ހުކުމްތަކުގެ ތަފްސީލުތައް ފަސޭހައިން ބެލޭނެ ޑޭޓާބޭހެއް ރޭ ލޯންޗުކޮށްފި އެވެ.
ގާނޫނީ ވަކީލް މަރިޔަމް ޝުނާނާގެ ލޯ ފާމުން ނެރުނު ޑޭޓާ ބޭސް، "ޝުނާ.ލޯ" އިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުރިހާ ހުކުމަކާއި ހައި ކޯޓުގެ ފަހުގެ ހުކުމްތައް ފެންނާނެ އެވެ. އަދި އެ ހުކުމްތަކުގެ ޓެކްސްޓުތައް ފަސޭހައިން ހޯދޭނެ އެވެ.
އޭގެ އިތުރުން ވަކިވަކި ފަނޑިޔާރުން ކޮށްފައިވާ ހުކުމްތަކާއި އެކި ބާވަތުގެ ހުކުމްތައް އެ ޑޭޓާބޭހުން ފަސޭހައިން ބަލައިލެވޭނެ އެވެ. އެއާއެކު، ހުކުމެއްގެ ހާލަތާއި ހުކުމް ތެރޭގައި ކަނޑައަޅާފައިވާ އުސޫލުތައް ފާހަގަވާނެ ނިޝާންތައް ވެސް ބޭނުންކޮށްފައިވާނެ ކަމަށް ލޯ ފާމުން ބުންޏެވެ.
އެ ޑޭޓާބޭސް ލޯންޗުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
ލޯ ފާމުން ބުނީ ޑޭޓާބޭހުގައި ހިމެނޭ ގާނޫނީ ބަސް ފޮތަކީ، ގާނޫނީ ބަސްތަކާއި އެ ބަސްތަކުގެ މާނަ ދެނެގަންނަން ތައްޔާރުކޮށްފައިވާ ބައެކެވެ. ގާނޫނުތަކުގައި އަދި ޝަރުއީ ކޯޓުތަކުގެ ހުކުމްތަކާއި ގާނޫނީ އެކި ރަދީފުތަކުގައި އެ ބަސްތައް ބޭނުންކޮށްފައިވާ ގޮތް ހިމަނާފައިވެ އެވެ.
ޑޭޓާބޭހުގެ ދެވަނަ ފިޔަވަހީގައި ވަޒީފާއާ ބެހޭ ގާނޫނީ އުސޫލުގެ ފޮތުގެ ބަޔާއި ގާނޫނީ ފޮތްތައް ޑޭޓާބޭހުގައި ހިމެނުމަށް ވަނީ ނިންމައިފަ އެވެ. ޑޭޓާބޭހުގެ ބަސްފޮތާއި ކޭސް ޑޭޓާބޭސް އަދި ކޯޓުތަކުގެ ހުކުމްތަކުގައި ހިމެނޭ އުސޫލުތައް މާކުކުރުމާއި ސްޓޭޓަސް ބައި އަޕްޑޭޓްކުރަމުންދާނެ އެވެ.
ގާނޫނީ ޑޭޓާބޭހުގެ އިތުރުން، "ވަޒީފާއާ ބެހޭ ގާނޫނީ އުސޫލުތައް" ނަމުގައި ވެސް ޝުނާނާ ލިޔުއްވާފައިވާ ފޮތެއް ނެރެފައިވެ އެވެ. އެ ފޮތުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަހުގެ އަދި މުހިންމު ގަޒިއްޔާތަކުގައި ވަޒީފާއާ ބެހޭ ގާނޫނު މާނަކޮށްފައިވާ ގޮތާއި ވަޒީފާއާ ބެހޭ އެކި އެކި އުސޫލުތައް ކަނޑައަޅާފައިވާ ގޮތެވެ.
އެ ފޮތުގައި އެކިއެކި ގަޒިއްޔާތަކުގައިވާ އުސޫލުތައް ދިރާސާކޮށް، އެ އުސޫލުތައް އަޅާ ކިޔައި އޭގައި ހުރި ތަފާތުތައް ދެނެގަނެ، މީހުންނަށް ފަސޭހައިން އެނގޭނެ ގޮތަށް ގެނެސްދީފައިވެ އެވެ.
ޝުނާނާ ވިދާޅުވީ އެ ފޮތުގެ ސަބަބުން ގާނޫނު ދިރާސާއަށް ފަސޭހަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.