ރ. އިނގުރައިދޫގައި ހެލްތު ސެންޓަރެއް އިމާރާތް ކުރަން އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.
އާ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލް ހަންނާނެވެ. މަސައްކަތާ ހަވާކުވި ޑުޕްލެކްސް ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ.
އެ މަރުކަޒު އިމާރާތްކުރަން 76.8 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 540 ދުވަހެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ވެސް ވަނީ ސިއްހީ މަރުކަޒެއްގެ މަސައްކަތެއް ބަޔަކާ ހަވާލުކޮށްފަ އެވެ.
ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓްރީ އަދި ޕޯޓިކޯ ހަދަން ހަވާލުކުރީ ޑީއެންއެފް އިންޖީނިއަރިން ކުންފުންޏާ އެވެ.
ހަތަރު މިލިއަން ރުފިޔާގެ އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.