ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް (ޑީޓީޓީ) ބްރޯޑްކާސްޓިން ނެޓްވޯކް ގާއިމު ކުރުމަށް ޖަޕާނުން 25 މިލިއަން ޑޮލަރު (376 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ޗީފް ރެޕްރެޒެންޓޭޓިވް ފުސާޓޯ ޓަނާކާ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި މިއީ ޖަޕާނުން ރާއްޖެ އަށް މިހާތަނަށް ދިން އެންމެ ބޮޑު އެއް އެހީ އެވެ. މިކަމުން ވެސް އެނގެނީ ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އެހީތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. މުޅި އިންވެސްޓްމަންޓްގެ އަގަކީ 36 މިލިއަން ޑޮލަރު. ޖަޕާނުން މި ލިބިގެންދާ އެހީ އަކީ ވަރަށް ބޮޑު އަދަދެއް. މިއީ ވަރަށް ބޮޑު މުހިންމު މަޝްރޫއެއް މުޅި ރާއްޖެ އަށް ހިންގޭ،" މުނައްވަރު ވިދާޅުވި އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް ވިދާޅުވީ ޑީޓީޓީ ނެޓްވޯކް ގާއިމް ކުރުމާ އެކު ސެޓެލައިޓާ ނުލައި، މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރެވޭނެ ކަމަށެވެ. އެ ނެޓްވޯކްގެ ޚިދުމަތް ލިބޭނީ ހަމައެކަނި ދައުލަތުގެ މީޑިއާ އަށް އެކަނި ނޫން ކަމަށާއި އަމިއްލަ ބްރޯޑްކާސްޓަރުންނަށް ވެސް އެ ނެޓްވޯކުން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އަންދާޒާ ކުރެވޭ ގޮތުގައި 10 ޗެނަލް ބްރޯޑްކާސްޓް ކުރެވޭނެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ޚާއްސަ ކުރެވޭނެ. މިހާރު ވެސް ޕްރައިވެޓް ބްރޯޑްކާސްޓަރުން ކުރާ ހޭދަ އަށް ވަރަށް ބޮޑު ލުޔެއް އަންނާނެ،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ދަށުން މި މަޝްރޫއުގެ މަސައްކަތް ނިންމަންޖެހެނީ އޭޕްރީލް، 2019 އަށް ކަމަށް ވިޔަސް އެއަށް ވުރެ ކުރިން، އަންނަ އަހަރު އެ ނެޓްވޯކްގެ ޚިދުމަތް ދެވޭނެ އެވެ. މުޅި ޖުމްލަ 36 މިލިއަން ޑޮލަރު ޚަރަދުވާ އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވެސް ޚަރަދު ކުރެ އެވެ.