މެސެޗޫސެޓްސް (ޖެނުއަރީ 25) - އެމެރިކާގެ މެސެޗޫސެޓްސްގެ ފްލެޓެއްގެ އެނދެއްގެ ދަށުގައި ފޮރުވާފައި ހުރި 20 މިލިއަން ޑޮލަރު ހޯދައިފި އެވެ.

އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ލަފާކުރަނީ މިއީ ޕިރަޑް ސްކީމަކުން އެއްކޮށްފައިވާ ފައިސާ ކަމަށެވެ. މި ފައިސާ ހޯދާފައި ވަނީ ބްރެޒިލް މީހަކަށް ތަހުގީގު ކުރާ ފަރާތްތަކުން ފާރަލަމުން ދަނިކޮށެވެ. ފައިސާ ފެނުނީ ބްރެޒިލްގެ ކްލެބާ ރީނޭ ރިޒެރިޯ ރޮޗާ، 28، މެސެޗޫސެޓްސްގައި ދިރިއުޅޭ ފްލެޓުންނެވެ. މަނީ ލޯންޑްރިންގެ ތުހުމަތުގައި ރޮޗާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓަރުން ބުނަނީ މީގެ ދުވަސްކޮޅެއް ކުރިން ރޮޗާ އެމެރިކާ އަށް ދިޔައީ މި ސްކީމް ހިންގާ މީހުންނާ ބައްދަލު ކުރުމަށެވެ. އެއީ ސްކީމުން ލިބޭ ކޮމިޝަނާ ހަވާލުވުމަށް ކަމަށްވެ އެވެ. މެސެޗޫސެޓްސްގެ ހުޑްސޮންގެ ރެސްޓޯރެންޓެއްގައި ރޮޗާއާ ބައްދަލުކުރި މީހަކު އޭނާ އަށް ބްރީފްކޭހެއް ވަނީ ހަވާލުކޮށްފަ އެވެ. އަދި ފެޑެރަލް އެޖެންޓުން އޭނާ އަށް ފާރަލަމުން ގޮސް އެޕާޓްމަންޓަށް ވަދެ ބްރިފްކޭސް ޗެކްކުރި އިރު އޭގެ ތެރޭން ވަނީ 2.2 މިލިއަން ޑޮލަރު ފެނިފަ އެވެ. އަދި އޭގެ ފަހުން ފްލެޓް ބަލާ ފާސްކުރުމުން ވަނީ އެނދު ދަށުން 20 މިލިއަން ޑޮލަރު ފެނިފަ އެވެ.

އިތުރު މީހަކު ބައިވެރިކޮށްފި ނަމަ ކޮމިޝަން ލިބޭ ގޮތަށް ހިންގާ މި ސްކީމުގައި ދުނިޔޭގެ އެކި ގައުމުތަކުން އެއް މިލިއަން މީހުން ބައިވެރިވެފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. އަދި ސްކީމުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ބެލެވެ އެވެ. ޕިރަމިޑް ސްކީމް ހިންގުމުގެ ފަހަތުގައި ވަނީ އެމެރިކާގައި އިންޓަނެޓް ފޯނުގެ ޚިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޓެލެކްސްފްރީ އެވެ.