ކޮވިޑް-19 ކޮންޓްރޯލް ކުރަމުންދާ ކަމުގެ ނިޝާންތައް 2022 ގައި ދުނިޔެއިން ފެނުނަސް، މިދިޔަ އަހަރު ފާހަގަ ކުރެވިފައި ވަނީ ހަނގުރާމަ އާއި ގުދުރަތީ ކާރިސާތަކާއި ދޭދޭ ގައުމުތަކުގެ ސިޔާސީ ހަލަބޮލިކަން ބޮޑުވި އަހަރެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ރަޝިއާއިން ޔޫކްރޭނަށް އަރައި، ފެށި ހަނގުރާމަ އެވެ. އަދި އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ވަކިވުން އެއީ ފުން ހިތާމައެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާ ކަންކަމެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޝާހީ ވެރިކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި އެލިޒަބަތު އަވަހާރަވުން ހާއްސަގޮތެއްގައި ފާހަގަ ކުރެވެ އެވެ.

ދުނިޔޭގެ މަސްރަހުގައި ހިނގައިދިޔަ ބޮޑެތި ކަންތައްތަކަށް އަވަސް ކަޅިއެއް؛

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުން

ބައެއް ފަހަރު ޖާސޫސީ އިދާރާތަކުން ލަފާ ކުރާ ކަންތައްތަކާ އެއްގޮތަށް އެކަންކަން ހިނގަ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުން 2021 ގެ ފަހުކޮޅުގައި ލަފާކޮށްފައި ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރާނެ ކަމަށެވެ. އެކަމަށް އިންޒާރުތައް ވެސް ދިނެވެ. ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވަމުން ގެންދެވީ ހަނގުރާމަ ކުރާތަން އޭނާގެ ވިސްނުމަށް ނާންނަ ކަމަށެވެ. އެކަމަކު ފެބްރުއަރީ 24 ގައި ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި އެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ ތެރެއިން
ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ ތެރެއިން

ހަނގުރާމައިގައި މިހާތަނަށް ގާތްގަނޑަކަށް 7000 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 400 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ. ރެފިއުޖީންގެ ގޮތުގައި ޔޫރަޕްގެ އެހެން ގައުމުތަކަށް ޔޫކްރޭންގެ 7.8 މިލިއަން މީހުން ހިޖުރަ ކުރި އެވެ. ދެ ފަރާތުގެ ދެމެދުގައި ސުލްހަ ގާއިމުކޮށް ހަނގުރާމަ ނިމިދާނެ ކަމަށް އުންމީދު ކުރެވުނަސް 2022 ނިމިގެން ދިޔައީ އެފަދަ އެއްވެސް ކަމެއްގައި ކުލަ ނުޖެހި އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވުން

ދުނިޔޭގެ އެންމެ ދުވަސްވީ ޝާހީ ވެރިކަމުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު އުމުރުން 96 އަހަރުގައި އަވަހާރަވީ ސެޕްޓެމްބަރު 8 ގަ އެވެ. ބްރިޓިޝް ނުވަތަ އިނގިރޭސިވިލާތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި 70 އަހަރާއި 214 ދުވަހު ރާނީ އެލިޒަބަތު ރަނިކަން ކުރެއްވި އެވެ. ރަސްކަން ވާރުތަވީ ދަރިކަލުން ޗާލްސް ފިލިޕް ޖޯޖް އަށެވެ.

އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގެ ތެރެއިން
އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގެ ތެރެއިން

ނުފޫޒުގަދަ ލީޑަރުންގެ ތެރެއިން އަވާހަރަވި މަޝްހޫރު އެހެން ލީޑަރުންގެ ތެރޭގައި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ހިމެނިވަޑައިގަންނަވަ އެވެ. ޖުލައި 8، 2022 ގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަން އަބޭ ހުންނަވަނިކޮށް ފަހަތުން ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމްވެ އޭނާ އަވަހާރަވި އެެވެ. ދުނިޔޭގެ ކުރީގެ ގަދަ ބާރު ސޯވިއެޓް ޔޫނިއަން ރޫލުމުގެ ކުރިން އެންމެ ފަހުން ވެރިކަން ކުރެއްވި މިޚައިލް ގޯރްބަޗޭވް އުމުރުފުޅުން 91 އަހަރުގައި އަވާހަރަވީ އޯގަސްޓް 30 ގަ އެވެ. އޭނާ އަކީ 20 ވަނަ ގަރުނުގެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަތް ވެރިއެކެވެ.

ކޮވިޑް-19 ނުރައްކާ ކުޑަކުރެވުނު އިރު މަންކީ ޕޮކްސްގެ ބިރު

ކޮވިޑް-19 ކޮންޓްރޯލް ކުރެއްވިއްޖެ ކަމުގެ އަލާމަތްތައް ފެންްނަމުންދާކަން، ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ ސެޕްޓެމްބަރު މަހު އެވެ. އަހަރު ނިމިގެން ދިޔައީ ކޮވިޑްގެ ބަލި ފުރަތަމަ ފެނުނު ގައުމު ޗައިނާއިން ވެސް ތިން އަހަރަށް ފަހު ފިޔަވަޅުތައް އުވާލަން ނިންމިކަން އިއުލާން ކުރަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރެވުނު ނަމަވެސް، މަންކީ ޕޮކްސްގެ ނުރައްކާ 2022 ގައި ބޮޑުވެގެން ދިޔަ އެވެ. މެއި 2022 އިން ފެށިގެން ފެތުރޭން ފެށި މަންކީ ޕޮކްސް ދުނިޔޭގެ ފަސް ސަރަހައްދެއްގައި 50 އަށް ވުރެ ގިނަ ގައުމުން ފެނި، 21،000 އަށް ވުރެ ގިނަ މީހުންނަށް ޖެހުނެވެ. އޭގެ ތެރެއިން 32 މީހުން މަރުވި އެވެ. ޑަބްލިއުއެޗްއޯ ބުނީ އެންމެ ނުރައްކާ ދަރަޖަ އަށް މަންކީ ޕޮކްސް ނުދާ ކަމަށެވެ. އެހެންވެ އެ ޖަމިައްޔާއިން މަންކީ ޕޮކްސް ބަލައިފައި ވަނީ މެދުމިނުގެ ނުރައްކާ ބައްޔެއްގެ ގޮތުގަ އެވެ.

އެމެރިކާ އާއި ޗައިނާ އާ ދެމެދު ނުތަނަވަސްކަން ބޮޑު

ދުނިޔޭގެ ބޮޑު ބާރުގެ ވާދަވެރިން އެމެރިކާ އާއި ޗައިނާ އާ ދެމެދު ކުރިއަށް ދެއެވެ. ދެ ގައުމުގެ ގުޅުމުގައި ނުތަނަވަސްކަން އުފެދުނު އަހަރެއްގެ ގޮތުގައި 2022 ފާހަގަ ކުރެވެ އެވެ. އޮކްޓޯބަރު 2022 ގައި އިއުލާން ކުރި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ގައުމީ ސަލާމަތުގެ ސްޓްރެޓަޖީގައި ޗައިނާއިން ދުނިޔޭގެ ބާރުވެރިކަން ހޯދަމުން ދަނީ އެހެން ގައުމުތަކުގެ މަސްލަހަތަށް ނުބަލައި، ހަމައެކަނި އެ ގައުމަށް އެންމެ މަސްލަހަތު ހުރިގޮތަށް ކަމަށް ބުނެ އެކަންކަމަށް އެމެރިކާ ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކޮށްފައި ވެއެވެ.

ސައުތު ޗައިނާ ސީގައި ޗައިނާއިން ގާއިމު ކުރަމުންދާ އަސްކަރީ ބޭސްތަކާއި ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިިގައި ޗައިނާގެ ތާއީދު ރަޝިއާ އަށް އޮތް ކަން ހާމަ ކުރުމާއި ތައިވާންގެ މައްސަލައިގައި ޗައިނާއިން ދޫ ނުދޭތީ ޗައިނާ ދުނިޔޭގެ ބާރެއްގެ ގޮތުގައި ފުޅާވެގެންދާން އެމެރިކާ އަށް މަރުހަބާ ނުކިޔޭނެ ކަމަށް ބައިޑެންގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެމެރިކާގެ ރައީސް ބައިޑަން އާއި ޗައިނާގެ ރައީސް ޝީ
އެމެރިކާގެ ރައީސް ބައިޑަން އާއި ޗައިނާގެ ރައީސް ޝީ

ޗައިނާގެ ނުފޫޒު ކުޑަ ކުރުމަށްޓަކައި އަށް އަހަރަށް ފަހު އެމެރިކާ އާއި އެފްރިކާގެ ގައުމުތަކުގެ ސަމިޓް ޑިސެމްބަރު މަހު ބައިޑަންގެ ސަރުކާރުން ބޭއްވީ ވެސް އެފްރިކާގައި ޗައިނާއިން ގާއިމުކުރަމުންދާ ނުފޫޒު ކުޑަ ކުރުމަށެވެ. މިދިޔަ 10 ވަރަކަށް އަހަރު ތެރޭ ޗައިނާއިން ވަނީ އެ ގައުމުގެ އިންވެސްޓްމެންޓްތައް އެފްރިކާ ބައްރުގައި އެތައް ގުނައަކަށް ފުޅާ ކޮށްފަ އެވެ.

އެމެރިކާ އެފްރިކާގެ ސަމިޓަށް ޗައިނާއިން ރައްދު ދިނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން ސައުދީ އަރަބިއާ އަށް ކުރެއްވި ދަތުރުގަ އެވެ. މެދުއިރުމަތީގައި ކުރިން އެމެރިކާ އަށް ވަފާތެރި ގައުމެއްގެ ގޮތުގައިފާހަގަ ކުރެވޭ ސައުދީ އަރަބިއާ އަށް ވެސް ޗައިނާގެ ބޮޑެތި އިންވެސްޓެމްންޓްތަކެއް ގެންދިއުމަށް ޝީ އާއި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ބައްދަލުވުމުގައި އިއުލާން ކުރި އެވެ.

ޔޫކްރޭން ހަނގުރާމައިގައި ޗައިނާއިން ރަޝިއާ އަށް ތާއީދު ކުރުމުން އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގައުމުތަކަށް އެމެރިކާއިން ލޮބީ ކުރަމުން ދިޔަޔަސް 2022 ގައި ޔޫރަޕަށް ޗައިނާއިން އެކްސްޕޯޓް ކުރި އަދަދު ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ޗައިނާގައި އުފައްދާ އިލެކްޓްރޯނިކް ކާރު ޔޫރަޕަށް އިމްޕޯޓް ކުރި ޕަސެންޓް 2022 ގައި އިތުރުވި އެވެ.

ޖީ 20 ސަމިޓްގައި ނޮވެމްބަރު މަހު ބައިޑަން އާއި ޝީގެ ބައްދަލުވުމުގައި ބައްދަލު ކުރެއްވި ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމަށް ފިނި ކަމެއް ނުލިބެ އެވެ.

2022 ގައި އިނގިރޭސިވިލާތުގައި ތިން ބޮޑު ވަޒީރުން

އިނގިރޭސިވިލާތަށް 2016 އިން ފެށިގެން ކުރިމަތިވަމުން ދާ ސިޔާސީ ހަލަބޮލިކަމަށް 2022 ގައި ވެސް ފިނި ކަމެއް ނުލިބުނެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ގައުމުގައި މި އަހަރު ތިން ބޮޑު ވަޒީރުން ވެރިކަން ކުރެއްވި އެވެ. މިދިޔަ ހަތް އަހަރު ތެރޭ ފަސް ބޮޑު ވަޒީރުން ވެރިކަން ކުރެއްވި އެވެ. ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން 2019 ގައި ވެރިކަމާ ހަވާލުވެ އޭނާ އަށް ހިފަހައްޓާ ލެވުނީ ގާތްގަނޑަކަށް ހަތަރު އަހަރު އެވެ. އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ސެޕްޓެމްބަރު 6، 2022 ގައި އޭނާ އިސްތިއުފާ ދެއްވި އެވެ. ހަމަ އެ ދުވަހު ރާނީ އެލިޒަބަތުގެ އެންގެވުމަށް، ލިޒް ޓްރޫޒް ބޮޑު ވަޒީރުކަމަށް އައްޔަން ކުރެއްވި އެވެ. އޭނާ އަކީ ރާނީގެ ވެރިކަމުގައި އެންމެ ފަހުން ބޮޑު ވަޒީރުކަން ކުރެއްވި ލީޑަރެވެ.

އިނގިރޭސި ކުރީގެ ބޮޑު ވަޒީރުން ލިޒް ޓްރޫޒް (ކ) އަދި ބޮރިސް ޖޯންސަން (ވ) އާއި މިހާރުގެ ބޮޑު ވަޒީރު ރިޝީ
އިނގިރޭސި ކުރީގެ ބޮޑު ވަޒީރުން ލިޒް ޓްރޫޒް (ކ) އަދި ބޮރިސް ޖޯންސަން (ވ) އާއި މިހާރުގެ ބޮޑު ވަޒީރު ރިޝީ

ލިޒް ޓްރޫޒް ބޮޑުވަޒީރުގެ މަގާމުގައި ހޭދަ ކުރެއްވީ 45 ދުވަހު އެވެ. ކޮންޒަވޭޓިވް ޕާޓީން އޭނާ އާ ހަވާލު ކުރި މަސައްކަތް ކާމިޔާބު ނުކުރެވޭކަމަށް ވިދާޅުވެ އޮކްޓޯބަރު 25 ގައި އިސްތިއުފާ ދެއްވި އެވެ. ހަމަ އެ ދުވަހު މިހާރުގެ ބޮޑު ވަޒީރު ރިޝީ ސުނަކް މަގާމަށް އިންތިހާބު ކުރި އެވެ. ބޮޑު ވަޒީރުކަމުގެ ފުރަތަމަ 50 ދުވަސް މިހާރު ފުރިހަމަ ކުރެއްވި ރިޝީ އަށް ވެސް އޮތް ގޮންޖެހުން ބޮޑެވެ. އިގްތިސޯދު ވަރުގަދަ ކުރުމާއި ޑިފެންސް އިންޑަސްޓްރީގެ ހަރަދުތައް މެނޭޖު ކުރަން އޭނާ އަށް އޮތް ޗެލެންޖު ބޮޑެވެ. ދެން އޮތީ ޕާޓީ އެއްގަލަކަށް ގެނައުމެވެ. މިއީ ކުރީގެ ބޮޑު ވަޒީރުންނަށް ވެސް ދިމާވި އެންމެ ބޮޑެތި ގޮންޖެހުންތަކެވެ.

ބުރުގާގެ މައްސަލައިގައި އިރާން ބޮޑެތި މުޒާހަރާތަކެއް

އިރާންގެ ޒުވާން އެކްޓިވިސްޓެއް ކަމަށްވާ މަހްޝާ އަމީނީ ބުރުގާ ނާޅައި އާންމުންގެ ތެރެއަށް ނުކުތުމުން އިރާންގެ ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އޭގެ ފަހުން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް 22 އަހަރުގެ މަޙްޝާ އަމީނީ މަރުވި އެވެ. އެ މަރާއެކު އިރާންގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ފުޅާ ވަމުން ދިޔަ އެވެ. ފުލުހުން ބުނީ މަހްޝާ އަމީނީ ބުރުގާ ނާޅައި އާންމުންގެ ތެރެއަށް ނުކުތުމުން އާންމުންގެ ބަޔަކު އޭނާ އަށް ހަމަލާ ދިން ކަމަށާއިި އޭނާ މަރުވީ އެ އަނިޔާތަކަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މަހްޝާ އަމީނީ
މަހްޝާ އަމީނީ

އިރާންގައި އަންހެނުން އާންމުންގެ ތެރެއަށް ނުކުންނައިރު ބުރުގާ އަޅުން މަޖުބޫރު ކުރުމަށް ގާނޫނަކުން އޮންނަނީ ލާޒިމު ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުން ދިޔައީ ބުރުގާ އެޅުން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި އެ ގާނޫނު އުވާލުމަށް ވެސް އެ ފަރާތްތަކުން ގޮވަމުން ދިޔަ އެވެ. މުޒާހަރާތައް ފުޅާވެ އިރާންގެ މަޝްހޫރު ސެލްބްރިޓީންނާއި ކުޅިވަރު ކުޅުންތެރިން ވެސް މުޒާހަރާތަކަށް ތާއީދު ކުރުމުން އިތުރަށް މުޒާހަރާތައް ފުޅާވެގެން ދިޔަ އެވެ. ނިމިދިޔަ ވޯލްޑް ކަޕުގައި ވާދަ ކުރި އިރާންގެ ޓީމުން ވެސް މުޒާހަރަތަކަށް ތާއީދު ކުރާކަން ހާމަ ކުރި އެވެ. އިރާންގެ އެކި ސަރަހައްދުތަކުގައި ކުރި އެ މުޒާހަރަކުގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ޕާކިސްތާން: ފެންބޮޑުވެ 33 މިލިއަން މީހުން ހާލުގައި ޖެހުން އަދި ސިޔާސީ ހަލަބޮލިކަން

މޫސުމީ ބަދަލުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ ޕާކިސްތާނެވެ. މިދިޔަ އަހަރު ޖޫން މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގައުމުގެ ތިން ބައި ކުޅަ އެއްބައި ފެނުގެ އަޑިއަށް ގޮސް، 33 މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. ގާތްގަނޑަކަށް 1،800 މީހުން މަރުވެ 13،000 މީހުންނަށް އަނިޔާވި އެވެ.

ލިބުނު ގެއްލުންތަކުގެ އަގު 15 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. އާންމުން ދިރިއުޅޭ ނުވަ ލައްކަ ގެ ފުނޑުފުނޑުވި އެވެ. ދަތުރުފަތުރަށް ބޭނުން ކުރާ ހައިވޭ ބްރިޖުތަކުގެ ތެރެއިން 439 ބްރިޖް ހަލާކުވި އެވެ. މިއީ މިހާތަނަށް ޕާކިސްތާނަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާ އެވެ.

ޕާކިސްތާނުގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކުގެ ތެރެއިން
ޕާކިސްތާނުގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކުގެ ތެރެއިން

ސިޔާސީ ގޮތުން ބެލިޔަސް ގައުމަށް ހަމަޖެހުމެއް ނެތެވެ. ޕާކިސްތާން އަބަދުވެސް ފާހަގަ ކުރެވެނީ ސިޔާސީ އަދި ދާހިލީ މައްސަލަތައް ބޮޑު ގައުމެއްގެ ގޮތުގަ އެވެ. ސިޔާސީ ގޮތުން އެންމެ ހަލަބޮލި އެއް އަހަރަށް 2022 ވެގެން ދިޔަ އެވެ. ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން 2018 ގައި އެ މަގާމަށް އިންތިހާބުވެ، ދައުރުގައި ބާކީ އެއް އަހަރު އޮއްވައި އޭނާ މަގާމުން ދުރު ކުރީ އޭޕްރީލް މަހު މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުންނެވެ. ޕާކިސްތާންގައި މިހާތަނަށް އެއް ވެސް ބޮޑުވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނެތެވެ.

އެކަމަކު، ކްރިކެޓްގެ ބޮޑު މަގުބޫލު ކަމެއް އޮންނަ ޕާކިސްތާނަށް 1992 ގެ ކްރިކެޓް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން އިމްރާން، ބޮޑު ވަޒީރުކަމުން ދުރު ކުރުމުން ސިޔާސީ ބޮޑު ހަމަނުޖެހުންތަކުގެ ތެރެއަށް އެ ގައުމު ވެއްޓުނެވެ. މީގެ ކުރިން ބޮޑުވަޒީރަކު މަގާމުން ދުރު ކުރުމުން އެކަމާ ދެކޮޅަށް އަޑު އުފުލަން ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެފައެއް ނެތެވެ. އިމްރާން ހާން މަގާމުން ދުރު ކުރުމުން އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް ޕާކިސްތާންގެ އެކި ސިޓީތަކުގައި މުޒާހަރާ ކުރި އެވެ.

ނޮވެމްބަރު މަހު ބޮޑު ހިނގާލުމެއް ކުރިއަށް ގެންދަވަނިކޮށް އިމްރާން ހާނަށް ބަޑިން ހަމަލާއެއް ދީ އޭނާ ޒަހަމް ވެސް ކޮށްލި އެވެ.