މާލޭ ސަރަހައްދުގައި ހިންގާ ޑޭކެއާ ސެންޓަރުތަކާއި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ހުއްޓައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ގޯސްވާތީ އެ އިދާރާ އިން ނެރުނު އެންގުމެއްގައި ވަނީ، ޓިއުޝަން ސެންޓަރުތަކާއި ގޭގެ އާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރްއާން ކުލާސްތަކުގައި ކިޔަވައި ދިނުމަށް ހުއްޓައިލަން އަންގާ ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވި ދަނޑިވަޅުތަކުގައި މީގެ ކުރިން ވެސް ވަނީ ޑޭކެއާ ސެންޓަރުތަކާއި ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތައް ހިންގުން ހުއްޓުވައިފަ އެވެ. އެކަމަކު މަޑުމަޑުން ހާލަތު ރަނގަޅުވުމާ އެކު އަލުން ހުޅުވުމުގެ ހުއްދަ ދިނެވެ.

ރާއްޖެއަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އަރައި ހަމަކޮށްފައިވާތީ އަނެއް ވެސް އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގައި ރޭގަނޑު 9 އިން ފަތިހު 4 އަކަށް މިހާރު އޮންނަނީ ކާފިއު ހިންގައިފަ އެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދެވެ. ރަށްރަށަށް ދަތުރުކުރާ ނަމަ 14 ދުވަހަށް ކަރަންޓީނުވާން ޖެހޭ ގޮތަށް އުސޫލަށް ވެސް މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ.

މާލޭގެ އިތުރުން ރަށްރަށަށް ވެސް ކޮވިޑް ފެތުރި، ހާލަތު ވަރަށް ބޮޑަށް ގޯސްވާތީ، އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ހަތް ރަށެއްގައި މިރެއިން ފެށިގެން ކާފިއު ހިންގާނެ އެވެ. ރާއްޖެ އިން ކޮވިޑް ބަލީގައި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އަށް މީހަކު މަރުވެފައިވާއިރު، މިއީ އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި ދެ ދުވަހެވެ.