ދެވެނީ އެ ބިރުވެރި، ނާމާން ކަމުގެ ތެރެއަށް. އެހެންވީމަ، އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން. މި ގައުމަށް ވެސް އޮތް ޗޮއިސެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރ. މާކުރަތުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރ. މާކުރަތުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

މި އިންތިހާބުގައި ދެން ވާދަކުރައްވާ ހަ ކެންޑިޑޭޓުންނަށް، އެންމެ ވާދަވެރި އެމްޑީޕީ އާއި ޕީޕީއެމްއާ "ގާތަށް ވެސް ނާދެވޭ" ކަމަށް ރައީސް ވިދާޅުވި އެވެ.

މާކުރަތަށް ރައީސްގެ ވައުދުތައް

ބިން ހިއްކުން

ހައުސިން މަޝްރޫއެއް ހިންގުން

މަގުތަކުގައި ތާރު އެޅުން

ސްޕޯޓްސް ކޮމްޕްލެކްސް ހެދުން

ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހެދުން

ސިއްހީ މަރުކަޒުން ލެބޯޓަރީގެ ހިދުމަތް ތައާރަފުކުރުން

ދޯނި އެހެލާ ސަރަހައްދެއް ހެދުން

ރައީސް ވިދާޅުވި ގޮތުގައި ރަށްރަށަށް ވަޑައިގަތުމުން މިހާރު ފެންނަނީ އެމަނިކުފާނަށް އިންތިހާބު ކާމިޔާބުވެވަޑައިގެންފައި އޮތް ތަނެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ތިބީ މި ވެރިކަން ދަމަހައްޓަން ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.