ބޭރު ފައިސާއިން އިންވެސްޓްކުރުމުން ފައިދާ ހޯދައިދޭނެ ކަމަށް ބުނެ ހިންގާ ފޮރެކްސް (ފޮރިން އެކްސްޗޭންޖް) ޓްރޭޑިންގައި ބައިވެރިވާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގޮވާލައިފި އެވެ.

މަރުކަޒީ ބޭންކުން މިއަދު ބުނީ ރާއްޖޭގައި ފޮރެކްސް ޓްރޭޑިން ވިޔަފާރިކުރާކަން ހާމަކޮށް، އެ ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާ ކަމަށެވެ. އަދި ފޮރެކްސް ޓްރޭޑިން ވިޔަފާރިއަކީ އެ އޮތޯރިޓީން ރެގިއުލޭޓްކުރާ ވިޔަފާރިއެއް ނޫން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ އެ ވިޔަފާރި ރެގިއުލޭޓް ނުކުރި ނަމަވެސް، އެކަން ރެގިއުލޭޓްކުރަން ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އެނޫން ވެސް ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ ފައިސާގެ ބާޒާރުން ފައިދާ ހޯދައިދޭނެ ކަމަށް ބުނެ ފޮރެކްސް ޓްރޭޑިން ވިޔަފާރިކުރާ ފަރާތްތައް މެދުވެރިކޮށް ބޭރު ފައިސާ ވިއްކުމުގެ ކުރިން އެކަމުން ކުރިމަތިވެދާނެ ރިސްކްތަކަށް ބެލުމަށް ސަމާލުކަން ދިނުމަށް އަންގާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.