މާދަމާ ފާހަގަކުރާ ކުޑަކުދިންގެ ދުވަހު ޕީއެސްއެމްގެ ޕްރޮގްރާމްތައް ކުޑަކުދިން ހުށަހަޅައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުޑަކުދިން ބްރޯޑްކާސްޓް ކުރުމުގެ ދުވަހެއް ފާހަގަކުރުމުގެ ގޮތުން ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކުގެ ހަބަރުތައް މާދަމާ ހުށަހަޅައިދޭނީ ކުޑަކުދިން ކަމަށެވެ.
މާދަމާގެ ހަބަރުގެ އިތުރުން ޕީއެސްއެމްގެ ޗެނަލްތައް ކަމަށްވާ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމާއި ޕީއެސްއެމް ނިއުސްގެ އިތުރުން ދިވެހި އެފްއެމް އެހެން ބައެއް ޕްރޮގްރާމްތައް ވެސް ކުޑަކުދިން ހުށަހަޅައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މާދަމާ ހެނދުނު 6 އިން ފެށިގެން އިރުއޮއްސި 6 އާ ހަމައަށް ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކެއްގައި ކުޑަކުދިންގެ ބްރޯޑްކާސްޓް ދުވަސް ފާހަގަ ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރޮގްރާމްތައް ހުށަހަޅާނެ ކުދިން ހޯދާފައިވަނީ މާލޭގެ ސްކޫލްތަކުންނެވެ.
މީގެ ކުރިން ވެސް ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސްތައް ފާހަގަކޮށްފައިވެ އެވެ.