އުފަންވިއިރު ވެސް ދަލީލާ އަހުމަދުގެ ދެ ލޮލަކަށް ނުފެނެ އެވެ. އެކި ޑޮކްޓަރުންނަށް ދައްކައިގެން، ހަ ކުދިންގެ ތެރެއިން ދެ ވަނަ އަށް ހަގު ދަރިފުޅު ރަނގަޅު ކުރެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ލޮލުގެ ކަޅި ނެތުމާއި ލޯ ހުޅުވޭވަރު ކުޑަވުމުން ފެނުން ރަނގަޅުނުވާނެ ކަމަށް ޑޮކްޓަރުން އޮތީ މާ ކުރިން ބުނެފަ އެވެ.

އެކަމަކު، އެއީ ކިޔެވުން ހުއްޓާލައި ގޭގައި އިނުމަށް އޮތް އުޒުރެއް ނޫންކަން ރ. މާކުރަތަށް އުފަން އެ ރަށު ސްކޫލުގެ ދަރިވަރު ދަލީލާ، 19، ވެސް ގަބޫލުކުރެ އެވެ.

ޕްރީ ސްކޫލުން ފެށިގެން މިދިޔަ ޖޫން މަހު ގްރޭޑު 10 ނިންމާލީ ގަދަ ހިތްވަރުން، ރަނގަޅު ފާހެއްގަ އެވެ. އެންމެ ފަހުން ބޭއްވި އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނަކީ އޭގެ އެއް ހެއްކެވެ.

އެ ސްކޫލްގެ ފަރާތުން އިމްތިހާނުގައި ބައިވެރިވި 20 ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ދަލީލާ ވަނީ ޖާގަ ހޯދައިފަ އެވެ. އޭނާ ވަނީ އިސްލާމާއި ދިވެހިން އޭ، ކެމިސްޓްރީން ސީ، އިނގިރޭސި އާއި ބިޒްނަސް އިން ޑީ ހޯދައިފަ އެވެ.

އޭނާއަށް ރަނގަޅަށް ބުނެދޭނެ ޓީޗަރެއް ނެތުމުން އޯ ލެވެލް އިމްތިހާނުގައި ބަޔޮލޮޖީ އާއި ހިސާބު އަދި އެކައުންޓް މާއްދާ ދޫކޮށްލީ އެވެ. ނަމަވެސް ސްކޫލު ފެންވަރުގައި ދިން އެކި އެކި ޓެސްޓުތަކުން ދަލީލާ ރަނގަޅު ފާހެއް ހޯދާފައިވެ އެވެ.

މާކުރަތު ސްކޫލުން މި އަހަރު ދަސްވެނިވި ދަރިވަރުން، ޓީޗަރަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ކްލާހާއި ސްކޫލު ހުރިހާ ކުދިންގެ ފަރާތުން އެހީތެރިކަން ލިބޭ ކަމަށް ބުނި.-- ފޮޓޯ: މާކުރަތު ސްކޫލު ފޭސްބުކް
މާކުރަތު ސްކޫލުން މި އަހަރު ދަސްވެނިވި ދަރިވަރުން، ޓީޗަރަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ކްލާހާއި ސްކޫލު ހުރިހާ ކުދިންގެ ފަރާތުން އެހީތެރިކަން ލިބޭ ކަމަށް ބުނި.-- ފޮޓޯ: މާކުރަތު ސްކޫލު ފޭސްބުކް

އޭނާގެ މަންމަ، ސަމީމާ އާދަމް ބުނިގޮތުގައި ދަލީލާއަކީ ވަރަށް ހިތްވަރުގަދަ އަދި ކިޔަވާ ހިތްވާ ކުއްޖެކެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ކިޔެވުމުގެ ފުރަތަމަ 10 އަހަރު ނިންމާލީ ސީނިއާ ޕްރިފެކްޓްކަމާއި ހައުސް ވައިސް ކެޕްޓަންގެ މަގާމާ އެކުގަ އެވެ.

"ވަރަށް ޝައުގުވެރިކަން ހުރެގެން، ހިތްވަރު ހުރެގެން އެ ކިޔެވީ. ހެނދުނު 6:45 ގައި ސްކޫލަށް ގޮސްފައި 12:45 ގައި އައިސްފައި އަނެއްކާ ދާނެ އެކްސްޓްރާ ގަޑިއަށް 1:00 ގައި. ތިނެއް ޖަހާއިރު ނިންމާފައި އަންނަ ގޮތަށް ޓިއުޝަނުގައި އުޅުނީ އޯ ލެވެލްއަށް ތައްޔާރުވާން."

ސެން ޓީޗަރެއް ނެތް، އިތުރު އެހީ ޓިއުޝަނުން

ސަމީމާ ބުނީ އެހެން މީހުން ކިޔަވައިދޭން ފެށުމުން ދަލީލާ އަށް ކިޔަވަން ފަސޭހަވާ ކަމަށެވެ. އެހެންވެ، ގްރޭޑު ހަތަރަކުން ފެށިގެން ޓިއުޝަނަށް ފޮނުވައިދޭން ކިޔަވައިދޭން ފަށާފައިވާ ކަމަށް ބުންޏެވެ.

"ޓިއުޝަން ކިޔަވައިދޭ ކުއްޖާ ކައިރީގައި ވެސް ބުނަން ފުރަތަމަ ދުވަސްކޮޅު އުނދަގޫވާނެ، އެކަމަކު ފަހުން ފަސޭހަވާނެއޭ. ވަރަށް ކިޔަވަން ޝައުގުވެރިކަން ހުންނަ ކުއްޖެއް އެއީ،" ސައިކޮލޮޖީގެ ރޮނގުން ކުރިއަށްދާން އަޒުމް ކަނޑައަޅައިގެން ހުރި ދަލީލާގެ މަންމަ ބުންޏެވެ.

ދަލީލާ އަދި އޭނާގެ މަންމަ ސަމީމާއެކު: ދަރިފުޅުގެ ކާމިޔާބީއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނި.
ދަލީލާ އަދި އޭނާގެ މަންމަ ސަމީމާއެކު: ދަރިފުޅުގެ ކާމިޔާބީއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނި.

އޭނާ ބުނި ގޮތުގައި ދަލީލާ ކިޔެވުން ފުރިހަމަކުރީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ހާއްސަ ތަމްރީން ލިބިފައިވާ ސެން ޓީޗަރެއްގެ އެހީގައެއް ނޫނެވެ. އަދި ލޮލަށް ނުފެންނަ ކުއްޖެއް ސްކޫލުގައި ކިޔަވާކަން އެޑިއުކޭޝަން މިނިސްޓްރީއަށް އެނގުނީ، ދަލީލާ ގްރޭޑު 9ގައި އުޅެނިކޮށް ކަމަށް ވާތީ އޭގެ ފަހުން މިނިސްޓްރީގެ ވެސް ބޮޑު އެހީތެރި ކަމެއް ލިބުނުކަން ސަމީމާ ފާހަގަކުރެ އެވެ.

"މިނިސްޓްރީގެ ބޭފުޅަކާއި އިސްކަންދަރު ސްކޫލްގެ ޓީޗަރެއް މިކޮޅަށް އައިސް ދަލީލާގެ ހާލަތު ރަނގަޅަށް ދެނެގަނެފައި ދިޔައީ. އޭގެ ފަހުން ވަރަށް ރަނގަޅަށް މިނިސްޓްރީން ކަންތައްތައް ކޮށްދިނީ."

ލޮލަށް ނުފެންނާތީ އޭނާ ޓެސްޓް ޕޭޕަރުތައް ހެދީ އިތުރު މީހެއްގެ އެހީގަ އެވެ. އެތަނުގެ ވީޑިއޯ އާއި އޯޑިއޯކޮށް އަދި އިމްތިހާނު ހަދަމުން ދިޔައިރު އޮބްޒާވްކުރުމަށް ތިން މީހުން ތިއްބެވެ.

އެ ހާލަތުގައި ކިޔަވައިގެން ވެސް ދަރިފުޅު ހޯދި ނަތީޖާއާ މެދު ސަމީމާ ހުރި ވަރަށް ހިތްހަމަޖެހިގެންނެވެ. ސްކޫލްގެ ބޮޑު އެހީތެރިކަމާއި އެއްކޮށް ކިޔެވި ދަރިވަރުން ދިން ހިތްވަރާއެކު، ކޮންމެ ހާލަތެއްގައި ވެސް ކިޔެވޭނެކަން ދަލީލާ މި ވަނީ ދައްކައިދީފަ އެވެ.

"ވަރަށް ރަނގަޅު ކާމިޔާބީއެއް މިއީ. ވަރަށް އުފާވި. ހިތަށް އެރީ މި ކަހަލަ ކުދިންނަށް ވެސް ކިޔެވޭނެއޭ،" އޭނާ ބުންޏެވެ.