އުމާ ތާމަން ލީޑް ރޯލް ކުޅުނު މަގުބޫލް "ކިލް ބިލް" ސީރީޒްގެ ތިން ވަނަ ބައެއް ހަދާނެކަމުގެ ޔަގީންކަން އެ ފިލްމުތަކުގެ ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯ ދީފި އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގެނެސްދިން "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ޑައިރެކްޓަރު އެންޑީ ކޮއެން އަށް ދިން އިންޓަވިއެއްގައި "ކިލް ބިލް" ގެ ތިން ވަނަ ބައެއް ފެނިދާނެތޯ ސުވާލުކުރުމުން އޮސްކާ އެވޯޑް ވެސް ހޯދާފައިވާ 56 އަހަރުގެ ޑައިރެކްޓަރު ބުނީ އެ ފިލްމު ހަދާނެ އައިޑިއާއެއް މިހާރު އެބައޮތް ކަމަށާއި އެއީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ ކަމަށެވެ.

"ޔަގީނުން ވެސް އެކަހަލަ ޕްލޭނެއް އެބައޮތް. ބްރައިޑްގެ ރޯލް [ތާމަން ކުޅުނު ކެރެކްޓާ] އެނބުރި އަންނަން ވާނީ އަހަރެން ގަބޫލުކުރާ ގޮތުގައި ވަރަށް ވެސް ވަރުގަދަކޮށް. އޭގެ މާނަ އަކީ ތިން ވަނަ ބަޔަކަށް ވަރަށް ވެސް ފުރިހަމަ ވާހަކައެއް އޮންނަން ވާނެ،" ޓެރެންޓީނޯ ބުންޏެވެ.

ނަމަވެސް އެ ފިލްމު ގެނެސްދޭނެ އިރެއް ހިއްސާއެއްނުކުރެ އެވެ. ކުރިއަށް އޮތް ތިން އަހަރަކީ ޓެރެންޓީނޯ އަށް ވަރަށް ބިޒީ ތިން އަހަރަށް ވާނެ އެވެ. އެގޮތުން ފަސް އެޕިސޯޑްގެ މިނީ ސީރީޒެއް ހަދަން ވެސް ތައްޔާރުވަމުން އަންނަ އިރު، ސްޓޭޖް ޕްލޭއެއް ވެސް ގެނެސްދޭން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރިން ޓެރެންޓީނޯ ބުނެފައިވާ ގޮތުގައި އޭނާގެ 10 ވަނަ ޑައިރެކްޝަނާ އެކު، ފިލްމު ޑައިރެކްޓްކުރުން ހުއްޓައިލާނެ އެވެ. އެކަމަކު ކުރިއަށް ޕްލޭންތަކެއް ހުރުމާ އެކު އޭނާ އަދި އެކަމަށް އަލްވަދާއު ކިޔަން ތައްޔާރު ނޫންކަން އެނގެ އެވެ. ޓެރެންޓީނޯގެ 10 ވަނަ ޑައިރެކްޝަނަކީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓް މުހިއްމު ރޯލްތައް ކުޅެ ޖުލައި 26 ގައި ރިލީޒްކުރި "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އެވެ.

"ކިލް ބިލް" ގެ ފުރަތަމަ ބައި 2003 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި "ކިލް ބިލް: ވޮލިއުމް 2" ގެނެސްދިނީ 2004 ގަ އެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ. އަދި މީގެ ތިން ވަނަ ބަޔަކަށް އިންތިޒާރު ކުރެވޭ ކަމަށް ފޭނުން އަބަދު ވެސް ދިޔައީ ބުނަމުންނެވެ.