ރާއްޖޭގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ)ތައް ރިވިއު ކުރަން ޖެހޭ ކަމަށާއި އެ ހުރިހާ ކުންފުންޏެއް ހަމަ މުހިންމުތޯ ވޯލްޑް ބޭންކުން ސުވާލު އުފައްދައިފި އެވެ.

ވޯލްޑް ބޭންކްގެ އިގްތިސާދީ އަޕްރޭޓް ރިޕޯޓު ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީނިއާ އިންފްރާސްޓްރަކްޗާ ފައިނޭންސް ސްޕެޝަލިސްޓް މާކް އެލެކްޒެންޑާ ގިބްލެޓް ވިދާޅުވީ، ރާއްޖޭގައި މި ވަގުތު 32 އެސްއޯއީ ހިންގާ އިރު އޭގެ ތެރެއިން 22 އެސްއޯއީ އަކީ 100 ޕަސެންޓް ސަރުކާރު ހިއްސާ އޮންނަ ކުންފުނި ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އެހާ ގިނަ އިރު، އެ ހުރިހާ ކުންފުންޏަކީ ކޮންމެހެން މުހިއްމު ކުންފުނިތަކެއްތޯ ނުވަތަ ބޭނުން ހިފޭ ކުންފުނިތައްތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި އެސްއޯއީތަކުގެ 100 ޕަސެންޓް ހިއްސާ ހަމަ އެކަނި ސަރުކާރުގައި އޮންނަން ޖެހޭތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި ރާއްޖެ ފަދަ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި އެސްއޯއީތަކުގެ ބައިވެރިވުން މާ ބޮޑު ކަމަށެވެ.

ވޯލްޑް ބޭންކްގެ ޓީމުން ފިނޭންސް މިނިސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވަނީ -- ފޮޓޯ: ވޯލްޑް ބޭންކް
ވޯލްޑް ބޭންކްގެ ޓީމުން ފިނޭންސް މިނިސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވަނީ -- ފޮޓޯ: ވޯލްޑް ބޭންކް

"އެސްއޯއީތައް ހިންގުމަށް ފުރިހަމަ ގާނޫނެއް ނެތް. އެސްއޯއީތަކުން މާލީ މައުލޫމާތު ހާމަ ކުރުމުގައި މައްސަލަތައް އެބަހުރި. ފައިނޭންޝަލް ރިޕޯޓުތައް އާންމު ކުރުން ލަސްވުމާއި، ބައެއް މައުލޫމާތުތައް ހާމަނުކުރުމުގެ މައްސަލަތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މާކް ވިދާޅުވީ، މާލީ މައުލޫމާތުތައް ހާމަނުކުރާތީ ކުންފުންޏެއް ރަނގަޅަށް ހިނގާކަން ސަރުކާރަށް ނުބެލޭ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ވަރަށް ކުންފުނިތަކުގެ މާލީ ހާލަތު ވަރަށް ދަށް ކަމަށާއި ގިނަ ކުންފުނިތައް ހިންގަނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ނޫން ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ސެކްޓަރު ނޫން އެހެން ދާއިރާތަކުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްތަކުގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ވެސް ވަރަށް މަދު ކަމަށެވެ. އެހެން ދިމާވާ އެއް ސަބަބަކީ އެސްއޯއީތައް މެދުވެރިކޮށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުން ދިއުން ކަމަށް މާކް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ފަހިކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ.

"އެސްއޯއީ ޕޯޓްފޯލިއޯގެ ރިވިއުއެއް ސަރުކާރުން ހެދުން ވަރަށް މުހިއްމު. ކޮން އެސްއޯއީތަކެއްތޯ ރަނގަޅަށް ހިންގާ ގޮތް ބެލުމަށާއި އެސްއޯއީތަކުގެ ހިންގުން ރަނގަޅު ނޫނީ ކީއްވެގެންތޯ ބަލަން ޖެހޭ. އެއަށްފަހު އެފަދަ ކުންފުނިތަކުގެ ގަވަނަންސް ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.